އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ރަނިންމޭޓް ކަމަށް އެއްވެސް ޝައުގުވެރި ކަމެއް ނެތް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ.

ފައްޔާޒު ޓުވިޓާގައި ވިދާޅުވެފައި ވަނީ ރަނިންމޭޓް ކަމަށް އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށާއި އެއީ އެޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު(ރީކޯ) ކޮންމެވެސް ސަބަބަކާ ހުރެ ދައްކަވަމުން ގެންދަވާ ވާހަކައެއް ކަމަށެވެ. އަދި އެގޮތަށް ވާހަކަ ދެއްކުމަކީ ވަރަށް ދެރަކަމެއް ކަމަށް ވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

ރަނިންމޭޓަކަށް އެކި ބޭފުޅުންގެ ނަންތައް އަންނަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ އެކަމަށް ގޮތެއް ކަނޑައެޅުމާމެދު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިއްޔެ ވަނީ ވިދާޅުވެފައެވެ. އެއީ އެމަނިކުފާނުގެ "ސިކުނޑީގައި މިވަގުތު އިން އެންމެ ބޮޑު މައްސަލަ" ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.