އެމްއެންޕީގެ ރައީސް ކާނަލް (ރިޓަޔަރޑް) މުހައްމަދު ނާޒިމް މިއަދު ޖޭޕީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހީމާއި ބައްދަލުކުރައްވައިފިއެވެ.
ޖޭޕީއިން ބުނީ މިބައްދަލު ކުރެއްވުމަށް މުހައްމަދު ނާޒިމް ވިލާ މާމިގިލީ އެއަރޕޯޓަށް ވަޑައިގެންނެވުމުން މަރުހަބާ ވިދާޅުވީ ޕާރޓީގެ ލީޑަރ އޮނަރަބަލް ގާސިމް އިބްރާހީމްކަމަށެވެ.
މި ބައްދަލު ކުރެއްވުމުގައި އެމްއެންޕީގެ ލީޑަރޝިޕްގެ ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދު ﷲ ރިޔާޒާއި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ އެ ދެޕާޓީން މި ބައްދަލުވުމުގައި ދެއްކެވި މައިގަނޑު ވާހަކައަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި އަދި ރައްޔިތުންގެ މަޖްލީހުގައި އެ ދެ ޕާޓީން ގުޅިގެން މަސައްކަތް ކުރުމާ ބެހޭގޮތުން ކަމަށެވެ. އަދި ކުރިއަށް ތަކުނަގައި އެ ދެ ޕާޓީން އެކުގައި މަސައްކަތްކުރެވޭނެ ރަނގަޅު ފޯމިއުލާއެއްވެސް ނެރެވޭނެކަމަށް އުޝާމް ވިދާޅުވިއެވެ.
މިއަދުގެ ބައްދަލު ކުރެއްވުމަކީ ސިޔާސީ މަސައްކަތްތަކާއި އަދި ކުރިއަށްެއޮތް ރިޔާސީ އިންތިޚާބާއި މަޖިލީހުގެ ތެރެއިން މަސަކަތް ކުރުމުގައި ދެ ޕާރޓީ ގުޅިގެން ކުރިއަށް ދާނެ ގޮތްތަކާމެދު މަޝްވަރާ ކުރެއްވުމުގެ ބައްދަލު ކުރެއްވުމެކެވެ.
މީގެ ސިލްސިލާ ބައްދަލު ކުރެއްވުންތައް ކުރިއަށް ގެންދަވާނެކަމަށް ވެސް ދެފަރާތުން ވަނީ ހާމަކުރައްވާފައެވެ.