ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މީމު އަތޮޅާއި ވާވު އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލު، މުލައަތޮޅު ކޮޅުފުށްޓަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ސަރުކާރުން ހިންގި ތިން މަޝްރޫއުއެއް ރަސްމީކޮށް އިފްތިތާހުކޮށް ދެއްވައިފިއެވެ.

ރައީސް، މި މަޝްރޫއުތައް ފަށްޓަވައި ދެއްވީ މި ރަށު ބަނދަރު ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި މަޝްރޫއުތަކަކީ މ ކޮޅުފުށީގެ ފެނާއި ނަރުދަމާގެ ހިދުމަތާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުއާއި ކޮޅުފުށީ ސުކޫލުގެ މަލްޓިޕާޕަސް ހޯލާއި އަލަަށް އިމާރާތް ކުރި ކްލާސްރޫމްތައް ހުޅުވައި ދެއްވުމެވެ. ސަރުކާރުން ވަނީ މި ރަށުގައި އިތުރު އަށް ކްލާސްރޫމް އިމާރާތް ކޮށްފައެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުއަކީ 22.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.