ޕީޕީއެމްގެ އެދުމަކީ އިދިކޮޅުގައި އޮތް ހުރިހާ ޕާޓީއަކުން އެއްބަސްވެގެން ނެރޭ ކެންޑިޑޭޓެއްގެ ގޮތުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ހަމަޖެއްސުން ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް އަދި ދަ ޑިމޮކްރެޓްސްގެ ބާނީ ރައީސް މުހައްމަދު ނަޝީދު، ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށްފަހު މި ތިން ލީޑަރުންވެސް ވަނީ ޕީޕީއެމްއާ ވާހަކަދައްކައިގެން ހުރިހާ ޕާޓީއަކުން އެއް ކެނޑިޑޭޓަކު ނެރުމަށް އިއްތިފާގުވެ އެއްބަސްވެވަޑައިގެންފައެވެ.

މިކަމާ ގުޅިގެން ޕީޕީއެމް އިން މިއަދު ބުނީ އެ ޕާޓީން ބޭނުންވަނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަން ނިންމުމުގައި ހުރިހާ ޕާޓީއަކުން އެއްބަސްވެގެން ނެރޭ ކެނޑިޑޭޓަކީ ރައީސް ޔާމީން ކަމުގައި ކަނޑައެޅުން ކަމަށެވެ.

މިއަދު 3 ޕާޓީއަކުން ބައްދަލުވެ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ނިންމުމުގައި ޕީޕީއެމް އެއްބަސްވާނަމަ އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވާ ކަމަށް ވިދާޅުވެ މީޑިއާތަކަށް ދެއްވާފައިވާ މަޢުލޫމާތާއި ގުޅިގެން މި ކޯލިޝަނާއި މީޑިއާ ތަކުން ކުރަމުން ގެންދާ ސުވާލުގެ ޖަވާބުގައި ދަންނަވަމެވެ. އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ނިންމުމުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ ޕާޓީތަކުން އެއްބަސްވެވަޑައިންނަވާ ކެންޑިޑޭޓް ކަމުގައި ހަމަޖެއްސެވުމަކީ މިޕާޓީން އެދޭ ގޮތެވެ. އަދި އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ނިންމުމުގައި ޕާޓީތަކުން ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތަށް މިކޯލިޝަނުން މަރުޙަބާ ކިޔައި ޝުކުރު ދަންނަވަމެވެ.
ޕީޕީއެމް/ޕީއެންސީ

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމުގައި ނިންމާފައިވަނީ 2022 ޖުލައި 31 ވަނަ ދުވަހު ޕީޕީއެމް އަދި ޕީއެންސީގެ ސެނެޓްގެ އިއްތިފާޤުންކަމަށް އެމެސެޖުގައި ޕީޕީއެމްއިން ބުނެފައިވެއެވެ. އަދި މިކޯލިޝަންގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް އަރުވާފައިވަނީ 2022 އޯގަސްޓް 19 ވީ ހުކުރު ދުވަހުގެ ރޭ ކާނިވަލްގައި ބޭއްވި ޖަލްސާއެއްގައި ކަމަށާއި މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދިނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް މިކޯލިޝަންގެ ފަރާތުން މާލެއާއި އަތޮޅުތަކުގައި މިގެންދަނީ ބާރަށް ކުރިއަށް ކަމުގައިވެސް އެމެސެޖުގައި ޕީޕީއެމްއިން ވަނީ ހާމަކޮށްފައެވެ.

މާފަންނު ކުނޫޒުގައި މިއަދު ބޭއްވުނު މަޝްވަރާ ބައްދަލު ކުރެއްވުމުގައި ނަޝީދާއި ގާސިމް އަދި ނާޒިމް ވަނީ ޕީޕީއެމް ރުހޭނަމަ އިދިކޮޅުން ނެރޭނީ އެއްކެންޑިޑޭޓެއްކަމަށް ނިންމަވާފައިވާކަން ހާމަކޮށްފައެވެ.