ލައިބީރިއާގައި އަންހެނުން ރޭޕްކުރާ މިންވަރު އިތުރު ވުމާ ގުޅިގެން މީހުން ވަނީ މުޒާހަރާ ކުރަން ފައްޓާފައެވެ. ރޭޕްގެ ޖަރީމާއަކީ ލައިބިރިއާގެ ގައުމީ ކުއްލި މައްސަލައެއްކަމަށް ނިންމަވައި ލައިބީރިއާގެ ރައީސް ޖޯރޖް ވީ ވަނީ ޚާއްސަ ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައެވެ.

ލައިބީރިއާގެ ރައީސް މިކަން އިޢްލާން ކުރެއްވީ އަންހެނުންނަށް ގޯނާ ކުރުމާ ދެކޮޅަށް ވެރިރަށް މޮންރޯވިއާގައި ފެށްޓެވި ކޮންފަރެސްގައި ވާހަކަ ދައްކަވަމުންނެވެ.

ލައިބީރިއާގައި އަހްލީ ހަނގުރާމަ ހިނގި 14 އަހަރުގެ ތެރޭ ރޭޕް ކުރުމަކީ އާންމު ކަމެކެވެ. އެ ސަގާފަތް އަދިވެސް އެގޮތުގައި މުޖުތަމައުގައި ދެމި އެބައޮތެވެ.

ލައިބީރިއާގެ ރައީސް އިޢްލާން ކުރެއްވި ޚާއްސަ ފިޔަވަޅުތަކުގެ ތެރޭގައި ރޭޕްގެ މައްސަލަތަކުގައި ދައުވާ ކުރުމަށް ޚާއްސަ ޕްރޮސެކިއުޓަރަކާއި ރޭޕް ކުރާ ފިރިހެނުންގެ ޚާއްސަ ދަފްތަރެއް އެކުލަވާލުމަކީ މިހާރު އެޅުމަށް ނިންމަވާފައިވާ ފިޔަވަޅުތަކެވެ.

ލައިބީރިއާގައި ޖޫން މަހާއި އޮގަސްޓް މަހާ ދެތެރޭ 500 ރޭޕް ކޭސް ރެކޯޑް ކުރެވިފައި ވެއެވެ. މިއީ އާދަވެގެން އުޅޭ މިންވަރަށް ވުރެން 80އާއި 100އިގެ އިތުރު ވުމެކެވެ.

އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ ގޯނާ އާއި ޖިންސީ ޝިކާރައަކަށްވާ މީހުން ސަލާމަތް ކރުމަށްޓަކައި ގައުމީ ސަލާމަތީ ޓާސްކްފޯސްއެއް އެކުލަވާލުމަށްވެސް ވަނީ ނިންމާފައެވެ.

އާބާދީގައި 4.5 މިލިއަން މީހުން އުޅޭ ލައިބީރިއާގައި ޖިންސީ ޝީކާރައަކަށްވާ މައްސަލަތައް ރިޕޯޓް ކުރާ މިންވަރު މަދެވެ. އަދި ރިޕޯޓް ކުރާ މައްސަލަތަކުގައި ދައުވާ ކުރުވެނީ އެންމެ ދޭއް އިން ސައްތައަށެވެ.