މިއަހަރުގެ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރަމުން އިބްރާހީމް މުހައްމަދު ސާލިހު ވ.އަތޮޅަށް ކުރައްވަމުން ދާ ދަތުރުފުޅުގައި ވ.ކެޔޮދޫ ރައްޔިތުންނަށް މުހާތަބުކުރަމުން ވިދާޅުވީ، ވ. އަތޮޅަކީ ކުޑަ އަތޮޅަކަށްވިޔަސް، މީހުން މަދު އަތޮޅަކަށްވިޔަސް، އެ އަތޮޅުގައި އިގްތިސާދީ ހަރަކާތްތައް ކުރިއަށް ގެންދަން ޕްލޭން ކޮށްފައިވާކަމަށެވެ.
ރައީސް ވިދާޅުވީ ޓޫރިޒަމްގެ އެ ބޮޑު މަޝްރޫއު މިތާ ފެށިގެންދާއިރުގައި ވައިގެމަގުން މި އަތޮޅާ ވެސް ގުޅިގެންދާނެކަމާއި، އޭގެ ބައެއް އެއްބަސްވުންތަކުގައި މިހާރު ސޮއިކޮށްފައިވާކަމަށެވެ. އަދި ދެން އޮތް ކަންތައް މާދަމާ މާލެ ގޮސް ބާއްވާ އިކޮނޮމިކް ކައުންސިލްގައި އެ މަސައްކަތް ނިމިގެންދާނެ ކަމަށެވެ. އެއަށްފަހު އޮންނާނީ އަމަލީ މަސައްކަތް ފެށުމަށް ވާން ޖެހޭ ކުރެހުންތައް ތައްޔާރުކުރުންކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެހުރިހާ ކަމެއް ނިމިގެންދާއިރުގައި މިއަތޮޅު ރައްޔިތުން ބޭނުންވެފައި އޮތް ޕިކްނިކް އައިލެންޑް ލަސްތަކެއް ނުވެ ލިބިގެންދާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކެޔޮދޫއަށް ހަތް ވައުދެއް ވެފައިވާ ކަމަށެވެ. އޭރު އެގޮތަށް އެހާ ގިނަ ކަންތައްތައްކެއް އެއްފަހަރާ ކުރަން ޖެހުނީ މީގެކުރިން ކަމެއް ކުރެވިފައި ނުވާތީ ކަމަށެވެ. ނަމަވެސް ކުރިއާ ހިލާފަށް މިހާރު ރަށަކަށް އަރައިފިއްޔާ ކޮށްދޭން ބުނާ ކަންތައް ވަރަށްމަދު ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިސާލަކަށް ފޯކައިދޫއިން ބޭނުންވަނީ އެންމެ ތިން ކަމެއް ކަމަށެވެ. އަދި އިއްޔެ ދިޔަ ރަށަކުންވެސް ދެން ތިމަންނަމެން ބޭނުންވަނީ އިތުރަށް އެންމެ ދެކަމޭ ބުނިކަން ފާހަގަ ކުރައްވަމުން ވިދާޅުވީ އޭގެ ބަދަލުގައި 2018 ވަނަ އަހަރު އެރި ކޮންމެ ރަށަކުން ބައްދަލުވި ކޮންމެ ކައުންސިލަކުން ބޮޑު ލިސްޓެއް ހުށަހަޅަމުން ގެންދިޔަ ކަމަށެވެ. އެހެން ނަމަވެސް \ވައުދުތައް ފުދެމުން ދިޔަ ވަރަކަށް ރައްޔިތުން ބޭނުންވާ ކަންތައްތައް އެދަނީ މަދުވަމުންކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ކެޔޮދޫއަށް ވެ ވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން، އެރަށުގެ ބަނދަރު ހަދައި ނިމިފައިވާ ކަމަށާއި، ސްކޫލް މަލްޓިޕާޕަސް ހޯލް މިއަދު ހުޅުވާނެ ކަމަށެވެ. އަދި ސްކޫލަށް އިތުރުކުރާ ކްލާސްރޫމްގެ ދެބުރި އިމާރާތް ކުރިއަށްދާ ކަމަށާއި، ސްކޫލަށް އިތުރަށް ބޭނުންވާ ހަތަރުބުރީގެ އިމާރާތެއް ކުރިއަށް އޮތް ތަނުގައި ސްކޫލަށް އިތުރު ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިރަށުގައި ވޮލީކޯޓެއް، ފުޓްބޯޅަ ދަނޑެއް، މިއީ ޒުވާނުންނަށް ބޭނުންވެގެން ކުރަން ނިންމާފަހުރި ކަންތައްތައްކަމާއި ފުޓުބޯޅަ ދަނޑުގެ މަސައްކަތް މިހާރުވަނީ އެވޯޑުކޮށްފައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދެން އޮތީ އަމަލީ މަސައްކަތް ކަމަށެވެ. އަދި ވޮލީ ކޯޓުގެ މަސައްކަތްވެސް އޮތީ ކޮންޓްރެކްޓް ކުރެވިފައި ކަމަށާއި ލަސްތަކެއްނުވެ، އެކަންތައް ފެށިގެންދާނެކަމަށާއި އަދި ސިއްހީ ހިދުމަތް އެންމެ ރަނގަޅަކަށް މިރަށުގައި ނެތުމުން ސެންޓަރުގެ ޕްރޮޖެކްޓް ވީހާވެސް އަވަސްކޮށް ކުރިއަށް ގެންގޮސްދޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.