އިދިކޮޅު ދެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ޖުމްހޫރީ މައިދާނުގައި އިށީނދެ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައިފި އެވެ.
އިދިކޮޅު ކޯލިޝަންގެ ބޭފުޅުންތަކެއް ކަމަށްވާ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުއާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާއި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްއާ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގްއާ ޕީއެންސީ ނާއިބު ރައީސް އިބްރާހިމް ޝުޖާއު ދަނީ ޖުމްހޫރީ މައިދާން ސަރަހައްދަށް ވަޑައިގެން އެ ސަރަހައްދުގައި އެބޭފުޅުން ވަނީ އިށީނދެވަަޑައިގެންފައެވެ. މިއަދުވެސް އެންމެ ފުރަތަމަ އިދިކޮޅުން ދިޔައީ ހައިކޯޓަށް ނަމަވެސް ހައިކޯޓަށް ވަދެވޭގޮތް ނުވުމުން ދެން ވަޑައިގެންނެވީ ޖުމްހޫރީމައިދާނަށެވެ.
ޕާޓީއަކުން ރިޔާސީ ޓިކެޓް އެރުވި ފުރަތަމަ ކެންޑިޑޭޓަކީ ރައީސް ޔާމީނެވެ. އަދި ކެމްޕެއިން ވެސް ފުރަތަމަ ރަސްމީ ކުރެއްވީ ޔާމީނެވެ. ރިޔާސީ ޓިކެޓް އަރުވާފައި ވަނިކޮށް އެގާރަ އަހަރުގެ ޖަލު ހުކުމެއް އިއްވައި މިވަގުތު ޔާމީން ހުންނެވީ ޖަލުގައެވެ. އެގާރަ އަހަރުގެ ޖިނާއީ ކުށެއްގެ ހުކުމަކާއެކު ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.
އިދިކޮޅު ކޯލިޝަނުން ތަކުރާރުކޮށް ބުނަމުން ދަނީ އިންތިހާބުގެ ކުރީން ރައީސް ޔާމީން މިނިވަންވާނެ ކަމަށެވެ. އިދިކޮޅުން ބާރުއަޅައި ތަކުރާރުކޮށް ބުނަމުންދިޔައީ ހައިކޯޓް މަރުހަލާއިން ޔާމީން މިނިވަންވާނެ ކަމަށެވެ. އެހެންނަމަވެސް، ކުއްލި ގޮތަކަށް ފަނޑިޔާރުން ޗުއްޓީއަށް ވަޑައިގަތުމުން ހައިކޯޓުގައި އޮތް އިސްތިއުނާފު އޮތީ ހުއްޓިފައެވެ.
ހަމަމިއާއެކު ދަށު ކޯޓްގައި އޮތް ޔާމީންގެ މައްސަލަ ބާރުމިނުގައި ދަނީ ކުރިއަށެވެ. ކޯޓްގައި މައްސަލަތައް ހިންގަނީ ސަރުކާރުގެ ނުފޫޒުގައި ކަމަށް އިދިކޮޅުން ތުހުމަތުކުރެއެވެ. އިދިކޮޅުން ގަބޫލުކުރާ ގޮތުގައި ޔާމީން މިނިވަން ވިޔަ ނުދޭން ސަރުކާރުން ދަނީ އެކި ގޮތްގޮތުން ނުފޫޒު ފޯރުވަމުންނެވެ.