ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ، އެ މަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކާ އެކު އުފައްދަވަން މަސައްކަތްކުރައްވާ 'ދަ ޑިމޮކްރެޓްސް'، އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ރަޖިސްޓްރީކޮށްދީފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް އެކަން އިއުލާނުކުރައްވައި ކުރައްވާފައިވަނީ ޓުވީޓަކުންނެވެ. ޓުވީޓުގައިވާ ގޮތުން، ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ފުރިހަމަވާން ޖެހޭ އިޖުރާއަތު ފުރިހަމަކޮށްފައިވާތީ، 'ދަ ޑިމޮކްރެޓްސް' ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމަށް އެ ކޮމިޝަނުން ވަނީ ފާސްކޮށްފައެވެ.

މި ނިންމުން ފާސްކޮށްފައި ވަނީ މިއަދު ބޭއްވި ކޮމިޝަންގެ 793 ވަނަ އާންމު ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ކަމަށް ހަބީބް ވިދާޅުވިއެވެ.

ސަރުކާރުގެ ނުފޫޒުން 'ދަ ޑިމޮކްރެޓްސް' އުފެއްދުމުގެ ހުއްދަ ދިނުން ލަސް ކުރި ކަމަށް ބުނެ، އެ ޕާޓީ އުފެއްދުމަށް ހުށަހެޅި ފަރާތްތަކުން ތަކުރާރުކޮށް ފާޅުކުރި ކަންބޮޑުވުންތަކާއެކު އެ މައްސަލަ ވަނީ މިދިޔަ މަހު ސިވިލް ކޯޓަށް ވެސް ހުށަހަޅާފައެވެ. އެހެންނަމަވެސް އީސީއިން މިކަމާ ދެކޮޅަށް ތެދުވި ދެފަރާތަކުން މިހާރު ވަނީ ހުއްދަދޭން އެއްބަސްވެވަޑައިގެންފައެވެ. ކުރިއަށް އޮތް ރިޔާސީ އިންތހާބަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ކެންޑިޑޭޓަކު ނެރޭނެ ކަމަށްވެސް އެޕާޓީއިން ވަނީ ހާމަކޮށްފައެވެ.