ސްޓެލްކޯގެ ކަރަންޓު ކޭބަލަކަށް ގެއްލުންވެ ކަރަންޓު ކެނޑުނަސް އެކަމެއް ވަރަށް އަވަހަށް ހައްލުކޮށް މާގިނައިރު ތަކެއް ނުވަނީސް އަލުން ކަރަންޓު ދެވޭނޭ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މީގެ ކުރީން މިފަދަ ކަމެއް ދިމާވިޔަސް އަލުން ކަރަންޓު ދިނުމަށް އެތައް ވަގުތެއް ހޭދަ ވިޔަސް މިހާރު އެކަން ވަނީ ބަދަލު ވެފައެވެ.

"އެފަދަ ހާލަތެއްގައި ވަގުތީ ގޮތުން އައު ކޭބަލެއް އަޅައިގެން ވިޔަސް، އެކޭބަލް މަރާމާތު ކޮށްގެން ވިޔަސް ގިނައިރު ތަކެއް ނުވެ އަލުން ކަރަންޓު ދެވޭނެ. އެވަރުގެ ކެޕޭސިޓީ ސްޓެލްކޯގައި މިހާރު ހުންނާނެ،" އެކުންފުނީން ބުންޏެވެ.

ކޭބަލަކަށް ގެއްލުންވެ މާލޭގެ ސަރަހައްދަކުން އެންމެ ފަހުން ކަރަންޓު ކެނޑިފައި ވަނީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރީންނެވެ. ކޮންސްޓްރަކްޝަން މަސައްކަތެއް ކުރަމުން ދަނިކޮށް ކޭބަލަށް ގެއްލުންވެފައި ވަނީ ދިރާގު މައިއޮފީސް ހުންނަ ސަރަހައްދުންނެވެ. އެދުވަހު ވެސް ސްޓެލްކޯގެ ޓެކްނީޝަނުން ވަގުތުން އެތަނަށް ގޮސް މަސައްކަތް ފެށިއެވެ. އަދި ގަޑިއެއްހާ އިރު ތެރޭގައި ވަނީ މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދޭން ފަށައިފައެވެ.

މިއީ ސްޓެލްކޯއިން ރައްޔިތުންނަށްދޭ ޚިދުމަތް އަވަސްކޮށް ފެންވަރު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެވެ. އެކަމަށް ބޭނުންވާ ޓެކްނިކަލް ސްޓާފުން މިހާރުވެސް ދަނީ ތަމްރީނު ކުރަމުންނެވެ. މުވައްޒަފުން ތަމްރީން ކުރުމަކީ އެކުންފުނީން އެންމެ އިސްކަން ދެއްވާ އެއްކަންތައް ވެސް މެއެވެ.

"މުވައްޒަފުންނަކީ ގާބިލް ބަޔަކަށް ހެދުމަށް އަބަދުވެސް މިތަނުން މަސައްކަތް ކުރާނެ. އެގޮތުން ރާއްޖެ އާއި ރާއްޖެއިން ބޭރުން ތަމްރީން ހޯދާފައިވާ ގާބިލް މުވައްޒަފުން ސްޓެލްކޯގައި އެބަ އުޅޭ. ޚިދުމަތައް އަވަސް ވުމުގެ ހުރިހާ ޝަރަފެއް އޮތީ އެފަދަ މުވައްޒަފުންނަށް،" ސްޓެލްކޯއިން ބުންޏެވެ.