ޔޫކޭގެ ރައްޔިތުންނަށް އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިން މިއަދު ދޭން ފަށައިފިއެވެ.

މިއީ، ޔޫކޭގެ ރައްޔިތުންނަށް ދޭންފެށި ދެވަނަ ކޮވިޑް ވެކްސިނެވެ.

އެމެރިކާގެ ފައިޒަރ ކުންފުނިން އުފައްދާފައިވާ ވެކްސިން މިދިޔަ ޑިސެމްބަރުމަހުގެ 8 ވަނަ ދުވަހުން ފެށިގެން ދޭން ފަށާފައި ވެއެވެ.

ޔޫކޭ ވެގެންދިޔައީ، ފައިޒަރގެ އިތުރުން، އެސްޓްރަޒެނެކާގެ ކޮވިޑް ވެކްސިން އާންމުންނަށް ދޭން ފެށި ފުރަތަމަ ގައުމަށެވެ.

ޔޫކޭއަށް ނިސްބަތްވާ އެސްޓްރަޒެނެކާއިން ކޮވިޑް-19 އަށް ވެކްސިނެއް އުފައްދާފައިވަނީ އެގައުމުގެ އޮކްސްފޯޑު ޔުނިވަރސިޓީ ގުޅިގެންނެވެ.

އެސްޓްރަޒެނެކާގެ ވެކްސިން އާންމުންނަށް މިއަދު ދެން ފެށިއިރު، އެންމެ ފުރަތަމަ ވެކްސިން ދީފައިވަނީ އުމުރުން 82 އަހަރުގެ ބްރަޔަން ޕިންކަރ ނަމަކަށްކިޔާ މީހަކަށެވެ. އެއީ، ޑައިލިސިސްހަދާ ބަލިމީހެކެވެ.

ބްރަޔަން ޕިންކަރއަށް ކޮވިޑް ވެކްސިން ދީފައިވަނީ، އެސްޓްރަޒެނެކާއިން ވެކްސިން އުފެއްދި ލެބޯޓަރީއާ މާދުރުނޫން ހިސާބެއްގައި ހުރި ހޮސްޕިޓަލެއްގައެވެ.

ޔޫކޭގެ ނޭޝަނަލް ހެލްތު ސަރވިސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބްރަޔަން ޕިންކަރގެ އިތުރުން، މިއަދު ވެކްސިންޖެހި މީހުންގެ ތެރޭގައި އޮކްސްފޯޑު ވެކްސިން ގްރޫޕްގެ ވެރިޔާ އެންޑްރޫ ޕޮލާޑާއި، ވެކްސިން ޓްރައިލްސްގެ ޗީފް އިންވެސްޓިގޭޓަރވެސް ހިމެނޭ ކަމަށެވެ.

ބެލެވޭގޮތުގައި، އެސްޓްރަޒެނެކާގެ ވެކްސިން އެންމެ ފުރަތަމަ ޖެހި މީހުންގެ ތެރޭގައި އެބޭފުޅުން ހިމެނުނީ، ވެކްސިންގެ ރައްކާތެރިކަމުގެ ޔަގީންކަން އާންމުންނަށް ދިނުމުގެގޮތުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އެސްޓްރަޒެނެކާގެ ކޮވިޑް ވެކްސިން އެންމެ ފުރަތަމަ ދޭނީ ޔޫކޭގެ މަދު ހޮސްޕިޓަލްތަކެއްގައެވެ.

އެއީ، އެ ވެކްސިން ޖެހުމުން މީހުންނަށް ދިމާވާ މައްސަލަތައް ބެލުމަށް ކަމާބެހޭ އިދާރާތަކުން ބޭނުންވާތީއެވެ.

ކަންކަން ބެލުމަށްފަހު ޔޫކޭގެ އެކި ކަންކޮޅުތަކުގެ ހޮސްޕިޓަލްތަށް ވެކްސިން ފޮނުވަން ފަށާނެކަމަށް ނޭޝަނަލް ހެލްތު ސަރވިސްއިން ބުނެފައި ވެއެވެ.

ޔޫކޭގައި އެންމެ ފުރަތަމަ ކޮވިޑް ވެކްސިން ދެމުން ގެންދަނީ، ސިއްހީ މަސައްކަތްތެރިންނާއި، ނަރުހުންނާއި، ނާސިމް ހޯމްތަކުގައި ތިބޭ މީހުންނާއި، އެތަންތާނގެ ސްޓާފުންނަށެވެ.

އެމެރިކާގެ ފައިޒަރގެ ވެކްސިނާ ޚިލާފަށް، ޔޫކޭގެ އެސްޓްރަޒެނެކާގެ ވެކްސިންގެ އަގުވެސް ހެވެވެ. އަދި އެއްތަނުން އަނެއްތަނަށް އުފުލުމާއި، ސްޓޯރކުރުމުގައިވެސް ފަސޭހައެވެ. ސަބަބަކީ، އާދައިގެ ފްރިޖްތަކުގައި އެ ވެކްސިން ސްޓޯރ ކުރެވޭތީއެވެ.

ފައިޒަރގެ ވެކްސިން ސްޓޯރ ކުރެވެނީ މައިނަސް 70 ޑިގްރީ ސެލްސިއެސްގައެވެ.