ޕީޕީއެެމާއި ވާހަކަ ދައްކައިގެން، ޕީޕީއެމް ރުހޭނަމަ އިދިކޮޅުން އެއް ކެންޑިޑޭޓަކު ނެރެން މިއަދު ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުކުރެއްވުމަށްފަހު (ދަ ޑިމޮކްރެޓްސްގެ ބާނީ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް) މިތިން ލީޑަރުން ނިންމަވައިފިއެވެ.
މާފަންނު ކުނޫޒުގައި މި ތިން ބޭފުޅުން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އެ ބޭފުޅުން މަޝްވަރާ ކުރެއްވީ ރިޔާސީ އިންތިހާބަށް އެންމެން އެކުގައި އެއް ކެނޑިޑޭޓަކު ނެރެންގެން މަސައްކަތް ކުރުމުގެ ފޯމިއުލާއެއް އޮތްތޯ ބެލުމަށް ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.
އެއް ކެންޑިޑޭޓަކު ހޯދަން ކުރާ މަސައްކަތުގައި އިދިކޮޅު ޕީޕީއެމާއެކު މަޝްވަރާ ކުރައްވާނެ ކަމަށާއި އެ މަޝްވަރާތަކުގައި ނަތީޖާ ނުނެރެވިއްޖެނަމަ މިހާރު އޮތް ގޮތަށް ކުރިއަށް ދިއުމުގެ ފުރުސަތު އެބަ އޮތް ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ. ދެ ޕާޓީއެއް އެކުވެ ކޯލިޝަން ހަދައިގެން ކުރިއަށް ދިއުމަކީވެސް ވެދާނެ ކަމެއް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މައިގަނޑު ގޮތެއްގައި މި ދެކެވުނު ވާހަކަތަކަކީ ހުރިހާ އެންމެނަށް އެއްބަސްވެވޭ ކެންޑިޑޭޓެއް ހޯދުން ކަމަށެވެ. އަދި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓުގެ ގޮތުގައި ރިޔާސީ އިންތިހާބަށް ނުކުންނެވުމުގެ ޝައުގުވެރިކަމެއް އެ މަނިކުފާނުގެ ނެތް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ކާނަލް ނާޒިމް ވިދާޅުވެފައި ވަނީ ކޮމަން ކެންޑިޑޭޓަކު ނެރެން ކުރަން ޖެހޭ މަސައްކަތް ކުރައްވާނެ ކަމަށާއި އެކަން ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.