އެއްލައްކަ ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތް ކަމަށްވާ އުރީދޫ ނޭޝަން ޕަބްޖީ ޗެމްޕިއަންޝިޕް މި މަހުގެ 21 އަދި 22 ވަނަ ދުވަހު ބޭއްވަން އުރީދު ނޭޝަންއިން ނިންމައިފިއެވެ.

އުރީދު ނޭޝަންގެ މި މުބާރާތަކީ ގޭމު ކުޅޭ މުޖުތަމައުގައި ޕަބްޖީ ގެ އެންމެ ހުނަރުވެރި އަދި ވާދަވެރި ޓީމުތައް އެއްތަނަކަށް ގެނެސް ވާދަވެރި މާހައުލެއްގައި ބައިވެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

މީގެއިތުރުން މިދިޔަ އަހަރު ބޭއްވި ރޯޑް ޓު 100ކޭ ކޮލިފައިން މުބާރާތްތައް ކަމަށްވާ ކޮންޓެންޑަރ ސީރީޒް 1، 2 އަދި 3 ގެ އިތުރުން ވައިލްޑް ކާޑް އެންޓްރީ ސީރީޒް ގެ ކާމިޔާބީއަށްފަހު ޖުމްލަ 16 ޓީމެއް ވަނީ އުރީދޫ ނޭޝަން ޕަބްޖީ ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ގާއިމްކޮށްފައެވެ.

މި މުބާރާތުގެ މެޗުތައް ދެ ދުވަހަކަށް ބަހާލާފައިވާއިރު، ފުރަތަމަ ދުވަހު ވާޗުއަލް މެޗުތަކާއި ދެވަނަ ދުވަހު ރެހެންދި ސްކޫލް ހޯލުގައި ހިތްގައިމު ލައިވް މެޗްތަކެއް ފެނިގެންދާނެ ކަމަށާ އަދި މި މުބާރާތުގެ ފުރަތަމަ ދުވަހު، 6 މެޗް ވަރޗުއަލް ކޮށް ކުޅުމަށް ހަމަ ޖެހިފައިވާއިރު، ދެވަނަ ދުވަހުގެ މެޗުތައް 22 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 6:00 އާއި ދެމެދު ރެހެންދި ސްކޫލް ހޯލުގައި ކުރިއަށްދާނެ ކަމަށް އުރިދޫއިން ބުނެފައިވެއެވެ.

މީގެއިތުރުން މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުވެސް ބޭއްވުމަށް ހަމަ ޖެހިފައި ވަނީ މިމަހު ބާވީސް ވަނަ ދުވަހު ގައި ރެހެނދީ ސްކޫލް ހޯލްގައެވެ. އަދި މުބާރާތުގެ އެންމެ މޮޅު ޓީމުތަކުގެ އަގު ވަޒަންކޮށް ދިނުމަށް ހަމަޖެހިފައިވާ 100،000ރ ގެ ފައިސާގެ އިނާމު ދިނުމަށް ހަމަ ޖެހިފައި ވަނީ އެންމެ މޮޅު 3 ޓީމަށެވެ.

ފައިސާގެ އިނާމު ބަހާލެވިފައިވަނީ

  • 1 ވަނައަށް ދާ ޓީމަށް 50،000 ރުފިޔާ
  • 2 ވަނައަށް ދާ ޓީމަށް 30،000 ރުފިޔާ
  • 3 ވަނައަށް ދާ ޓީމަށް 15،000 ރުފިޔާ
  • އެމްވީޕީ (އެންމެ މޮޅު ކުޅުންތެރިޔާ) 5،000 ރުފިޔާ

އުރީދޫ ނޭޝަންއިން ވަނީ މި މުބާރާތުގެ ބައިވެރިންނަށާއި ގޭމިން ކޮމިއުނިޓީއަށް ވެސް ހަނދާން ނައްތާނުލެވޭ ވަރުގެ ތަޖުރިބާއެއް ލިބިގެންދާނެ ކަމުގައްޔާއި މި އިވެންޓުގައި ހިތުގެ ތެޅުން އަވަސް އެކްޝަން، ނެއިލް ބައިޓިން ގޭމްޕްލޭ އަދި ހަގީގީ ގޭމިން ޗެމްޕިއަނުން އުފެދިގެން ދިއުން ފެނިގެންދާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

އުރީދޫ ނޭޝަން ޕަބްޖީ ޗެމްޕިއަންޝިޕާއި ޓީމް އަޕްޑޭޓްތަކާއި ޝެޑިއުލްތަކާއި އެނޫންވެސް އެހެނިހެން ކަންކަމުގައި މައުލޫމާތު އުރީދޫ ވެބްސައިޓް www.ooredoonation.mv އަދި އުރީދޫ ނޭޝަންގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުން ލިބިވަޑައިގަންނަވާނެއެވެ.