ފުވައްމުލަކަކީ އައްޑޫ ސިޓީއާއި ހުވަދު އަތޮޅާ ދެމެދު ރީތިކޮށް ދެމިފައިވާ ޗާލު ޖަޒީރާއެކެވެ. ލަފައިފުރާނެ ބަނދަރަކާއި ވައިގެ ބަނދަރެއް މިހާރު އޮތަސް މާޒީގައި އެރަށުގެ މީހުން އުޅެފައިވަނީ ވަށައިގެން ނަގަމުންދާ ބިޔަރާޅުތަކާ ހަނގުރާމަ ކުރުމުގައެވެ. އެ ހަނގުރާމައިން ފަތަޙަ ލިބުނުއިރު އެރަށުން ވަނީ އެތައް ފުރާނައެއް ގެއްލިގެން ގޮސްފައެވެ. އެތައް ބައެއްގެ އަގުބޮޑު މުދާވަނީ ކަނޑުގެ ކާނާއަކަށްވެ އަވަދިވެފައެވެ.
އެރީތި ހިތްގައިމު ޖަޒީރާގެ އަހުލުންނަކީ ޒަމާނުއްސުރެ ހިތްހެޔޮ ބައެކެވެ. މެހުމާންދާރީ އަދާ ކުރުމުގައި އެފަދަ ދެވަނައެއްނެތް ބައެކެވެ. މި ސަބަބުތަކާހެދި އެރަށުގެ މީހުން ވެފައިވަނީ އެހެން މީހުންގެ އިޙްތިރާމާއި ލޯބި މިލްކުކޮށްފައިވާ ބަޔަކަށެވެ.
ތިމާވެށީގެ ގޮތުން ނަލަކަމާއި ފެހިކަން ލިބިފައިވާ ފުވައްމުލަކަކީ ތާރީޚާއި ސަޤާފަތުގެ ގޮތުން ވެސް މުއްސަނދި ރަށެކެވެ. ޗާލު މާޒީއަކާއި ތަފާތު ތާރީޚެއް އޮތް ރަށެކެވެ. އޭގެތެރޭގައި ފުލޯކު ވާހަކަތަކާއި ޙަޤީޤީ ވާހަކަތައް ހިމެނެއެވެ.
އެރަށުގެ އައްޔަނި ސަރަޙައްދުގައި ހުންނަ އައްޔަނި ޒިޔާރަތަކީ ވެސް ހިތްގައިމު ތާރީޚަކާ ގުޅިފައިވާ ތަނެކެވެ. އެހެންނަމަވެސް އެ ވާހަކަތަކުގެ ތެދު ޙަޤީގަތެއް އެނގިފައެއް ނުވެއެވެ.
އަލްމަރުޙޫމް ގޫފަހަވަތި އަލިދީދީ (ވިދުވަރުގޭ އަލިދީދީ) ވިދާޅުވެފައިވަނީ އައްޔަނި ސަރަޙައްދަކީ ފުވައްމުލަކު މަޝްހޫރު ތުނޑި ހިމެނޭ ސަރަހައްދު ކަމަށެވެ.
އައްޔަނި ޒިޔާރަތް
ބަސްފޮތް ބުނާ ގޮތުން ޒިޔާރަތަކީ "ނަބީ ރަސޫލު ބޭކަލުންނާއި ރަސްރަސްކަލުންގެ ބިސްތާނު" އެވެ. އައްޔަނި ޒިޔާރަތޭ ކިޔުނީ އައްޔަނި ސަރަހައްދަށް އެ ޒިޔާރަތް ނިސްބަތްވީތީއެވެ.
އަލްމަރުޙޫމް ޢަލީދީދީ ވިދާޅުވެފައި ވަނީ އައްޔަނި ޒިޔާރަތަކީ އެރަށު މީހަކަށް ފެނުނު ހުވަފެނެއްގައި މީހަކު އައިސް ކިޔައިދީގެން ފެނުނުތަނެއް ކަމަށެވެ. އެ ހުވަފެން ފެނިފައިވަނީ ފުވައްމުލަކު ރަންފުތުގެ ރެކިފުތާ (ރެކީ) އަށެވެ. އެ ހުވަފެން ފެނުމާ އެހެން ހާދިސާއަކާ ގުޅުވާލެވިފައި ވެއެވެ.
ތިން އޮޑިއަކަށް ލައިގަތް ވިއްސާރަ
ރެކިފުތާއަށް ފެނުނު އައްޔަނި ޒިޔާރަތް ހުންނަތަން މީހަކު ކިޔައިދެއްވީ ޙަޤީޤީ ޙާދިސާއަކަށްފަހުގައި ކަމަށް ވެއެވެ. އެ ޙާދިސާއަކީ އިހު ޒަމާނުގައި ހުވަދުއަތޮޅަށް ދިޔަ ފުވައްމުލަކު ތިން ދޯނި އެނބުރި ރަށަށް އައި ދަތުރެއްގައި ރަށާ ވަރަށް ކައިރިވެފައި ހުއްޓައި ހިނގި ޙާދިސާއެކެވެ. ކުއްލިއަކަށް އުތުރު ފަރާތުން ބޭރުވިލާ ނެގިއެވެ. އުދަރެސް ބައްދައިލިއެވެ. ވިލާގަނޑު ނަގައި ވައިގަދަވިއެވެ. އޭރު ތިން ދޯނީގެ ތެރެއިން އެންމެ ކުރިއަށް އޮތީ "ބުއްރޫޙި" އޮޑިއެވެ. ވިލާގަނޑުގެ ވަޔާއެކު ކަނޑު ގަދަވެ އެދޯނި އަޑިއަށް ހިނގައްޖެއެވެ. އެންމެންގެ ކުރިމަތީގައެވެ. އެއިން އެކަކުވެސް ސަލާމަތެއް ނުވިއެވެ. އަނެއް ދެ އޮޑި ބެހިގެން ދިޔައީއެވެ. ކޮންތާކަށް ކަމެއް ނޭގެއެވެ.
ރެކިފުތާގެ ހިތާމަ
އެ ދެދޯނި ބެހިގެން ދިޔުމުން ރެކިފުތާއާއި ޢާއިލާއަށް ބޮޑު ހިތާމައެއް ކުރިމަތިވިއެވެ. އެއިން އެއް އޮޑިއެއްގައި ރެކިފުތާގެ ތިން ފިރިހެން ދަރީންނާއި އޭނާގެ އެއްބަނޑު އެއްބަފާ އަންހެނަކަށް މާމަކިޔާ ތިން ކުދިން ތިބި ކަމަށްޓަކައެވެ. އެ މީހުން ގެއްލުމުން ރެކިފުތާ އުޅެމުން ދިޔައީ އެކަމުގެ ފުން ހިތާމައިގައެވެ. އޭނާ އެކަންޏެއް ނޫނެވެ. މުޅި ޢާއިލާއެވެ. ރެކިފުތާއަށް ހުވަފެން ފެނުނީ މިހިތާމައިގެ ތެރޭގައެވެ.
ހުވަފެން
ހިތާމައިގެ ދުވަސްތައް ގުނަމުން ދަނިކޮށް ރެކިފުތާ އަށް އެއްރޭ ހުވަފެނެއް ފެނުނެވެ. ހުވަފެނުގައި އޭނާގެ ގާތަށް ބޭކަލަކު ދުރުވި ކަމަށް ވެއެވެ. އައްޔަނި ޒިޔާރަތާ ބެހޭ ޚަބަރު ރެކިފުތާއަށް ދެއްވީ މި ބޭކަލެކެވެ. އެ ބޭކަލަކު ވަނީ އައްޔަނި ޒިޔާރަތް ހުރިތަން ބުނެ ދެއްވައިފައެވެ. އަދި އެސަރަޙައްދަށް ގޮސް އައްޔަނި ވައު ސާފުކޮށް ޒިޔާރަތް ހޯދަން އިރުޝާދު ދެއްވިއެވެ. އެކަމުގައި ފަރުވާ ކުޑަ ނުކުރުމަށް ވެސް ނަޞޭޙަތްތެރިވެލެއްވިއެވެ. އެތަން ސާފު ކުރަމުންދާއިރު އައްޔަނި ޒިޔާރަތް ފެންނާނެ ކަމަށާއި އެޒިޔާރަތުގައިވާ މަހާނައިގައި އޮންނެވި ބޭކަލަކީ ވަލީވެރިއެއް ކަމަށް ވެސް ރެކިފުތާއަށް ބަޔާން ކޮށްދެއްވި ކަމަށް ވެއެވެ. އެތަން ވީހާ ވެސް ބޮޑަށް ސާފު ކުރުމަށްފަހު އާންމުންނަށް ހުޅުވާލުމަށް ވެސް އެބޭކަލަކު ވަޞިއްޔަތް ކުރެއްވި ކަމަށް ވެއެވެ. އެތަން ސާފު ކުރުމަށްފަހު ޞަލަވާތް ފާތިޙާ ކިޔެވުމަށް ވެސް ވަޞިއްޔަތް ކުރެއްވި ކަމަށް ވެއެވެ. އެބޭކަލަކު އެންމެ ފަހުން ވަކިވެވަޑައިގެންނެވީ ރެކީއަށް އުފާވެރި ޚަބަރަކުން ޚަބަރު ކުރައްވައިފައެވެ. އެއީ އެގޮތަށް ޢަމަލުކޮށްފިނަމަ އޭނާގެ ދަރިންނާއި ތިމާގެ މީހުންތިބި ދޯންޏާއި އަނެއް ދޯނި ވެސް ފެންނާނެ ކަމުގެ ޚަބަރެވެ.
ފުވައްމުލަކު މަޝްހޫރު ޅެންވެރިޔާ އަލްމަރުހޫމް ކަރައްޔަ ކަޅުތުއްތު ވަނީ މިކަމާ ބެހޭގޮތުން ރައިވަރެއް ވެސް ހައްދަވައިފައެވެ.
"ބޭކަލަކު ދުރުވެފައި
ތޭ ބުނޭ ރެކީގާތުގައި
ރޭތެ އައްޔަނު ވަލުތެރޭ
އޭގެ ހުއްޓޭ ރަތު ޒިޔާ
ށޭވެ އަވަހަށް ކޮށްޓަވާށޭ
އޭގެ ފައިދާ ވާނޭމޭ"
މި ހުވަފެނަށްފަހު ހެނދުނު ހޭލައިގެން ރެކިފުތާ އަވަސްވެގަތީ އައްޔަނި ވައު ސާފުކުރުމަށެވެ. ބަޔަކު މީހުން ގޮވައިގެން ގޮސް ރެކިފުތާގެ މަސައްކަތުން ޒިޔާރަތް ހޯދިއެވެ. ޒިޔާރަތެކޭ ބުންޏަސް ރެކީ އަށް ފެނުނީ ކީލަ ޖަހައިފައިހުރި ބޮޑު މަހާނައެކެވެ. އެތަން ސާފުކޮށް ޞަލަވާތް ފާތިޙާ ކިޔަވާން ފެށިއެވެ. އަދި އެތަން އާންމުންނަށް ދެއްކިއެވެ. މިގޮތަށް ޞަލަވާތް ފާތިޙާ ކިޔަވަމުން ދަނިކޮށް ތިންވަނައަށް ވީދުވަހު އެއްކަލަ ދެ އޮޑި ސަލާމަތުން ފުވައްމުލަކަށް ބަނދަރުކޮށްފިއެވެ. އޭގައި ރެކިފުތާގެ އައުލާދުން ވެސް ސަލާމަތުން އައެވެ.
އެފަހުން އެ ޒިޔާރަތް ވެގެންދިޔައީ ފުވައްމުލަކާއި އައްޑުއާއި ހުވަދުއަށާއި ރާއްޖޭގެ ބައެއް އެހެން ހިސާބުތަކަށް ވެސް މަޝްހޫރު ތަނަކަށެވެ. މީހުން އެތަން ބަލައިގަތީ ނަދުރު ބުނެވޭ ނަދުރު ފުދޭ ތަނެއްގެ ގޮތުގައެވެ.
އެޒިޔާތަށް މީހުން އެންމެ ގިނައިން ގޮސްފައިވަނީ ދަތުރުފަތުރު ކުރުމުގައި ފަހިވައި ނުލިބިގެން އެކަމަށް އެދި ނަދުރު ބުނުމަށް ކަމަށްވެއެވެ. އެތަނަށް ގޮސް ނަދުރު ބުނުމުން ފަހި ވައި ލިބޭކަމަށް ބައެއް މީހުން ބުނެފައިވެއެވެ. ފަހިވައި އަދައިގެން ދިޔުމުގެ އިތުރުން ލޯބިވެރިޔާ ޙާޞިލް ކުރުމަށާއި އެހެނިހެން މުހުތާދު ތަކަށް ވެސް އެ ޒިޔާރަތަށް މީހުން ނަދުރު ބުނެ އުޅުނު ކަމަށް ވެއެވެ. އެއީ މާޒީއެވެ. ދިވެހީން ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއެރުންތައް ހޯދައިފިއެވެ. ތަންދޮރުފިލާ ހެޔޮނުބައި ވަކިކުރެވޭ ވަރުގެ މީހުންނަށް ވެއްޖެއެވެ.
މިފަދަ ވާހަކަ ތަކީ އަދަބިއްޔާތާއި ސަޤާފަތާ ގުޅިލާމެހިފައިވާ ވާހަކަ ތަކެކެވެ. ދޫދޫމަތިން ދެކެވުމުން އަންނަ މިފަދަ ވާހަކަތައް ލިޔެ ރައްކާކުރަނީ މިފަދަ ކަންކަން ގަބޫލުކުރާތީއެއް ނޫނެވެ. އަދި މިފަދަ ކަންކަމަށް ހިތްވަރުދޭތީއެއް ވެސް ނޫނެވެ. އަދި ކިއެއްތަ ރާއްޖޭގެ ތާރީޚާއި ސަގާފަތާ ގުޅިފައިވާ ކަމަކަށްވާތީއެވެ.