ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ރަނިން މޭޓަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން އެބަ ހުންނެވި ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު މިއަދު ވިދާޅުވެއްޖެއެވެ.

ފައިސަލް ނަސީމް މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ 'ފަށާއިރު' ޕްރޮގްރާމްގައި ރައީސް ސާލިހު ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާތީ ރަނިން މޭޓަކަށް ވާން ޝައުގުވެރިވޭތޯ ސުވާލުކުރުމުން ދެއްވި ޖަވާބުގައެވެ. ޕްރޮގްރާމްގައި ފައިސަލް ވިދާޅުވީ މި ދައުރުގައި ފެށި ކަންތައްތަކުގެ ތެރެއިން ކުރިއަށް ގެންދާންޖެހޭ ކަންތައްތައް ވަރަށް ގިނަ ކަމަށާއި ކޮންމެ ކަމަކީ ވަކި ހިސާބަކުން "ސްޓޮޕް" ޖަހާލަންޖެހޭ ކަމެއް ނޫން ކަމަށެވެ.

"ކޮންމެ ކަމަކީ ވަކި ހިސާބަކުން ސްޓޮޕް ޖަހާލަންޖެހޭ ކަންކަމެއް ނޫނެއްނޫންތޯ. އެކަންތައް އިމްޕްރޫވް ކުރުން އޮވޭ. ނުވަތަ ކޮންޓިނިއު ކުރުން އޮވޭ... އެކަންތައް ހާފްވޭ ތްރޫ، ހުއްޓާލާފަ ގެއަށްވަދެ ހުރުމަށްވުރެ އަޅުގަނޑުވެސް އެދެނީ އަޅުގަނޑަށްވެސް އެ މަސައްކަތްތައް ކޮންޓިނިއު ކުރުމުގެ ފުރުސަތު ލިބުން. އެގޮތުން ޝައުގުވެރިވޭ،" ފައިސަލް ވިދާޅުވިއެވެ.

ރައީސް ސާލިހަށް ދެވަނަ ދައުރެއް ލިބުމަށް ތާއީދު ކުރަނީ ވަކި ކަމެއް ޝަރުތުކޮށްފައި ނޫންކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ އޭނާ ހިދުމަތެއް ކުރަނީ ކަންކަމަށް އަގު ކިޔައިގެން ނޫން ކަމަށެވެ. ހަމައެހެންމެ "އެވެނި ކަމެއް ބޭނުމޭ މިވެނި ކަމެއް ބޭނުމޭ، މަށަށް ދޭން ޖެހޭނޭ މިވެނި މީހަކަށް ދެންޏާ ބައިވެރިނުވާނަމޭ،" ބުނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ހަޔާތުގެ ބޮޑު ބައި ކުޑަ ނަމަވެސް މި ހޭދަކުރެވުނީ މި ގޮތުގަ ކަމަށާއި ދިވެހި ގައުމާއި ދިވެހި ރައްޔިތުންނަށް އެކަމުގެ ޝައުގުވެރިކަން އޮންނާނީ ފާޅުކޮށްފައިކަމަށާއި އެހެންނަމަވެސް އެގޮތަކަށް އެކަން ނިންމެވުމަކީ ދެން މުޅިން އެހެން ކަމެއްކަމަށެވެ. އަދި ވެސް އިތުރަށް ފައިސަލް ވިދާޅުވީ އޭނާއަކީ އޭނާއާ ހަވާލުކުރާ ކަންކަން ވީހާ ވެސް ރަނގަޅަކަށް ކުރާ މީހެއްކަމަށެވެ

"ހަޔާތުގެ ބޮޑު ބައި ކުޑަ ނަމަވެސް މި ހޭދަކުރެވުނީ މި ގޮތުގައޭ. ދިވެހި ގައުމޭ، ދިވެހި ރައްޔިތުންނޭ އަޅުގަނޑުމެންނަށް އޮތީ. އެކަމުގެ ޝައުގުވެރިކަން އޮންނާނީ ފާޅުކޮށްފައި. ކަން ނިންމެވުމަކީ ދެން މުޅިން އެހެން ކަމެއް. އަޅުގަނޑުގެ ކަމަކީ އަޅުގަނޑާ ހަވާލުކުރާ ކަންކަން ވީހާ ވެސް ރަނގަޅަކަށް ކުރާ މީހެއް. އެހެން ފަރާތަކުން އެކަން ނިންމަވާނީ." ފައިސަލް ވިދާޅުވިއެވެ.