މިއަދު މެންދުރުފަހުގެ ވަގުތެއްގައި، މާތްވެގެންވާ ކައުބަތުﷲގެ މައްޗަށް، އިރު އޮލަނބުވާނެއެވެ. މިއީ ކުޅަދުންވަންތަކަމުގެ ބޮޑުވެގެންވާ ހެއްކެއް ފެނިގެންދާ ވަގުތެކެވެ.

މިކަން ޔަގީންކޮށްދީފައި ވަނީ ސައުދީގެ ކަމާބެހޭ އިދާރާއިންނެވެ.

ސައުދީގެ ކަމާބެހޭ އިދާރާއިން ބުނެފައިވަނީ މިއަދު އެގައުމުގެ ގަޑިން 12:26 ގައި އިރު ހުންނާނީ ގެފުޅާއި ދިމާލުން އޮލަނބަށް ކަމަށް ބުނެފައެވެ. މިއީ ރާއްޖެ ގަޑިން (14:26) މެންދުރުފަހު 2:26 ހާއިރެވެ.

މެއި 2023،28، 14:18 ގައި އިރު ގެފުޅާ ދިމާލުން ސީދާވި ވަގުތު

ކޮންމެ އަހަރަކުވެސް ދެފަހަރެއްގެ މަތީން ގެފުޅާ އޮލަނބަށް އިރު ސީދާވެގެން ދެއެވެ. މިހެން ވުމުން އެވަގުތު ގެފުޅުގެ އެއްވެސް ދިމާއަކުން ހިޔަނީގެ އަސަރެއް ނުފެންނާނެއެވެ. އިރު އެވަގުތަކު ހުންނާނީ ގެފުޅާ 152 މިލިއަން ކިލޯމީޓަރުގެ އުހުގައެވެ.

މިކަން އެންމެބޮޑަށް ހާއްސަވާ ސަބަބަކީ، އިރު ގެފުޅާ ސީދާ ވާ ވަގުތު އިރުގެ އަލިކަން ލިބޭ ދުނިޔޭގެ ކޮންމެ ހިސާބެެއްގައިވިޔަސް ބިންމަތީގައި ސީދަލަށް ހުންނަ އެއްޗެެއްގެ ހިޔަނި ގިބުލައަށް ސީދާވެފައި ހުންނާނެތީއެވެ.

މިއަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހުވެސް އިރު ވަނީ ގެފުޅާ އޮލަނބުވެފައެވެ. ދެން އިރު އޮލަނބަށް ގެފުޅާ ހަމަ ވާނީ އަންނަ އަހަރުގެ މެއި މަހުގައެވެ.