ސަރުކާރުން ދީފައިވާ އެއްވެސް ބޯހިޔާވައްސަކަށް ކުލިދައްކަން ނުޖެހޭނެކަމަށާއި އެކުއްޔަށް މާފު ދޭނެކަމަށް އަދި ވިހިހާސް ހައުސިން ޔުނިޓް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވާގޮތަށް އަޅައިދެވޭނެކަމަށް ޖުމްހޫރީޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބްލް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ މިރޭ، ބްރިޖްވިއު ޕްލެޓްފޯމުގައި މާލޭ ދާއިރާގެ ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވި 35-18 ހަރަކާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ގާސިމް ވިދާޅުވީ މިރެއަކީ ޒުވާނުންނަށް އެއްޗެއް ދަންނަވަން އައި ރެއަކަށް ވީކަމުގައިވިޔަސް އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ދިމާއެއްގައި ވެސް ސަރުކާރުން ބޯހިޔާވަހިކަމަށް ދީފައިވާ ފްލެޓެއްކަމަށްވިޔަސް ގެކަމަށްވިޔަސް، ދައުލަތަށް އެއްވެސް ލާރިއެއް ދައްކަން ނުޖެހޭނެކަމަށެވެ. ދައުލަތަށް ދައްކަން ޖެހޭ ލާރިއެއްކަމަށް ވަންޏާ އެހުރިހާ ފައިސާއަކަށް މާފުކޮށްދޭނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
"ދަންނަވާލަން ބޭނުންވަނީ މިރޭ މިއީ އަޅުގަނޑު ޒުވާނުންނަށް އެއްޗެއް ދަންނަވާލަންޖެހޭ ރެއެއްކަމުގައި ވީނަމަވެސް އަޅުގަނޑު ދަންނަވާލާނީ އަޅުގަނޑުގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ދިމާއެއްގައިވެސް ސަރުކާރުން ބޯހިޔާވަހިކަމަށް ދީފައިވާ ފްލެޓްކަމަށްވިޔަސް، ގެކަމަށްވިޔަސް، ދައުލަތަށް ލާރި ދައްކާކަމަށް ވަންޏާ އެހުރިހާ ފައިސާއެއް މާފުކޮށްދޭނަމޭ." ގާސިމް ވިދާޅުވިއެވެ،
އަދި އޭގެއިތުރަށް ކުރިންވެސް ހާމަކޮށްފައި އޮތްފަދައިިން ވިހިހާސް ހައުސިން ޔުނިޓް އަޅާވާހަކަ އަނެއްކާވެސް ގާސިމްވަނީ ތަކުރާރުކުރައްވައި، އެ ހައުސިން ޔުނިޓްތައްވެސް ވެގެންދާނީ ރާއްޖޭގެ އަތޮޅުތަކުގައިވެސް އަދި މާލޭގައިވިޔަސް ކުރިންވެސް ވިދާޅުވިހެން އެއްވެސް އުޖޫރައެއް ނުނަގައި ހިލޭ އަޅާނެ ޔުނިޓްތަކެއްކަމަށްވެސް ވިދާޅުވެފައެވެ. އަދި އެކަން ކޮށްދިނުމުގައި ކޮންމެ ޕާޓީއެއްގެ މީހެއްކަމުގައިވިޔަސް ބެލުމެއްނޯންނާނެކަމަށާއި އެކަމަށް ބޮޑަށް ބޭނުންވެފައިވާ ބަޔަކަށް އެކަންކޮށްދޭނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
"އެކަމަށް ގާބިލް، އެންމެ އެކަށީގެންވާ، ގެދޮރަށް ބޭނުންވެފައިވާ މީހުންނަށް އަޅުގަނޑުމެން އެކަން ފަހިކޮށްދޭނީ. އެއީ ޕާޓީގައި ހުރި މީހަކަށް ބަލައިގެނެއް ނޫން. އެއީ ކޮންމެ ޕާޓީއެއްގައި ހުރި މީހެއްކަމުގައި ވިޔަސް ކޮށްމެ މަގާމެއްގައި ހުރި މީހެއް ކަމުގައި ވިޔަސް އެކަމުގައި އެންމެ ބޮޑަށް ބޭނުންވެފައިވާ މީހުންނަށް އަޅުގަނޑުމެން އެކަން ކޮށްދޭނީ."
މީގެ އިތުރުންވެސް ގާސިމްގެ ވާހަކަފުޅުގައި ކޮންމެ ކުއްޖަކީވެސް ތައުލީމީ ގޮތުން ރަނގަޅު ގާބިލް ކުއްޖަކަށް ހެދުމަށްޓަކައި، ވަކި ފަރުދެއް ނެތި އެންމެން ޝާމިލްވާގޮތަށް، ރާއްޖޭންނާއި، ރާއްޖޭން ބޭރުން ތައުލީމް ހާސިލްކުރުމުގެ ހުރިހާ ފުރުސަތެއްވެސް ތަނަވަސްކޮށްދޭނެ ކަމަށާއި އެމަނިކުފާނުގެ ސަރުކާރެއްގައި އެންމެބޮޑަށް އަހަންމިއްޔަތުކަން ދޭނީ ޒުވާނުންގެ ތައުލީމު ކަމަށްވެސް ގާސިމްވިދާޅުވިއެވެ.
މިރޭގެ މިރަސްމިއްޔާތު ފަށާފައި ވަނީ ނުހަނު ފޯރިގަދަބޮޑުބެރު ހަރަކާތަކުންނެވެ. ޒުވާނުންގެ މިފަރި ހަރަކާތުން ފެށިގެންދިޔަ މި ބައްދަލުވުމަށް ގިނަ އަދަދެއްގެ ދިވެހިން ވަނީ ހާޒިރުވެފައެވެ.