ރަނިންމޭޓެއް އަދި ކަޑައަޅުއްވާފައި ނުވާނެ ކަމަށާއި ރިޔާސީ އިންތިހާބަށް ނަން ހުށަހަޅާ ފޯމު ހުށަހަޅުއްވާނީ ރަނިންމޭޓަކާއެކު ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އިއްޔެ ވ. ފުލިދޫގައި ބޭއްވި ރިޔާސީ ކެމްޕޭން "އުފާވެރި އަމާން ރާއްޖެ" ނިންމަވައިލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އެ މަނިކުފާނު މިހާރު އެންމެ ބޮޑަށް ވިސްނަވަމުން ގެންދަވަނީ ރަނިންމޭޓެއް ކަނޑައެޅުމާ ގުޅޭގޮތުން ކަމަށެވެ.

ރައީސް ވިދާޅުވީ، ރަނިންމޭޓެއް ކަނޑައެޅުމާ ބެހޭ ގޮތުން ވަކިވަކިން ޕާޓީގެ އިސްބޭފުޅުންވާ ވާހަކަދައްކަވަމުން ގެންދަވާ ކަމަށާއި އެ ބޭފުޅުންގެ ވިސްނުމާއި ހިޔާލު ކޮންމެދުވަހަކުވެސް ހޯދަމުންދާ ކަމަށެވެ. އަދި ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ވަކިވަކިން އެކި ނަންތައް ލިބެމުންދާކަމަށާއި، ފަހަރެއްގައި ކޯލިޝަނުންވެސް ބޭފުޅެއް ރަނިންމޭޓަކަށް ކަނޑައަޅައިފާނެ، ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

އަދި ރިޔާސީ އިންތިހާބަށް ނަން ހުށަހަޅާ ފޯމު ހުށަހަޅުއްވާނީ ރަނިންމޭޓަކާއެކުކަމަށްވެސް ރައީސްވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސް އަކީ ރިޔާސީ އިންތިހާބަށް ޗެލެންޖެއް ނޫން ކަމަށާއި މި ރިޔާސީ އިންތިހާބުގައި ވާދަވެރި ދެ ޕާޓީއަކަށް ވެގެންދާނީ އެމްޑީޕީ އަދި ޕީޕީއެމް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީ ބައިބައިވެދާނެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ރައީސް ސާލިހު ވިދާޅުވީ އެމްޑީޕީ ދޫކުރައްވާފައި މީގެ ކުރިން ވެސް ވަރަށް ގިނަ ބަޔަކު ގޮސްފައިވާ ކަމަށާއި، ނަމަވެސް އެމްޑީޕީ އަބަދުވެސް ދިޔައީ ޕާޓީގެ ސިޔާސަތާއެކު ކުރިއަށްކަމަށާއި އެ ޕާޓީ ބައިބައި ނުވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.