މިދިޔަ ފަސްއަހަރު ފެނުނީ މަސައްކަތް ފެށުމާއި ނިންމުމުގެ ރޫހު އޮތް ސަރުކާރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.
ހިސާން މިހެން ވިދާޅުވީ ރޭ މ. ދިއްގަރުގައި ބޭއްވި ރައީސް ސާލިހުގެ ރިޔާސީ ކެމްޕޭން "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ހިސާން ވިދާޅުވީ ސިޔާސީ މަސައްކަތަކީ ވަރަށް ޒާތެއްގެ ކަމެއްކަމަށާއި އިވޭހާ އަޑަަކަށް ރައްދުދެއްވައިގެން ކުރަން ހުންނަ މަސައްކަތްތަކެއް ނުނިމޭނެކަމަށެވެ. ވޭތުވެދިޔަ ފަސްއަހަރު ރާއްޖެއިން ފެނުނީ މަަސައްކަތް ކުރުމުގެ ރޫހު އޮތް، މަސަައްކަތް ފެށުމާއި ނިންމުމުގެ ރޫހު އޮތް ސަރުކާރެއްކަމަށެވެ.
"ސިޔާސީ މަސައްކަތަކީ ވަރަށް ޒާތެއްގެ ކަމެއް. އިވޭ ހުރިހާ އަޑަކަށް ރައްދުދެއްވާނަމަ ކުރާން ހުރި މަސައްކަތްތަކެއް ނުނިމޭނެ. މިދިޔަ ފަސް އަހަރު އަޅުގަނޑުމެންނަށް ފެނުނީ މަސައްކަތް ކުރުމުގެ ރޫހު އޮތް ސަރުކާރެއް، މަސައްކަތްތައް ފެށުމާއި ނިންމުމުގެ ރޫހު އޮތް ސަރުކާރެއް،" ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ ރައްޔިތުންނަށް މި ވެރިކަމުގައި ކަށަވަރުވަނީ ރައީސް ސާލިހު ކަމެއް ކޮށްދޭން ވިދާޅުވެއްޖެއްޔާ އެކަމެއް ކުރައްވާނެކަން ކަމަށާއި ނިމިގެންދިޔަ ފަސްއަހަރު އެކަން ރައީސް ވަނީ ރައްޔިތުންނަށް ސާބިތުކޮށްދެއްވާފައިކަމަށެވެ.
"އަޅުގަނޑުމެންގެ ކެންޑިޑޭޓަކީ ކަމެއް ކޮށްދޭނެކަމަށް ވިދާޅުވެއްޖެނަމަ އެކަމަށް ހަގީގަތަށް ހައްދަވައިދެއްވަން ކެންޑިޑޭޓެއްކަން އެ މަނިކުފާނުގެ އަމަލުން މިދިޔަ ފަސް އަހަރު ދިވެހި ރައްޔިތުންނަށް ވަނީ ސާބިތުކޮށްދެއްވާފަ،"
އެމްޑީޕީގެ ތެރޭގައި ކުރިން އޮތް ސިޔާސީ ހިޔާލުތަފާތުވުންތަކާއެކު ވެސް ކުދި ރަށެއް، ބޮޑު ރަށެއް ނުބައްލަވައި، ރައީސް ވަނީ އެރަށްރަށަށް ތަރައްގީ ގެނެސްދެއްވާފައި ކަމަށް ހިސާން ވިދާޅުވިއެވެ. ހަމައެހެންމެ ރަށެއްގައި ކުޑަ އާބާދީއެއް އޮތުމުން އެ ރަށެއް ތަރައްގީން މަހުރޫމުވާން ޖެހޭ ކަމަށް ރައީސް ސޯލިހު ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
"އިދިކޮޅުންނާއި އެތެރޭގައި ތިބެ އިދިކޮޅުގެ ދައުރު އަދާކުރަމުން ގެންދިޔަ ހުރިހާ އެންމެންގެ ވިސްނުމުގެ ބަހާއި ދެކޮޅު ހެދުންތަކާއެކު ވެސް ރާއްޖޭގެ ކުދި އާބާދީތަކަށް ތަރައްގީގެ ފޯރުކޮށްދެވިއްޖެ،" ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ފަރާތްތަކުން ވާދަކުރައްވަނީ ކޮން ކެންޑިޑޭޓެއްކަން ވެސް އަދި ސާފުނުވާ ކަމަށެވެ. އިދިކޮޅުގެ ޕާޓީތަކުގެ އެތެރޭގައި އޮތީ ބާރުވެރިކަން ހޯދުމާއި ހަމަނުޖެހުން ކަމަށާއި އަމިއްލަ އެދުމުގައި ތިބެގެން ރައްޔިތުންނަށް ކަމެއް ނުކޮށްދެވޭނެ ކަމަށްވެސް އިދިކޮޅު ފަރާތްތަކަށް އަމާޒުކުރައްވައި ހިސާންވިދާޅުވިއެވެ.