މިއަަހަރުގެ އަމީރުލްހައްޖު އަދި ނައިބު ރައީސް ފައިސަލް ނަސީމް، ރާއްޖެއަށް އެނބުރި އައި ހައްޖާޖީންގެ އެންމެ ފަހުގެ ގްރޫޕާ ބައްދަލު ކުރައްވައި، މަރުހަބާ ވިދާޅުވެއްޖެއެވެ.

މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހައްޖުވެރިންގެ ފަހު ގްރޫޕް މާލެ އައީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މި ގްރޫޕުގައި ހިމެނެނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ 290 ހައްޖުވެރިންނެވެ.

މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް 1000 ކޯޓާ ލިބުނެވެ. އަމިއްލަ ތިން ޖަމާއަތަކަށް ޖުމްލަ 270 ކޯޓާ ދީފައިވާއިރު ބާކީ ހައްޖުވެރިން ހައްޖަށް ގޮސްފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.

ހައްޖުގެ އަޅުކަން ކުރަން ދިޔަ ފަސް މީހަކު ވަނީ މައްކާގައި ނިޔާވެފައެވެ.

އެންމެ ފަހުން މީހަކު ނިޔާބީ ބުރާސްފަތި ދުވަހުގެ ހެނދުނުއެވެ.