އެކައުންޓިން ދާއިރާ އިން މަތީ ތައުލީމު ހާސިލުކުރަމުގެ ފުރުސަތު 210 ފަރާތަކަށް ދީފިއެވެ.

އިއްޔެ ހަވީރު މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގައި ބޭއްވި ރަސްމިއްޔާތެއްގައި 210 ފަރާތަކަށް ވަނީ ސްކޮލަޝިޕް ލިބުނު ލިޔުން ހަވާލުކޮށްފައެވެ. މި ފަރާތްތަކަށް ލިޔުން ހަވާލުކޮށް ދެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަނާއި އޮޑިޓަރު ޖެނެރަލް ހުސައިން ނިޔާޒީއެވެ.

މި ސްކޮލަޝިޕް ބަހާލައިފައި ވަނީ ދެ ކެޓެގަރީއަށެވެ. އެއީ 161 އޯޕަން ކެޓެގަރީ އާއި 50 ޕަބްލިކް ކެޓެގަރީ އެވެ. މީގެ ތެރެއިން ފަންސާސް ފުރުސަތު ރިޒާވްކުރުމުގެ ބޭނުމަކީ ދައުލަތުގެ މާލީ ކަންކަމުގައި މަސައްކަތް ކުރާ ޒުވާނުންގެ ފަންނީ ގާބިލުކަން އިތުރުކުރުން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިއީ ވާދަވެރި ވަޒީފާގެ ބާޒާރު ދިވެހިންނަށް ފަހިކޮށް ދިނުމާއެކީ އެކައުންޓިން ދާއިރާއިން ތަމްރީން ލިބިފައިވާ ފަންނީ ދިވެހީން އުފައްދައި، އެ ދާއިރާ ބޭރުގެ މަސައްކަތްތެރިންނަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ މަގުސަދުގައި ހުންގޭ ސްކޮލަރޝިޕްތަކެއް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ..

އެކައުންޓިން ދާއިރާ އިން މިދިޔަ އަހަރު ދީފައި ވަނީ 173 ސްކޮލަޝިޕެވެ.