ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ސިންގަޕޫރުގެ ބިލިއަނަރު އޮންގް ބެންގް ސެންގް ހައްޔަރު ކުރުމަށް އެ ގައުމުން އަމުރެއްނެރެ، އެ ގައުމުގެ އިދާރާތަކުގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ. އޮންގް ގެ "ހޮޓެލްސް ޕްރޮޕަޓީސް ލިމިޓެޑް" (އެޗްޕީއެލް) އިން ރާއްޖޭގައި އަށް ރިސޯޓަކާއި ލިވަބޯޑެއް ހިންގަވެ.

ސިންގަޕޫރުގެ ކޮރަޕްޓް ޕްރެކްޓިސަސް އިންވެސްޓިގޭޝަން ބިއުރޯ (ސީޕީއައިބީ) އިން ވަނީ އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު ސުބްރަމަނިއަމް އިސްވަރާންއާ ދެމެދު ހިނގާފައިވާ މުއާމަލާތްތަކުގެ މައުލޫމާތު ހޯދުމަށް އެދިފަ އެވެ. އިސްވަރާންގެ މައްޗަށް ގެންދަނީ ހިޔާނާތުގެ ތަހުގީގެއް ހިންގަމުންނެވެ. އަދި, އޮންގް ހައްޔަރު ކުރުމަށް ނޯޓިސްއެއް ވަނީ ނެރެފައެވެ.

ބިލިޔަނަރު އޯންގް ހައްޔަރު ކުރަން ނިންމީ، ސިންގަޕޫރުގެ އެންޓި ކޮރަޕްޝަނުގެ އިދާރާއިން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ކަމަށާއި އަދި މިއީ އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އެސް އިސްވަރަންއާ ގުޅިފައިވާ ހިޔާނާތުގެ މައްސަލައެއްގައި ކަމަށް އެ ގައުމުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެޗްޕީއެލްއިން ހާމަކޮށްފައިވާ ގޮތުގައި އޮންގް ހައްޔަރު ކުރުމަށް ނެރުނު ނޯޓިސްއާ ގުޅިގެން އޭނާ އެގައުމަށް މިއަދު ދާނެކަމަށްވެއެވެ. އަދި, ކަފާލާތުގެ ގޮތުގައި ދައްކަން ޖެހޭ އެއް ލައްކަ ސިންގަޕޫރު ޑޮލަރު ވެސް އޮންގް ދައްކާފައިވާ ކަމަށްވެއެވެ. ސީދާ އޮންގްގެ މައްޗަށް ހިންގާ ތަހުގީގަކަށް ނުވި ނަމަވެސް, އެނބުރި ސިންގަޕޫރަށް އައިސް އޮންގްގެ ޕާސްޕޯޓު ސީޕީއައިބީއާ ހަވާލުކޮށް އޭނާ ހުންނާނީ އެ ބިއުރޯގެ ބެލުމުގެ ދަށުގަ އެވެ. ހަމައެހެންމެ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރަން ޖެހޭ ފަދަ އަމުރަކަށް ނުވާތީ އޮންގް ހުންނާނީ ކަފާލާތުގެ ދަށުން މިނިވަން ވެފަ އެވެ.

އެޗްޕީއެލުން ވަނީ ބުނާ ގޮތުގައި މި އަމުރާއެކު ސީޕީއައިބީއަށް ދޭން ޖެހޭ އެއްބާރުލުން އޮންގް ގެ ފަރާތުން އެންމެ ފުރިހަމައަށް ދެމުން ގެންދާކަމަށާއި އިދާރާތަކުގެ ބެލުމުގެ ދަށަށް ގެންދިޔުމާއެކު އެޗްޕީއެލްގެ ހިއްސާގެ އަގުތައް ހަ އިންސައްތަ ދަށަށް ގޮސްފައިކަމަށް ވެއެވެ.

އޮންގްއަކީ ރާއްޖޭގައި ވެސް ނުފޫޒުގަދަ ވިޔަފާރިވެރިޔެކެވެ. އޮންގްގެ ކުންފުނިން ރާއްޖޭގައި ހިންގަމުންދަނީ އެންމެ މަތީ ފަންތީގެ ރިސޯޓުތަކެކެވެ.

ރާއްޖޭގައި އޮންގްގެ ކުންފުނިން ހިންގާ ރިސޯޓުތަކަކަކީ;

  • 1. އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު
  • 2. ސިކްސް ސެންސަސް ލާމު
  • 3. ސިކްސް ސެންސަސް ކަނުހުރާ
  • 4. ހޮލިޑޭ އިން ކަނޑޫމާ
  • 5. ގިލި ލަންކަންފުށި
  • 6. ފޯ ސީޒަންސް ކުޑަ ހުރާ
  • 7. ފޯ ސީޒަންސް ލަނޑާގިރާވަރު
  • 8. ފޯ ސީޒަންސް ޕްރައިވެޓް އައިލެންޑް މޯލްޑިވްސް އެޓް ވޯވާ
  • 9. ފޯ ސީޒަންސް އެކްސްޕްލޯރާ (ލިވަބޯޑް)

ކޮވިޑު ދުވަސްވަރު ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން, ރާއްޖެއަށް ފަނަރަ ވެންޓިލޭޓަރާއި 150,000 މާސްކު ވެސް އޮންގް ހަދިޔާ ކުރިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އޮންގެ ހިމެނޭތަ؟

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން އޮންގްއަށް މަންފާވި ކަމަށް އޯގަނައިޒްޑް ކްރައިމް އެންޑް ކޮރަޕްޝަން ރިޕޯޓިން ޕްރޮޖެކްޓް (އޯސީސީއާރުޕީ) ގެ ރިޕޯޓަކުން ހާމަވެއެވެ. މިރިޕޯޓު ތައްޔާރުކޮށްފައި ވަނީ އޭރުގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފޯނުގައި ހުރި މައުލޫމާތުތައް އެއްކޮށްގެންކަމަށްވެއެވެ.

މި ރިޕޯޓުގައި ބުނެފައިވަނީ ވ. ފޮއްތެޔޮ ބޮޑުފުށި ހޯދުމަށް އެޗްޕީއެލްއިން މަޝްވަރާ ކުރަމުން ދަނިކޮށް ރާއްޖޭގެ އޭރުގެ ރައީސް އަބްދުالله ޔާމީނާއި އަދީބަށް އަގުބޮޑު ހޮޓެލްތަކުގައި ތިބުމުގެ ފުރުސަތާއި އަދި މާއްދީ އެކި ހަދިޔާ ދީފައިވާކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އޮންގްއާ ދެކޮޅަށް، ރާއްޖޭގައި އެއްވެސް ތަހުގީގެއް ހިންގާފައިވާކަން އެނގެން ނެތެވެ.