ދިވެހިރާއްޖެއިން މިޞްރަށް ދަތުރުކުރާ ދިވެހިންނަށް ވިސާ އޮން އެރައިވަލް (އިމަޖެންސީ އެންޓްރީ ވިސާ) ގެ ދަށުން ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިއްޖެ ކަމަށް ފޮރިން މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީއިން ވިދާޅުވީ މި އިންތިޒާމުގެދަށުން، ދިވެހި ޕާސްޕޯޓް (އޯޑިނަރީ، ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް) އޮންނަ ފަރާތްތަކުން މިޞްރަށް ދަތުރުކޮށް އެ ޤައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް އެ ޤައުމުގައި ތިބެވޭނެކަމަށާއި މި ވިސާއަކީ ޓޫރިސްޓް ވިސާއެއްކަމަށެވެ. އަދި މި ވިސާގެ ފީއަކީ 25 ޑޮލަރެވެ.

މީގެއިތުރުން މިނިސްޓްރީއިން ވިދާޅުވީ ދިވެހި ޕާސްޕޯޓް އޮންނަ ފަރާތްތަކަށް ވިސާ އޮން އެރައިވަލް ދިނުމަށް މިޞްރު ސަރުކާރުން ނިންމާފައިވީ ނަމަވެސް، 30 ދުވަހަށްވުރެ ދިގު މުއްދަތަކަށް މިޞްރަށް ޒިޔާރަތްކުރާ ނުވަތަ ވަޒީފާ އަދާކުރުމަށް ނުވަތަ ތަޢުލީމް ޙާޞިލްކުރުމަށް ނުވަތަ މިޞްރުގައި ވިޔަފާރިކުރުމަށް ބޭނުންވާ ދިވެހިން މިޞްރަށް ދަތުރުކުމުގެކުރިން އެކަމަކާގުޅޭ ވިސާއެއް ނަގަންޖެހޭނެކަމަށެވެ.

ދިވެހިންނަށް މިޞްރަށް ވިސާ އޮން އެރައިވަލް ދިނުމަށް މިޞްރު ސަރުކާރުން ނިންމި މި މުހިންމު ނިންމުން، ދިވެހި ސަރުކާރުން ދެކެނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙުމަތްތެރި ގުޅުމާއި މިޞްރުން ދިވެހިރާއްޖެއަށް ދޭ ޚާއްޞަ އަހައްމިއްޔަތުކަމުގެ ރަމްޒެއްގެ ގޮތުގައިކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.