މިއަދުގެ މި ޖީލުގެ މި ބިމުން އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށްވުރެ ވެރިކަމަށް ކުފޫ ހަމަވާ ކެންޑިޑޭޓެއް ނުނެރެވޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ، ރައީސް ސާލިހުގެ "އުފާވެރި އަމާން ރާއްޖެ" ކެމްޕޭންގެ ތެރެއިން މ. ދިއްގަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އިމްރާން ވިދާޅުވީ ރައްޔިތުންނަށް އިހުލާސްތެރި ވެރިއަކަށް ހުންނެވީ ހަމައެކަނި ރައީސް ސާލިހު ކަމަށެވެ.

އިމްރާން ވިދާޅުވީ ދިވެހި ދައުލަތުގެ މުއާތިނުންނަށް އިހުލާސްތެރިކަމާއި އޯގާތެރިކަމާއި ހެޔޮ ވެރިކަމެއް ކޮށްދޭނެ އެއްވެސް ކެންޑިޑޭޓެއް، ރައީސްސާލިހު ނޫނީ، އެކަމަށް ކުފޫ ހަމަވާ އެއްވެސް ކެންޑިޑޭޓެއް މިއަދުގެ މި ޖީލުގައި ނެތް ކަމަށާއި މިއަދުގެ މި ޖީލުގެ މި ބިމުން މިއަށްވުރެ ކުފޫ ހަމަވާ ކެންޑިޑޭޓެއް ނުނެރެވޭނެކަމަށެވެ.

އިމްރާން ވިދާޅުވީ ރައީސް ސޯލިހުގެ އިތުރުން ގިނަ ސިޔާސީ ބޭފުޅުންނާއެކު މަސައްކަތްކުރެވިއްޖެ ކަމަށާއި އެ ހުރިހާ ބޭފުޅުންނާއެކު ކުރެވުނު ތަޖުރިބާ އާއި ކުރެވުނު މަސައްކަތުން އެންމެ އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ރައްޔިތުންނަށް އޯގާވެރިކަމާއެކު ވެރިކަން ކުރެއްވޭނެ ބޭފުޅަކަށް ހުންނެވީ ހަމައެކަނި ރައީސް ސޯލިހު ކަމަށެވެ.

އިމްރާން ވިދާޅުވީ ވަރަށް ގިނަ ދުވަހު ރައީސާއެކުގައި، ގާތްގަނޑަކަށް 2015 އިން ފެށިގެން ވަރަށް ކައިރިން މަސައްކަތް ކުރެވިއްޖެ ކަމަށާއި އެންމެ މަދުން މަސައްކަތްކުރެވުނީ ރައީސް މައުމޫނާއެކު ކަމަށެވެ.

"އެހެންނަމަވެސް ރައީސް މައުމޫން ވަރަށް ކައިރިން ދުށިން. އެންމެ ކައިރިން ފެނުނީ ޖަލުން. ރައީސް ނަޝީދާ ބައެއް ފަހަރު ހިޔާލު ތަފާތުވިއެއް ކަމަކު ވަރަށް ކައިރިން މަސައްކަތްކުރިން. ގާސިމް އިބްރާހީމަށް ދެ އިންތިހާބުގައި ތާއީދުކޮށްގެން ވަރަށް ގާތުގައި ހުރިން. ކާނަލް ނާޒިމާ އެކުގައި ގާތްގަނޑަކަށް ދެ އަހަރާއި ބައި ވަންދެން އެއްކޮށް ޖަލުގައި ހުރިން. އުމަރު ނަސީރާ އެކުގައި ވަރަށް ގިނަ މުޒާހަރާ ކުރިން،" އިމްރާން ސިޔާސީ މަސައްކަތާ ގުޅޭގޮތުން އިމްރާން ވިދާޅުވިއެވެ.

ދިއްގަރުގައި މުޒާހަރާކޮށް، ވާދަވެރިން ދެއްކި މަންޒަރަކީ މިހާރުގެ ހާލަތާ އެއްގޮތަކަށް ވެސް މުނާސަބު ހާލަތެއް ނޫން ކަމަށާއި އެ ހާލަތު މިހާރު މާޒީވެގެން ގޮސްފައިވާ ކަމަށް އަދި ރައީސް ސާލިހުގެ ސަރުކާރުގައި އެކަން އިތުރަށް ސާބިތުކޮށްދީ، އަމާން ރާއްޖެއަކަށް މި ރާއްޖެ ހައްދަވާނެ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.