ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އިދިކޮޅު ފަރާތްތަކުން ކެމްޕޭނަށާއި ވާދަކުރެއްވުމަށް ނުކުންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް މިރޭ ގޮވާލައްވައިފިއެވެ. ހަމަމިއާއެކު ރައީސް ވިދާޅުވީ ތަޅާފޮޅުންތަކާއި ހަމަނުޖެހުންތަކަށާއި ސުލްހަ ގެއްލުވާލުންތަކަށް މިސަރުކާރުގައި ޖާގައެއް ނެތްކަމަށެވެ.

ރައީސް މިހެން ވިދާޅުވީ މ ދިއްގަރުގައި މިރޭ ހުޅުވި އެމްޑީޕީގެ 'އަމާން' ޖަގަހައިގައި ދެއްކެވި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ސާލިހު ވަނީ އެމަނިކުފާނުގެ ވާދަވެރިންނަށް ކެމްޕެއިންގައި ވާދަވެރިކަމާއެކު ނުކުންނެވުމަށް ގޮވާލައްވާފައެވެ. ރަައީސް ވިދާޅުވީ ވާދަވެރިން ތިބީ ދެހާސް ވަނަ އަހަރުގައި ކަމަށެވެ. ރައީސް ވިދާޅުވީ ވާދަވެރިން އިންތިހާބުގައި ވާދަކުރަން ނުކުންނަން ޖެހޭ ކަމަށެވެ. މީގެ އެތައް އަހަރެއް ކުރިން އެމްޑީޕީއިން ފެށި ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީއެއް ގެނައުމުގެ ދަތުރުގައި އެމްޑީޕީއިން ދަސްކޮށްފައި ވަނީ އިންތިހާބުގައި ވާދަކޮށް ވާދަވެރި ކެމްޕޭނެއް ހިންގައިގެން ވޯޓުން ނަތީޖާ ނެރުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެެވެ.

"އަޅުގަނޑު ދަންނަވާނީ ކެމްޕެއިނަށް ނިކުންނަވާށޭ. ވާދަކުރައްވަން ނިކުންނަވާށޭ. އަޅުގަަނޑުމެން މި ތިބީ ތައްޔާރަށޭ،"

ރައީސް ވިދާޅުވީ ވާދަވެރިން ވާދަކުރަން އިންތިހާބުގައި ނުކުންނަން ޖެހޭ ކަމަށާއި އެތައް އަހަރެއް ކުރިން އެމްޑީޕީއިން ފެށި ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީއެއް ގެނައުމުގެ ދަތުރުގައި އެމްޑީޕީއިން ދަސްކޮށްފައި ވަނީ އިންތިހާބުގައި ވާދަކޮށް ވާދަވެރި ކެމްޕޭނެއް ހިންގައިގެން ވޯޓުން ނަތީޖާ ނެރުމަށް ކަމަށެވެ. ނަމަވެސް ފެންނަނީ ވާދަވެރިންގެ ކިބައިން އަދިވެސް މާފަހަތުގައި އުޅޭތަން ކަމަށް ރައީސް ވިދާޅުވި އެވެ.

"ބައެއް ފަހަރު ހިތަށް އަރާ އަޅުގަނޑުމެންގެ ވާދަވެރިންނަށް އެ އުޅެނީ 2000ގެ ކުރީ ކޮޅުގައޭ. އެއިރު އަޅުގަނޑުމެން ކުރަން ފެށި ކަހަލަ ކޮންމެވެސް މަސައްކަތްތަކެއް ބައެއް ރަށްރަށުން އެބަ ފެނޭ. އަޅުގަނޑު ވަރަށް އިހުތިރާމާއެކު އެބޭފުޅުންނަށް ދަންނަވާލާނީ އެކަން ދޫކޮށްލައްވާށޭ. ރަނގަޅަށް ވާދަވެރި ކެމްޕެއިނެއް ކުރައްވާށޭ،" ރައީސް ވިދާޅުވި އެވެ.

ރަައީސް މިރޭ ވިދާޅުވީ ތަޅާފޮޅުމާއި ހަމަނުޖެހުމަށް ސަރުކާރުން އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށެވެ. މިރާއްޖޭގެ އަމަންއަމާންކަމާއި ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ފުލުހުންނާއި ސިފައިން ބަލަަހައްޓާނެ ކަމަށް ވިދާޅުވިއެވެ.

"ހަމަނުޖެހުމާއި ތަޅާފޮޅުމާއި ސުލްހަ ގެއްލުވާލަން ކުރާ ކަންތައްތަކަކަށް މި ސަރުކާރުން ފުރުސަތެއް ނުދޭނެ،" ރައީސް ވިދާޅުވިއެވެ.