އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު "ދަ ޑިމޮކްރެޓްސް" އަށް މިރޭ ސޮއިކުރައްވައިފިއެވެ.

ނަޝީދަށް ތާއިދުކުރައްވާ އެމްޑީޕީއަށް ކުރިން ނިސްބަތްވާ މަޖިލިސް މެމްބަރުންތަކެއް އުފެއްދި "ދަ ޑިމޮކްރެޓްސް" އުފެއްދުމުގައި އަދި އެ ޕާޓީގެ ސިޔާސަތާއި ކުރިމަގު ބިނާކުރުމުގައި ނަޝީދުގެ ބައިވެރިވުން އޮވެއެވެ.

ދަ ޑިމޮކްރެޓްސްއަށް ނަޝީދު ސޮއިކުރެއްވުމަށް ހާއްސަކޮށްގެން އާޓިފިޝަލް ބީޗުގައި މިރޭ ވަނީ ޖަލްސާއެއް ބާއްވާފައެވެ. އެ ޕާޓީއަށް ނަޝީދު ސޮއިކުރެއްވީ މިޖަލްސާގައެވެ.

އެމްޑީޕީ ގެ ރައީސްގެ މަގާމުން ނަޝީދު ވަކިވެވަޑައިގެންފައިވަނީ މިއަހަރުގެ ޖޫން އެކާވީހުގައެވެ. އެދުވަހު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ފޮނުއްވި ސިޓީއެއްގައި، ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުންދާ ގޮތަށް ބައްލަވައި އެމްޑީޕީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ދަ ޑިމޮކްރެޓްސްގެ ފަރާތުން ކެންޑިޑޭޓެއް ވާދަކުރައްވާނެ ކަމަށާއި ކެންޑިޑޭޓަކު ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށްވެސް އެ ޕާޓީން ބުނެއެވެ.