ކުޑަ ކުއްޖަކަށް ދިރުވާލެވުނު ސޮފްޓް ޓޯއީ އެއްގެ އަޑުގޮވާ ތަންކޮޅު (ކުޅޭ އެއްޗެއް) އައިޖީއެމްއެޗްގެ ޑޮކްޓަރުން އެ ކުއްޖާގެ ފުއްޕާމެއިން ނަގައިފިއެވެ.

އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ކުރައްވާފައިވާ ޓުވީޓެއްގައި އައިޖީއެމްއެޗްގެ ރެސްޕިރެޓަރީ މެޑިސިން ޓީމުން، ކުޑަ ކުއްޖެއްގެ ކަނާތު ފުއްޕާމޭގެ ތެރެއިން ސޮފްޓް ޓޯއީއެއްގެ އަޑު ގޮވާ ތަންކޮޅު ނަގާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

އެ ކުއްޖާ އުޅުނީ އޭތިން އަޑުގޮވާތީ އެހެން ކުއްޖަކަށް އަޑުއިއްވުމަށް ކަމަށާއި އެހެން ނަމަވެސް އަޑު ގޮއްވަން ދެތުންފަތް ދޭތެރެއަށް ލައިގެން އުޅުމުގެ ތެރޭގައި ކުޅޭ އެތި ދިރުވާލެވުނީ ކަމަށް ޑރ މުހައްމަދު އަލީ ޓުވީޓުގައި ހާމަކޮށްފައިވެއެވެ. އަދި އެގޮތަށް އަނގަޔަށް ނުވަތަ ދެތުންފަތް ދޭތެރެއަށް އެފަދަ އެއްޗެހި ލައިގެން އުޅުމަކީ ނުރައްކާތެރިކަމެއްކަމަށް ވެސް ޑރ.މުޙައްމަދު ޢަލީ ވަނީ ވިދާޅުވެފައެވެ.

މި ކަމުގައި ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޓީމާއި މަސައްކަތް ކުރެއްވި ޑޮކްޓަރުންނާއި ނަރުހުންގެ މަސައްކަތް ޑޮކްޓަރު މުހައްމަދު އަލީ ވަނީ ފާހަގަ ކުރައްވާފައެވެ.