މި އަޟްހާ އީދު ދުވަހު 28 ޖޫން 2023 ވަނަ ދުވަހުގެ ފަތިހު މަޖީދީމަގު ރެޑްވޭވްއާ ހިސާބުގައި، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސީނިއާ ލެކްޗަރާ އަލީ ހަފީޒު ގެ ގައިގައި ސައިކަލުން ޖެހި އެކްސިޑެންޓުވި ހާދިސާގައި ސައިކަލު ދުއްވަން އިން ޝަމްއާން އަބްދުއްޝުކޫރުގެ ބަންދަށް އިތުރު ފަނަރަ ދުވަސް ޖަހައިފިއެވެ.

މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ރ. އިނގުރައިދޫ، ލެގޫން ވިއު، 22 އަހަރުގެ ޝަމްއާން އަބްދުއްޝުކޫރު އެވެ. މީނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރަކަށެވެ. ފުރަތަމަ ކޯޓުން ޝަމްއާންގެ ބަންދަށް ދިނީ ފަނަރަ ދުވަހެވެ. އަނެއްކާވެސް މުއްދަތު ހަމަވެގެން ކޯޓަށް ހާޒިރު ކުރުމުން މިވަނީ އޭނާގެ ބަންދަށް އިތުރު ފަނަރަ ދުވަސްދީފައެވެ. ޝަމްއާންގެ މައްޗަށް ކުރަނީ އެކްސިޑެންޓުގެ ތުހުމަތެވެ.

އެކްސިޑެންޓުގެ ތުހުމަތާ ގުޅިގެން ޝަމްއާންގެ ދިފާއީ ވަކީލު ވިދާޅުވެފައިވަނީ ހަފީޒަށް އަނިޔާވިކަމަށް ޝަމްއާން އިންކާރު ނުކުރާ ކަމަށެވެ. އަދި ހަފީޒަށް އަނިޔާވީ ކަފި ހުރަސްމަތިން ހުރަސް ކުރަނިކޮށް ނޫން ކަމަށްވެސް ވަކީލު ވިދާޅުވެއެވެ.

މި އެކްސިޑެންޓުގެ މައްސަލަ ތަހުގީގު ކުރަމުންދާ އިންވެސްޓިގޭޝަން އޮފިސަރު، އައިއޯ، ކޯޓުގައި ވިދާޅުވެފައިވަނީ ޝަމްއާން އަތުގައި ސައިކަލް ދުއްވުމުގެ ލައިސަންސް ނޯންނަ ކަމަށެވެ. އަދި ޝަމްއާން ސައިކަލް ދުއްވާފައިވަނީ ބާރު ސްޕީޑުގައި ކަމަށާއި ބާރު ސްޕީޑުގައި ސައިކަލް ދުއްވިކަމަށް ޝަމްއާންގެ އިއުތިރާފްވެސް އެބައޮތްކަމަށެވެ. ފުރަތަމަ ބަންދަށް ހާޒިރު ކުރި ފަހަރުވެސް ކަފާލާތުގެދަށުން ދޫކޮށްލުމަށް ޝަމްއާންގެ ވަކީލު ކޯޓުގައި އެދިލެއްވިނަމަވެސް އައިއޯ އެދިލެއްވީ ބަންދު އިތުރުކޮށްދިނުމަށެވެ. އަދި ޝަމްއާންގެ ކުރީގެ މައްސަލަތަކަށްވެސް އައިއޯ ވަނީ އިޝާރާތްކުރައްވާފައެވެ.

ޝަމްއާން ހައްޔަރުކޮށްފައިވަނީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ ކަމަށް އަމުރުގައި ބަޔާންކޮށްފައެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ރެޑްވޭވްއާ ހިސާބުގައެވެ. އެކްސިޑެންޓުގައި ސައިކަލުން ޖެހި އަނިޔާވި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސީނިއާ ލެކްޗަރާ އަލީ ހަފީޒުގެ ހާލު އެވަގުތު އޭޑީކޭއަށް ގެންދިޔަ ވަގުތުން ފެށިގެންސީރިއަސްކަމަށް ވާތީވެ ފަރުވާދެމުން ގެންދިޔައީ އައިސީޔޫގައެވެ. އަދި އެތައް ބައެއްގެ އެހީއާއެކު އެއާއެމްބިއުލާންސެއްގައި ހަފީޒު ވަނީ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފުރުވާލެވިފައެވެ.

އިންޑިއާއަށް ގެންދިޔައިރުވެސް ރަނގަޅަށް ހޭ ނާރާކަމަށްވިޔަސް ދެމުންދާ ފަރުވާތަކާއެކު ހަފީޒުގެ ހާލަތަށް ބަދަލު އައިސްފައެވެ. މިހާރު ހަފީޒު ވަނީ ވެންޓިލޭޓަޓަރުންވެސް ނަގާފައެވެ. އަދި މަޑުމަޑުން ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ. ހޮޅިން ކާންދިނުމާއެކު ކުޑަކޮށް ހަރަކާތް ބޮލަށް ގެނެސް އުޅުނަސް ވާހަކަދައްކައި ހެލިފެލިވާ ވަރަށް އަދި ހަފީޒުގެ ހާލަތު ރަނގަޅެއް ނޫނެވެ.