ޖުމްހޫރީޕާޓީގެ ވެރިކަމެއްގައި ބޭސްފަރުވާގެ ހުރިހާ ހަރަދެއް ސަރުކާރުން ބަލާނެކަމަށާއި ކޮންމެ ބައްޔަކަސް ސިއްހީ ފަރުވާ ފުރިހަމައަށް ލިބޭނޭކަމަށް ޖުމްހޫރީޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބްލް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ މިރޭ، ބްރިޖްވިއު ޕްލެޓްފޯމުގައި މާލޭ ދާއިރާގެ ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވި 35-18 ހަރަކާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިރޭ ދެއްކި ވާހަކަފުޅުގައި ގާސިމް ވިދާޅުވީ ބޮޑެތި ބަލިތައް ދިމާވާ ޒުވާން ކުދިންނަށާއި، އަދި އެނޫން ފުރައިގެ މީހުންނަށްވެސް ފުރިހަމަ ސިއްހީ ފަރުވާ ލިބޭނެކަމަށެވެ. އަދި އެފަރުވާ ލިބޭއިރު، ރާއްޖޭން ބޭރަށް ދާންޖެހިއްޖެނަމަ އެކަމުގެ ހުރިހާ ހަރަދެއްވެސް ސަރުކާރުން ބަލަހައްޓާނެކަމަށް ގާސިމް ވިދާޅުވިއެވެ. އެކަމަކީ އެހީތެރިއަކަށް ދާނެ ހަރަދުކަމަށްވިޔަސް އެތަނެއްގައި ތިބުމުގެ ހަރަދާއި، ޑޮކްޓަރަށް ދެއްކުމުގެ ހަރަދާއި ގޭގެ ހަރަދާއި ކޭންބުއިމުގެ ހަރަދާއި ހުރިހާ އެއްޗެއް އެމަނިކުފާނުގެ ސަރުކާރުން ފޯރުކޮށްދޭނެކަމަށްވެސް ގާސިމްވިދާޅުވިއެވެ.

ހަމައެއާއެކީގައި ރާއްޖޭން ބޭރަށް ދަތުރުކުރާ މީހުން މަދުކުރުމަށްޓަކައި ރާއްޖޭގެ ތިން ސަރަހަށްދެއްގައި މާލެވެސް ހިމެނިގެންދާގޮތަށް ހުރިހާ ބަލިބައްޔަށް ބޭސްފަރުވާކުރެވޭނެ ނިޒާމު ހަމަޖެއްސުމަށްޓަކައި އެންމެ ގިނަވެގެންވެސް އެމަނިކުފާނުގެ ވެރިކަމުގެ ތިންވަނަ އަހަރު ފެށިގެންދާއިރު، ނުވަތަ ދެވަނަ އަހަރު ފެށިގެންދާއިރު، ރާއްޖޭގެ އެތިން ސަރަހައްދު ހިމެނޭހެން އެވަސީލަތްތައް ގާއިމްކޮށް ނިމޭނެކަމަށްވެސް ގާސިމްވިދާޅުވިއެވެ. އަދި އެއަށްފަހު ރާއްޖޭން ބޭރަށް ދިޔުމުގެ ދަތި އުނދަގޫ ބުރަ މަސްއޫލިއްޔަތުން ދިވެހިން ސަލާމަތް ކުރާނެކަމުގެ ޔަގީންކަންވެސް ގާސިމް ވަނީ ދެއްވާފައެވެ.