ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދި ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" އިން ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
ދަ ޑިމޮކްރެޓްސްގެ އެތެރޭގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ އިންތިހާބު އޮންނާނީ މިމަހު 28ވަނަ ދުވަހު ކަމަށް ޑިމޮކްރެޓްސް އިން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން މިމަހުގެ 22ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00ގެ ކުރިން ޕްރައިމަރީގައި ވާދަކުރައްވަން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް އެ ޕާޓީން ވަނީ އެދިފައެވެ.
ޕާޓީގެ މައި އިދާރާ ހުޅުވާފައި ހުންނަ ގަޑިތަކަކީ ހެނދުނު 10:00 އިން ހަވީރު 4:00 އަށް ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.
މި ޕްރައިމަރީގައި ވާދަކުރާނެކަން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ އިއުލާން ކޮށްފައެވެ. އިލްޔާސް ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓުންގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީގައި ވާދަކުރަން ނިންމާފައިވާ ކަމަށެވެ.
ދަ ޑިމޮކްރެޓްސްއަކީ، މުހައްމަދު ނަޝީދު އުފެއްދެވި "ފިކުރެއްގެ ދިރުން" ފެކްޝަނުން ހެދި ޕާޓީއެކެވެ.
ރައީސް ނަޝީދު އާއެކު އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެންބަރުން ވަނީ އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސްއަށް ސޮއިކޮށްފައެވެ. ޑިމޮކްރެޓްސްއިން ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި ޖުމްހޫރީ ޕާޓީ އާ އެކުވެސް އެޕާޓީންދަނީ މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެވެ. މަޝްވަރާތައް ކުރިޔަށް ގެންދިޔަނަމަވެސް އެޕާޓީން ބުނަމުންދިޔައީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށެވެ. އަދި މިސަރުކާރު ބަދަލުކުރަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ޑިމޮކްރެޓްސްއިން ބުނެއެވެ.