އެބުނަނީ ކޮން މާނައެއްގައި ކޮން ކަމަކަށް ބުނައި ބުނުމެއް ކަމެއް ތުއްތުސީދީ އަކަށް ނުވިސްނުނެވެ. ދެން އޭނާ ކުޑައިރުކޮޅިކު، އެ ކަޅު ހިޔަންޏާ ދިމާލަށް ބަލަން ހުރެފައި ގޮސް ޝަބީބާ ކަމަނާ ގެ ކުރިފުޅުމަތީ ބިން މަތީގައި ބާއްވާފައި ވާ ކަޅު ސިހުރުފޮތް ނަގައިފިއެވެ. އެ ވަގުތު އެ ކަމަނާ ވެސް ހުންނެވީ ވަރަށް ބިރުފުޅު ގެންފައެވެ. ޝަބީބާ ކަމަނާ އަށް އެނގޭހާ ވެސް އެއްޗަކީ އެކަމަނާ އެތަނުގައި ހައްޔަރުފުޅު ވެފައި އެ ހުންނަން ޖެހިވަޑައިގެންނެވީ އެ ސިހުރުގެ ފޮތުން ހަދާފައިވާ ހާހޫރައެއްގެ ސަބަބުންކަމެވެ. ކުޑަކޮށް ވެސް އެސިހުރުގެ ބާރު ކެނޑިއްޖެނަމަ މިހާރު އެ ޝަބީބާ ކަމަނާ އުދުއްސަވައި ފިއްލަވައިގެން ދާނެއެވެ. ތުއްތުސީދީ އެ ސިހުރު ފޮތް ނަގައި އެކަޅު ހިޔަންޏާ ދިމާލަށް އެފޮތް ދިއްކޮއް ލާފައި ބުންޏެވެ.
"މިއޮތީ ކަލޭ ތި ބޭނުންވެގެން އުޅޭ އެއްޗަކީ.....؟"
"ކަލޭ މިއެތިގަނޑު ހިފައިގެން މިތަނުން ރައްކާވޭ.....!"
ތުއްތުސީދީ މިހެން ބުނުމުން އެ ކަޅު ހިޔަނި ބާރުގަދަ އަޑަކުން ހޭން ފެށިއެވެ. އަދި ވަރަށް ރުޅިވެރި ކަމާއެކީގައި ބަރު އަޑަކުން ބުންޏެވެ.
"އޭ މިހިރަ އިންސާނާ......!"
"ކަލޭ ހީކުރީ އަހަރެން މިތަނަށް މިއަައީ ކަލޭ އަތުގައި ތިއޮތް ފޮތް ހޯދަން ކަމައްތަ......؟"
"ކަލޭ އަތުގައި ތިއޮތް ފޮތަކީ އަހަރެންގެ އަމިއްލައަށް ލިޔެ ތައްޔާރު ކޮށްފައި އޮތް އެއްޗެއް."
"ކަލޭމެންގެ ތެރެއިން ނުވަތަ އެހެން މަޚްލޫގެއްގެ ބަޔަކަށް ވިޔަސް ތި ފޮތުން ކިތަންމެ ވަރަކަށް ސިހުރު ހެދިޔަސް އަހަރެންނަކަށް ތިޔަކުން އެއްވެސް އަސަރެއް ނުކުރާނެ."
"ތިފޮތް ގެންގުޅޭ ބަޔަކަށް ތިފޮތުގެ ސިހުރު ވެސް ޖެހޭނެ."
"ތިފޮތް އޮތްހައި ތަނަކަށް އަހަރެންނަށް އާދެވި އަދި އޮތްތަނަކަށް ވަދެވޭނެ."
"ތި ފޮތް އަހަރެން ހަދައި ތީގައި އެއްވެސް ބަޔަކަށް ނޭނގޭނެ ބަހުރުވަ އަކުން ލިޔެ ތައްޔާރުކުރީ މި އުޅަނބޮޮއްޓެއް ނެތް މި ދެއަތުން. އަހަރެން ބޭނުންވި ގޮތަކަށް."
މިހެން ކިޔައި އެކަޅު ހިޔަނި ވަރަށް ބާރަށް ހޭން ފެށިއެވެ. ތުއްތުސީދީ އަށް އެ ކަޅު ހިޔަނި އެބުނި އެއްޗެއް ވިސްނިއްޖެއެވެ. ތުއްތުސީދީ ވަނީ ޝަބީބާ ކަމަނާ ހައްޔަރުފުޅު ކުރުމަށްޓަކައި އެކަމަނާ އޭނާ ގާތަށް ހާޒިރު ކުރުމުގެ ކުރިން ފާލެއް ބަލައިފައެވެެ. އެފާލު ދެއްކި ގޮތުގައި އޭ ގައިވާ ކަޅު ކުކުޅު ގެ ބިހާއި ނަންނުގަތީގެ ބިސް ވަނީ އެކުވެ އެއިން ލޭ ނާރެއް އުފެދި ވިންދު ޖެހިތަން ފެނިފައެވެ. އެ ކަޅު ސިހުރު ފޮތުގައިވާ ކުރެހުމެއްގައި މި ހާދިސާ ބަޔާން ކޮށްދީފައިވާ ބޮޑެތި ފާހަގަ ތަކަކާއި ކުރެހުން ތަކެއްގެ ނިޝާންތަކެއް ހުއްޓެވެ.
ތުއްތުސީދީގެ ދަރިފުޅު ޔާސިރުގެ ހަށިގަނޑުގެ ތެރެއަށް މި ކަޅުހިޔަނި ވަދެ ހިސޯރުކޮށް އެ ހިޔަނީގެ ވަސީލަތަކަށް ވެސްވަނީ ހަދައިފައެވެ. ދެން ސިހުރު ފޮތުގައި ލިޔެފައި ހުރި ބައެއް ސިހުރުގެ ފޮޅުވަތްތައް ވަރަށް ތަފްސީލުކޮށް ދިވެހި ބަހަށް ތަރުޖަމާ ކޮއްފައި ވޭއެވެ. އެ ކަޅު ހިޔަނި އެހެން އިންސާނުންގެ ހަށިގަނޑުގެ ތެރެއަށް ވަދެ ވަނީ އެތައް ބައިވަރު ކަޅު ސިހުރާއި ފާލާއި ތަށި ދުއްވާނެ ގޮތައި އަދި ތަވީދު ހަދައިދޭނޭ ގޮތް އެ ބަޔަކަށް ދަސްކޮށްްދީ ބުނެދީފައެވެ.
އަދި އަމީރާ ގިނިކަނދުލް ޝަބީބާ ޕަރީ ކަމަނާ އެ ކަމަނާ ގެ ގަނޑުވަރުކޮޅުގެ އަސީރެއްގެ ގޮތުގައި ވީމައި އެ ކަމަނާ ހައްޔަރުފުޅު ކުރެއްވުމުން ސިހުރު ފޮތުގައި ވާ ބަހެއްގެ ތަރުޖަމާގެ ދަށުން މަރުވެފައިވާ އަންހެން އިންސާނެއްގެ ގަބުރުގެ ކައްޓާއި ގުނަވަންތަކުން ވަނީ ސިހުރުގެ ބުދެއް ހަދައި ދޭނެ ގޮތް ވެސް ތަރުޖަމާ ކޮށްދީފައެވެ. އެ ގޮތުން އޭގައިވާ އެއްޗަކަށް ބަލައި ނުޖޫމީ ޢިލްމުގައި ހުރި އެއްޗެއް ގަޑުބަޑު ކޮށްގެން ވަނީ ކަޅު ސިހުރު ހަދައި އެ ބުދުގައި ޝަބީބާ ކަމަނާގެ ބިއްލޫރި ތަނޑިފުޅެއް އަމުނައި އަޅުވައިފައެވެ. އެ ކަމަނާ ބިމަށް ހާޒިރުފުޅު ވުމަށް ކަޅުސިހުރުގެ ރޫހާނީ ގޮވައި ލުމަކުން ގޮވައި ތިރިފުޅު ކުރައްވައި ހައްޔަރުފުޅު ކޮށްފައެވެ.
އެހެންވީމައި އެކަޅު ހިޔަންޏަކަށް މި ފޮތުގެ އެއްވެސް ސިހުރެއް ނުޖެހޭނެއެވެ. އޭނާ ވަނީ އެ ފޮތުގައި އޭނާއަށް ގޯނާ ނުވާނެ ގޮތް ހަދައިފައެވެ. އަދި ހަމަލާއެއް ނާންނާނެ ހުރިހައި ގޮތަކަށް އެ ފޮތް ބޭނުން ކުރިޔަސް ޖަރާކް ޖިންނި އަށް ހިމާޔަށް ލިބިގެންވާ އެއްޗަކަށް ހަަދައިފައެވެ. ކޮންމެ މީހަކު ނުވަތަ ސާހިރަކު ބަލާނީ ކޮންމެ ވެސް އެހެން މީހަކަށް ސިހުރު ޖައްސައި ދިރިއުޅުން ހަލާކުކޮށް ބަނަކޮށްލާނެ ގޮތަކަށެވެ. އެ ކަޅުހިޔަނި އަނެއް ފަހަރު ވެސް ބާރުގަދަ ކުރަކި އަޑުން ބައިވަރު އެކި ވާހަކަތައް ދައްކަން ފެށިއެވެ.
"އަހަރެންގެ ހަށިގަނޑުގަ ބާރުގަދަ ކަސްތަޅު އަޅުވާ އަހަރެން އަމިއްލަޔަށް މިހެދި ފޮތުގެ ތެރޭގަ ފުންމިން ނޭނގޭ ހިސާބަކަށް ވަނީ ގަންބާލާފަ."
"އެހެން އެގޮތަށް އަހަރެން އޮންނަން ޖެހުނުތާ ކިތަންމެ ސަތޭކަ އަހަރެއް ވެއްޖެ،"
"ބޭނުންވަނީ އެސިހުރުގެ ފޮތުގެ ތެރެއިން ނިކުންނަން."
"ޕަރީންގެ ރަސްގެފާނު ގެ ޖާދޫގެ ގޮފިގަނޑުގެ ބާރުގަ ވޭންހުރި އަލިފާނުގެ ދެބިޑި ވަނީ އަހަރެންގެ ދެ އަތުގަ އަޅާފަ."
"އަހަރެންގެ މުޅި ހަށިގަނޑު ގަޔާ ހަތަރެސްފާ ގަ ޗޭނު ލެވިފަ..... އަދި ފޮތުގެ ތެރޭގަ އެކޮޅުކޮޅަށް އެލުވާފަ."
"ސިހުރު ފޮތުގެ ތެރެއިން ނުނިކުމެވެނީ އަހަރެންގެ ހިޔަންޏާ އަހަރެންގެ ހަށިގަނޑާ ވަކި ކޮއްފަ ހުރީމަ."
"އެހެން ކަމުގަ ވިޔަސް މިހާލުގަ ވެސް އަހަރެންނަށް ބޭނުންވާ ގޮތަށް ސިހުރު އެއްޗެހި އެހެންމީހުން ލައްވާ ހަދާ އަހަރެން ބޭނުންވާ ހިސާބަށް އާދެވިއްޖެނަމަ އަހަންނަށް އެ ފޮތުގެ ތެރެއިން ނިކުމެ ވޭނެ."
"އަހަރެންގެ ދުޝްމިނާގެ ކިބައިން ބަދަލު ހިފުމަށް ތައްޔާރު ވެވިއްޖެނަމަ އަހަރެންނަށް މި ފޮތުގެ ތެރެއިން ނިކުމެވޭނެ ކަން ޔަޤީން."
"އަދި އަހަރެން ބޭނުންވާ ބަދަލު ވަގުތުން ހިފާނަން."
ތުއްތުސީދީ ހާސްކަންމަތީ ވަރަށް ބޮޑަށް އޭނާ އެބުނާ އެއްޗަކާއިމެދު ވިސްނަން ފެށިއެވެ. އެ ހިޔަނި އެބުނާ ދުޝްމިނަކީ ޕަރިސްތާންގެ ރަސްގެފާނު ހެއްޔެވެ....؟
އެއީ އަހަރެންނަކާއި އެއްވެސް ގުޅުމެއްހުރި ކަމެއް ނޫނެވެ. ދެން ތުއްތުސީދީ އެކަޅުހިޔަންޔާ ދިމާލަށް ބުނެފިއެވެ.
"ދެން ކަލޭ ތި ބޭނުންވަނީ ޕަރީންގެ ރަސްގެފާނުގެ ކިބައިން ބަދަލުހިފާކަށް ނޫން؟"
މިހެން ބުނުމުން އަނެއްކާ ވެސް ކަޅު ހިޔަނި ބާރަށް ހޭން ފެށިއެވެ. އަދި ވަރަށް ބިރުވެރި އަޑެއް ނެރެފައި ބުންޏެވެ.
"ކަލޭ ހީވެސް ނުކުރާ ފަދަ ގޮތަކަށް އަހަރެން ޕަރިސްތާނުގެ ރަސްގެފާނު އަލްއަބީރުލްމާލިކް ގެ ކިބައިން ބަދަލުހިފާނަން.....!"
"އަހަރެން މިވީހާ ދުވަހު ކަލޭގެ ކާބަފައިންގެ ނަސްލުގެ ހުރިހާ މީހުން ބޭނުން ކޮށްގެން މިހިސާބަށް މި ހުރިހާ ކަމެއް ވެސް މިކުރީ ހަމަ އަލްއަބީރުލްމާލިކް ރަސްގެފާނަށް ބަދަލުހިފަން."
"އެ ރަސްގެފާނު ވަނީ އަހަރެންގެ ހަށިގަނޑު މިފޮތުގަ ބަންދުކޮށްފަ."
"އަހަރެންގެ މި ހިޔަންޏަކަށް ވެސް އެފޮތުގަ އަތްލާން އުޅުނަސް އެކަމެއް ނުކުރެވޭނެ."
"ހަމަ އެކަނި އަހަންނަށް ޖެހޭނީ އެހެންމީހެއްގެ ސިކުނޑިއާއި ހަށިގަނޑު ވަސީލަތެއްގެ ގޮތުގަ ބޭނުން ކޮށްގެން މިކަން ކުރަން."
"އެގޮތުން ކަލޭގެ މުނިކާފަ ޒަމާނުއްސުރެ އަހަރެން މިއަންނަނީ މިކަން ނިންމާނޭ ގޮތަކާއި މެދު އެކި ގޮތްގޮތަށް ހޯދާ ބަލަމުން."
ތުއްތުސީދީ އަކަށް އެހިޔަނި އެބުނަން އުޅޭ އެއްޗެއް ނޭނގުނެވެ. ދެން ތުއްތުސީދީ ވަރަށް ހަރު އަޑުން ބުނެފިއެވެ.
"ކަލޭ ތިހިފާ ބަދަލެއް ތިބުނާ ރަސްކަލެއްގެ ކިބައިން ހިފާ!. އެކަމަކު އަހަރެންނަށް ރަސްގެފާނުގެ މިހިރަ ހުންނެވި ޕަރީ ދީ."
ތުއްތުސީދީ މިހެން ބުނުމުން އެކަޅު ހިޔަނި މަލާމާތުގެ ރާގަށް ބާރަށް ހޭންފެށިއެވެ. އަދި ބުންޏެވެ.
"ކަލޭ ތި ހީކުރީ އަހަރެން މިތަނަށް މިއައީ ކަލޭ ބޭނުންވާ ގޮތަށް ކަލޭގެ އަމުރުގެ ދަށުން ކަލޭ އެދުނުހާ ގޮތަކަށް ކަލޭގެ ރުހުން ހޯދާގެން ގޮތް ނިންމަން ކަމައްތަ؟"
މިހެން އެ ހިޔަނި ބުނީ ވަރަށް ރުޅިއައިސްފައެވެ. މިހެން ބުނެފައި އެކަޅު ހިޔަނި އެތާނގައި ހުރެފައި ނަގޫ ރޯޅިއަކަށް ވެއްޖެއެވެ. ދެން ކަޅު އޮލަ ދުންގަނޑެއްހެން އެއައި ގޮތަށް އައިސް ތުއްތުސިދީގެ އަނގައިގެ ތެރެއަށް ވަދެއްޖެއެވެ. މިހާރު ތުއްތުސީދީ އެހެރީ ކަޅުހިޔަނީގެ ޝިކާރައަކަށް ވެފައެވެ. ހަގީގަތުގައި ވެސް އޭނާގެ އަމިއްލަ އިޚްތިޔާރު ގައި އެއްވެސް ކަމެއް ނުކުރެވެއެވެ.
ތުއްތުސީދީގެ މުޅި ހަށިގަނޑާއި ނަފްސަކީ މިހާރު ޖަރާކް ޖިންނީގެ ބާރުގެ ދަށުގައިވާ އެއްޗެކެވެ. ޖަރާކް ޖިންނި އެވަނީ ތުއްތުސީދީގެ އެތެރެ ހަށި ހިސޯރުކޮށް އެ ޖިންނީ ގެ ބާރުގެ ދަށަށް ގެނެސްފައެވެ. ތުއްތުސީދީ އަކަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ.
(ނުނިމޭ)
މާޝާﷲ
ސަޅީ ނައްލެ