ކޮވިޑް ދުވަސްވަރުގައި 75 ވެންޓިލޭޓަރު ގަތުމަށް ބޭރުގެ ކުންފުންޏަކާ ހަވާލު ކުރުމުގައި ކޮރަޕްޝަން ހިންގި ކަމުގެ ތުހުމަތު ކުރެވޭ މައްސަލާގައި ދައުވާ ނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

މީގެކުރިން މި މައްސަލަ ތަހުގީގު ކުރުމަށް ތިން ފަހަރެއްގެ މަތިން އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކޮށް ޕީޖީއަށް ދައުވާކުރަން ފޮނުވާފައިވާއިރު، އެންމެ ފަހުން މައްސަލަ ބަލަން ފޮނުވާފައިވަނީ 2022 ވަނަ އަހަރު ޑިސެމްބަރު މަހުގައެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ޕީޖީން ވަނީ އަލުން އެ އިސްލާހުކުރުމަށްފަހު ފޮނުވުމަށް އޭސީސީގައި އެދިފައެވެ.

ފެބްރުއަރީ 26 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވަނީ އެހަފްތާ ތެރޭގައި ދައުވާ ކުރުމަށް ގޮތެއް ނިންމާނެކަމަށް ވިދާޅުވިއެވެ. ނަމަވެސް މި މައްސަލަ ނުބަލާ ތިބުމަށްފަހު ފަސް މަސް ދުވަސް ފަހުން މައްސަލަ ކުރިޔައް ނުގެންދަން ޕީޖީއިން ނިންމައިފިއެވެ.

ކޮވިޑު-19 ބަލިމަޑުކަމުގެ ދުވަސްވަރު 75 ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކިޔާ ކުންފުންޏަކަށް ސަރުކާރުން އެޑްވާންސަށް 31 މިލިއަން ރުފިޔާ ދިން ނަމަވެސް އެ ކުންފުނިން ފޮނުވާފައިވަނީ އެންމެ 15 ވެންޓިލޭޓަރެވެ. އެ ވެންޓިލޭޓަރު ތަކަކީވެސް ބޭނުން ކުރެވޭ ގޮތަށް ހުރި ތަކެއްޗެއް ނޫނެވެ.

މިކަމާ ގުޅިގެން އެންމެ ފުރަތަމަ ސަރުކާރުން ބުނަމުން އައީ އެ ވެންޓިލޭޓަރުތައް ގަންނަން ހަވާލުކުރީ ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާގެ ލަފާގެ މަތިން ހޯދި ކުންފުންޏަކަށް ކަމަށެވެ.