މާއްދީ ވަސީލަތްތައް ކިތަންމެ ވަރުގަދަ ވިޔަސް އީމާންކަން ބަލިކަށިވެ, އަޤީދާގައި ރެނދު އަޅައިފިނަމަ, އެ ބަޔަކު ބަލިވެދާނެ ކަމަށް ހުތުބާގައި ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ހިޖުރައިގެ ޒިކްރާއާއި ފިލާވަޅުތައް" މި މައުޟޫއަށް އިއްވި ހުކުރު ޚުތުބާގައި ބުނީ ހިޖުރައަކީ އިސްލާމީ ދައުލަތުގެ ފެށުންކަމަށާއި އެ ހިޖުރައިގެ ސަބަބުން އިސްލާމީ ދައުވަތު އައު ފަތިހަކަށް އަލިވިލުނު ކަމަށާއި މަދު މީސްކޮޅަކުން ބޮޑު އުއްމަތަކަށް ބަދަލުވިކަމަށެވެ. ނަސްރާއި ނަސީބު މުސްލިމުންނަށް ލިބެން ފެށީ، މަދީނާގައި މުސްލިމުންނަށް ހަމަޖެހުން ލިބުމުން ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން މާއްދީ ވަސީލަތްތައް ކިތަންމެ ވަރުގަދަ ވިޔަސް އީމާންކަން ބަލިކަށިވެ, އަޤީދާގައި ރެނދު އަޅައިފި ނަމަ, އެ ބަޔަކު ބަލިވެދާނެ ކަމަށް ހުތުބާގައި ބުންޏެވެ. އަދި ހިޖުރައިގެ ވާހަކައަކީ މުނިފޫހިފިލުވުމަށް ޓަކައި ކިޔާލަން ޖެހޭ ވާހަކައެއް ނޫން ކަމަށާއި އެއީ ޖާހިލުކަމާއި ކުފުރުގެ ރާޅުތަކުން އަރަމުން ދިޔަ ސަހަރާއެއްގެ މެދުތެރޭގައި މުސްލިމުންނަށް ވަތަނެއް ގާއިމްކޮށްދިން ހާދިސާއެއް ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ ހިޖުރައިން ދަސްވާ އެއް ފިލާވަޅަކީ ވަތަން ދެކެ ލޯބިވުން ކަމަށެވެ. މައްކާ ދޫކުރައްވާ ރަސޫލާ ނުކުމެވަޑައިގަންނަވަމުން މައްކާ އާއި މުހާތަބު ކުރައްވާ ހަދީސް ކުރެއްވި އަސަރުގަދަ ބަސްފުޅުތަކަކީ މިއަދުގެ މުސްލިމުންނަށް ވަތަންދެކެ ލޯބިވުމަށްޓަކައި އަގުހުރި ފިލާވަޅެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

މުސްލިމުންނަށް އިއްޒަތާއި ޤަދަރު ލިބެން އޮތީ އެމީހުންގެ އަޤީދާގައި ހިފެހެއްޓި މިންވަރަކުން ކަމަށާއި އަޤީދާ ބަލިކަށިވި ވަރަކަށް އެބަޔަކު ނިކަމެތިވާނެ ކަމަށްވެސް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ. ކީރިތި ރަސޫލާ ﷺ މަދީނާގައި ޤާއިމުކުރެއްވި އިސްލާމީ ދައުލަތް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭރު ދުނިޔޭގައި އޮތް އެންމެ ބޮޑު ދެ ބާރު ކަމަގައިވާ ފާރިސީންނާއި ރޯމަނުން ބަލިކުރީ މުސްލިމުންގެ އަދަދު ގިނަވެގެން ނޫން ކަމަށެވެ. އަދި ގެންގުޅުނު ހަތިޔާރު މޮޅުވެގެނެއް ވެސް ނޫނެވެ. އެކަމަކު އެމީހުންގެ އަޤީދާއާއި އިމާންކަން ހަރުދަނާވުމުގެ ސަބަބުން ކަމަށް ޚުތުބާގައި ބުންޏެވެ.