ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު އަންވަރު (ސިމްވާ) މިއަދު މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ޑިމޮކްރެޓްސްއަށް ސޮއި ކުރައްވައިފިއެވެ.

ސިމްވާ އަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވެރިކަމަށް ގެނައުމަށްޓަކައި ސޯޝަލް މީޑިއާގައި އެންމެ ވަރުގަދައަށް ކެމްޕޭނު ކުރި މީހުންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ.

ސިމްވާ ޓުވިޓާގައި ހިއްސާކޮށްފައިވާ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވަނީ 'ސަރުކާރުގައި މަސައްކަތް ކުރަން ރައީސް ސާލިހް ދެއްވި ފުރުސަތަށާއި، ރައީސް ސާލިހް ބަހައްޓަވާ ގާތް ކަމަށް ޝުކުރު އަދާކުރައްވާ' ކަމަށެވެ. ސަރުކާރުން އިސްތިއުފާ ދެއްވުމަށްފަހު ސިމްވާ ވަނީ ޑިމޮކްރެޓްސްއަށް ސޮއިކޮށް ރައީސް ނަޝީދާ ފޯމު ހަވާލު ކޮށްފައެވެ.

ދާދިފަހުން ސަރުކާރުން އިސްތިއުފާދީ ޑިމޮކްރެޓްސްއާ ގުޅުނު ފަރާތްތަކުގެ ތެރޭގައި، އެމްޑީޕީގެ ސޯޝަލްމީޑިޔާ އެކްޓިވިސްޓް، ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރު ޝައްމޫން ޖަލީލް (ލޫކަސް) ވެސް ހިމެނެއެވެ.