މިރަށަށް ތުއްތުސީދީ އައި އިރު އެތަނަށް ގެނެސްފައިހުރި ސާމާނު އަޅާފައި ހުރި ގޯންޏާއި އެފޮށީގައިހުރި ފުޅިތަކާއި ސާމާނު ބިންމައްޗަށް އަޅައި ބަންޑުންޖެހިއެވެ. ތުއްތުސީދީގެ މޫނުގައި މިހާރު ހުރީ ބިރުވެރި ސިފައެކެވެ. އެސްފިޔަ ޖަހާ ނުލައި ކަރުގެ ނާރުތައް ފުއްޕާފައި ލޯ ބޮޑުކޮށްގެންނެވެ. އެހެން ހުރެފައި ބިންމަތީ ހުރި ހުރިހައި ސާމާނު ހާވަން ފެށިއެވެެ. އޭނާ އެ ތަކެތި ހާވައި ގެންދިޔަ ވަގުތުގައި މުޅި ތަނަށް ކުޅުޖަހަމުން ދިޔައެވެ. އޭރުގައި ވެސް ޝަބީބާ ކަމަނާ ހަމަ ވެލާ އޮތް ވަޅުގަނޑު މަތީގައި ހުންނެވި އެވެ. އަދި އެ ކަމަނާ ގެ ޖާދޫގެ ބާރެއްލައްވައި އެމަސައްކަތްޕުޅު ކުރައްވަނީ މިނިވަންވެވޭތޯއެވެ. ޝަބީބާ ކަމަނާ ގެ ހަށިކޮޅުގައްޔާއި ވަރަފުޅުގައި ހުރީ އެހެންމީހުން ނަށް ނުފެންނަ ގޮތަށް ބޮޑު ހިލިހިލާއެއްގެ ޗޭނުގަނޑެއް ޖައްސަވައި ފައެވެ. އެހުންނެވީ އެއިން ސަލާމަތް ނުވެވިފައެވެ.
ތުއްތުސީދީ ހަދައިފައިވާ ސިހުރުގެ ސަބަބުން ޝަބީބާ ކަމަނާ އެތަނުން ވަޑައިގަންނަވަން މަސައްކަތްފުޅު ކުރައްވައި ކޮންމެ ފަހަރަކުމެ ހަށިކޮޅުގައި އޮޅިފައިވާ ޗޭނުގަނޑު އަލިފާނުން ދޮންވެ ފިހޭގޮތްވެއެވެ. ސިހުރު ބުދުގައި އައްސައި ބަނދެ ހަރުކޮށްފައިހުރި ބިއްލޫރި ތަނޑުގަނޑަކީ ޝަބީބާ ކަމަނާ ހައްޔަރުފުޅު ކުރެއްވިފައިވާ ކަޅު ސިހުރުގެ ގޮށެވެ.
އަބީރުލް އަމީރާ ޕަރީޒާދުލް ގިނިކަނދުލް ޝަބީބާ ޕަރީ ކަމަނާ އަވަހާރަކޮށްލުން
ތުއްތުސީދީ އެހެން ހުރެ ބިންމަތި ހާވައި ކޮނެ މޫނުބަލާ ލޯގަނޑު ހޯދިއެވެ. އަދި ބިންމަތިންނެގި ފުޅިއެއްގައިވާ ގަބުރުގެ ދޫ ނަގައިފިއެވެ. އެއަށް ބަލަހައްޓައިގެން ހުރެ ހިނިގަނޑެއް ޖަހައިލިއެވެ. މިއިން ކޮންމެ ކަމެއް މި ކުރެވުނީ ތުއްތުސީދީގެ އިޚްތިޔާރަކާ ނުލައި ޖަރާކް ޖިންނީގެ ބާރުގެ ދަށުގައި ހުރެގެންނެވެ. ދެން އަނެއްކާ ވެސް އިތުރު ފުޅިއެއް ހޯދިއެވެ. މި ފުޅިއަކީ ޝަރީފާގެ މަހާނައިން ނަގައިފައިވާ ވެލި އަޅާފަ ހުރި ފުޅިއެވެ. ދެން ވަރަށް ބާރު ހިނިގަަނޑެއް ޖަހައިލިއެވެ.
މިވަގުތު ޝަބީބާ ކަމަނާ ވެސް ދިޔައީ ކުއްލި ސިހުމެއް ލިބިވަޑައިގެންނެވެ. ތުއްތުސީދީ އެކަމަނާ އާ ދިމާލަށް އެނބުރިލައިފައި އަނގައިން ދޫ ނެރެފައި ހަޑި ހުތުރު ވައްތަރުތަކެއް ޖައްސައިލިއެވެ. ހަގީގަތުގައި މި ހުތުރު އަމަލަކީ ތުއްތުސީދީ އިޚްތިޔާރުގައި ކުރި ކަމެއް ނޫންކަން ޝަބީބާ ކަމަނާ އަށް ވެސް އެނގިވަޑައިތެވެ. ތުއްތުސީދީ ހަށިގަނޑަށް އެވަނީ ޖަރާކް ޖިންނީގެ ބާރު ފޯރުވާފައެވެ. ތުއްތުސީދީ ބަރު ކުރަކި އަޑަކުން ޕަރީ ކަމަނާ އާ ދިމާއަށް ބުންޏެވެ.
"ކަމަނާގެ ބައްޕާފުޅުގެ އަރިހަށް ދެން އެނބުރިއެއް ނުދެވޭނެ!."
މިހެން ބުނެފައި އަނެއްފަހަރު ވެސް އޭނާ ގެ ދޫ ނެރިފައި އެ ކަމަނާ ދިމާއަށް ވަރަށް ހުތުރު އަޑު ތަކާއި ވައްތަރު ތަކެއް ޖައްސަމުން ގެންދިޔައެވެ. އެ ވަގުތު ޝަބީބާ ކަމަނާ ނުރުންތެރިކަމާ އެކު ގައި މޫނުފުޅު އަނެއް ފަރާތަށް އަނބުރައިލެއްވިއެވެ. ތުއްތުސީދީ އެ ޖައްސާ ހަޑި ވައްތަރު ތަކާއި އެ ނެރެމުން ދާ ހުތުރުކަން ބޮޑު އަޑުތަކުން ޕަރީ ކަމަނާ އަމިއްލަ ނަފްސުފުޅަށް ލަދުވެތިވެ ވަޑައިގެންނެވިއެވެ. އެ ހުތުރު ކަން ބޮޑު އަމަލާއި މަންޒަރު ނުބެއްލެވުމަށް ޓަކައި ޝަބީބާ ކަމަނާ ދެ އަތްޕުޅުނަންގަވައި މޫނުކޮޅުގައި އަތްތިލަފުޅު އަޅުއްވައި ނިވައި ކޮއްލެއްވިއެވެ. ތުއްތުސީދީ އަނެއް ފަހަރު ވެސް އޭނާ ހަރު އަޑުން ޝަބީބާ ކަމަނާ އާއި ދިމާއަށް ބުންޏެވެ.
"ކަމަނާ ގެ ބައްޕާފުޅަކަށް ދުވަހަކު ވެސް ދެނެއް ކަމަނާ ފެނިވަޑައިއެއް ނުގަންނަވާނެ."
މިއަޑު އިވިވަޑައިގެން ޝަބީބާ ކަމަނާ ބިރުފުޅުން ތެޅިފޮޅެން ފެއްޓެވިއެވެ. މި ގޮތަށް އެ ކަމަނާ ބިރުފުޅުން ތެޅިފޮޅި ގެންނެވުމުން އެ ކަމަނާ ގެ ދެ އަތްޕުޅުގައި ތުރު ކުރައްވައި ފައިވާ ބިއްލޫރި ތަނޑުބައިތައް އެއް ތަނޑި އަނެއް ތަނޑު ގަނޑާ ޖެހި ރެނދު އަޅައި ތަޅައިގެން ދިޔައެވެ. އެއިން ކޮންމެ ތަނޑުގަނޑެއް ތެޅިގެން ފުނޑުވެ ވެއްޓެމުން ދިޔަ ވަގުތު ޝަބީބާ ކަމަނާ އަށް އިހްސާސްފުޅު ކުރެއްވުނީ އެ ކަމަނާ ގެ ހަށިކޮޅުގައި އަލިފާނުން ދޮންވެ ހޫނުވެ އޮޅިފައިވާ ޗޭނުގަނޑު ގެ ބާރު ކެނޑެމުން ދިޔަ ކަމެވެ. ދެން އެކަމަނާ ހުއްޓުމެއް ނެތި ދެ އަތްޕުޅުން ވީހައި ބާރަށް ޖައްސަވަމުން ބިއްލޫރި ތަނޑިތަށް ތަޅުއްވައި ފުނޑުކުރަން ފެއްޓެވިއެވެ.
މިހެން ފަހަރަކު ތަނޑިގަނޑެއް ތަޅައިގެން ވެއްޓޭ ކޮންމެ ފަހަރަކުމެ އެ ކަމަނާ ގެ ހަށިކޮޅުގައި ވާ ޗޭނުގަނޑުން ހިލިހިލާ ބޮޅެއް ވެއްޓި ގިރިގެންދެއެވެ. މި އިން ކޮންމެ ބިއްލޫރި ތަނޑި އެއް ތަޅައިގެން ދާ ކޮންމެ ފަހަރަކު ޝަބީބާ ކަމަނާ އަށް ޖެހިވަޑައިގަން ނަވައިފައިވާ ކަޅު ސިހުރު ދިޔައީ ބާޠިލް ވަމުންނެވެ. މި ގޮތަށް ހުރިހައި ބިއްލޫރި ތަނޑިތަށް ތަޅައި ފުނޑުފުނޑު ކޮއްފި ނަމަ އެ ކަމަނާ އަށް ހަދައިފައިވާ ސިހުރުން މިންޖުވެ ސަލާމަތް ވެވަޑައި ގަންނަވާނެއެވެ. ތުއްތުސީދީ އަށް ޝަބީބާ ކަމަނާ އެ ކުރައްވަމުން ގެނދަވާ ކަންތަށް އެނގިޖެއެވެ.
ތުއްތުސީދީ ކޮންމެ ވެސް ބަހުރުވައަކުން ކޮންމެސް އެއްޗެހިތަކެއް ކިޔައި ކިޔެވެލިތަކެއް ކިޔަވަމުން ދިޔައެވެ. ޝަބީބާ ކަމަނާ އަކަށް ތުއްތުސީދީ އެ ކިޔަމުން ގެންދިޔަ ބަހުރު ވައެއް ދެނެ ގަންނާކަށް އިނގިވަޑައިނުގަތެވެ. ދެން ތުއްތުސީދީ ޝަރީފާގެ މަހާނައިން ނަގައިފައިވާ ވެލިފުޅިނަގައި ރޯކޮށްފައި ހުރި އަލިފާންގަނޑަށް އެއްލައިފިއެވެ. ހަމަ އެއްލުމާއެކީ ހުޅުގަނޑު ބޮޑަށް ރޯވެ ގަދައަށް އަނދަންފެށިއެވެ. އެ އަލިފާން ގަނޑުގެ ހުޅުގަނޑު ރޯ ވެގެން ދިޔަ މަންޒަރު ޝަބީބާ ކަމަނާ އަށް ފެނިވަޑައިގެން އެ ކަމަނާ އަވަސް އަވަހަށް ދެ އަތްޕުޅުގައިވާ ހުރިހައި ބިއްލޫރި ތަނޑި ތަކެއް ތަޅުއްވައި ފުނޑުކޮށް މުގުރައި ހުސްކުރެއްވިއެވެ. އަދި ޝަބީބާ ކަމަނާ އަށް ހަދައިފައިވާ ސިހުރު މުޅީންއެކުއެކީގައި ހަލާކު ވެއްޖެއެވެ. އެ ކަމަނާގެ ހައްޔަރުފުޅުން އެއްކޮށް މިނިވަންވެ ވަޑައިގެންފިއެވެ.
ގިނައިރު ތަކެއް ނުވެ ޝަބީބާ ކަމަނާ ގެ ބޮޑު ވަރަފުޅު ހުޅުވައި ތަޅުވައިލިއެވެ. އެ ކަމަނާ ގެ ވަރަފުޅު ވަރަށް ބާރަށް ފިޔަޖަހައި އުދުހި ވަޑައިގެންނަވަން މައްޗައް އަރައިވަޑައި ގަންނަވަން އުޅުއްވަނިކޮށް ކުއްލި އަކަށް ތުއްތުސީދީ އޭނާ އަތުގައި އޮތް މޫނުބަލާ ލޯގަނޑުކޮޅު ނަގާފައި އަލިފާންގަނޑަށް ލޯގަނޑުގެ ހިޔަނި އަޅުވައިލިއެވެ. އަދި އެ ހިޔަނި ސީދާ އެ އަމާޒު ކޮއްލީ އެހެރަ ވެލާ އޮތް ބޮޑު ވަޅުގަނޑުގެ މަތީގައި އުދުހި ވަޑައިގަންނަވަން ތައްޔާރުވެ ވެވަޑައިގެންނެވި ޝަބީބާ ކަމަނާ ގެ ހަށިކޮޅާ ދިމާއަށެވެ. އެ އަލިގަނޑު އައިސް ޕަރީ ކަމަނާގެ ހަށިކޮޅުގައި ހަމަ ޖެހުމާއެކީ ވޭންހުރި ގަދަ އަޑުފުޅަކުން އެކަމަނާ އަށް ހަޅޭފުޅުލަވައި ގަނެވިއްޖެއެވެ.
ޝަބީބާ ކަމަނާގެ ތޫލި އަޑުފުޅު ގަދަވެގެން ދިޔަ ހިނދު އެކަމަނާގެ ފިޔަގަނޑުންނާއި މުޅި ހަށިކޮޅުން ވިއްސާރަ ދުނީގެ ކުލަތައް އަރަައިވަޑައިގެން ދިޔަހެން ވަރުގަދަ ގަދަ ނޫކުލައިގެ ހުޅުގަނޑެއް ރޯވާން ފެއްޓެވިއެވެ. އަދި ޕަރީ ކަމަނާގެ ފިޔަގަނޑުފުޅު އެއްކޮށް ގާވެ މުގުރި ފުނޑުފުނޑުވެގެން ފައިބާން ފެއްޓެވިއެވެ. މި ވަގުތު ޝަބީބާ ކަމަނާ ވޭން ގަދަބާރު އަޑުފުޅަކުން ރޮއެ ހަޅޭފުޅުލައްވައި ގަނެވިއްޖެއެވެ. އެއަޑުފުޅު ގުގުމާލި ގަޑީގައި ބޮޑު ރަނގަބީލެއް ޖެހީމައި އަންނަ ކަހަލަ ވަރުގަދަ އަޑަކާއެކު މުޅިބިންގަނޑު ދިޔައީ ގުޑައިގެންނެވެ. މިގޮތަށް ގުޑައިގެން ދިޔަގަޑީގައި ބޮޑެތި ބިޔަ ނިކަ ގަސްތަކާއި ރުއްތަށް ވެއްޓި ސަންގުފުއްޓަރު ރަށުގެ ބިންގަނޑު ކަޑައިގެން ބޮޮޑު ބިންހެލުމެއް ވެސް އަތުވެއްޖެއެވެ.
އަދި އެ ކަމަނާގެ ހަށިކޮޅުން އެ ފެތުރި ވަޑައިގެންނެވި އަލީގައި ބުރައިގެން ދިޔަ އަލިފާން ގިނިތައް މުޅި ހިސާބުގަނޑަށް ފެތުރިގެންފިއެވެ. އެ އަލިފާނުގެ ސަބަބުން އެތާނގައި ހުރި ބޮޑު ނިކަގަހުގައި ހުޅުހިފައި މުޅި ގަހުގައި ވެސް ގަދައަށް ރޯވާން ފެށިއެވެ. އެގޮތަށް ފަހަރަކު ގަހެއްގައި އަލިފާން ރޯވަމުން މުޅި ރަށުގައި އަލިފާންގަނޑު ފެތުރެން ފެށިއެވެ. ޝަބީބާ ކަމަނާ ގެ ވޭންހުރި އަޑުފައްގަނޑު ގަދަވެގެން ދިޔަ ހިނދު އެތާނގައި ޖަރާކް ޖިންނީގެ ޝިކާރައަކަށް ވެފައި ހުރި ތުއްތުސީދީ ދެކަންފަތުންނާއި ނޭފަތުން ލޭތައް ބުރައިގެން ދިޔައެވެ. އަދި އޭނާ ގޮސް ވިއްސައިގެން ބިންމައްޗަށް ވެއްޓިއްޖެއެވެ. އެހުރިގޮތަށް ހުންނަވައި ޝަބީބާ ކަމަނާ އެއްކޮށް އަނދައި ހުލިވެ ވަޑައިގެން އަޅި އަށް ވެ ހިނގައްޖެއެވެ.
އަބީރުލް އަމީރާ ޕަރީޒާދުލް ގިނިކަނދުލް ޝަބީބާ ޕަރީ ކަމަނާ އަވަހާރަފުޅު ވެއްޖެއެވެ.
ބިންމަތީގައި ވެއްޓިފައި އޮތް ތުއްތުސީދީގެ އަނގައިން ކަޅު ކުލައިގެ އޮލަ ދުންގަނޑެއް ބޭރުވެއްޖެއެވެ. ހަމަ ބޭރުވުމާއި އެކީ ތުއްތުސީދީ އަށް ހޭވެރިކަން ވެއްޖެއެވެ. އޭރު މުޅި ރަށުގައި ގަދަޔަށް ހުޅުރޯވެ އަނދަމުން ދަނީއެވެ. މުޅި ޖައްވު ގައި ކަޅު ކުލައިގެ އޮލަ ބޯދުންގަނޑެއް އުފެދިފައިވެއެވެ.
ތުއްތުސީދީ ހަޅޭލަވައި ރޮއެގެންފިއެވެ. އޭނާގެ ހުވަފެނީ ޕަރީ އެއްކޮށް އަދައިގެން ދިޔައީއެވެ. ބިންމަތީގައި ލޮއިން ހަދައިފައި އޮތް ސިހުރު ފޮތުގެ ތެރެއިން ރަތްކުލައިގެ ބޮޑު ދުންގަނޑެއް ފަދައިން ޖަރާކް ޖިންނި ފޮތުގެ ތެރެއިން ބޭރުވެއްޖެއެވެ. އަދި އެތާހުރި ކަޅު ހިޔަނި ގަބުރު ދޫ ލާފައި އޮތް ފުޅި ނަގައި ދޫ ކައިލައިފިއެވެ. ހަމަ ކައިލުމާއެކު އެކަޅު ހިޔަންޏާއި ޖަރާކް ޖިންނި އެއްކޮށް ތަތްވެ އެކަތި ގަނޑަކަށްވެެއްޖެއެވެ.
ޖަރާކް ޖިންނީ ގެ ހަށިގަނޑު ގައި އެޅުވިފައިވާ ކަސްތަޅުން ނެއްޓި މިނިވަން ވެއްޖެއެވެ. ތުއްތުސީދީއަށް ވާނުވާ އެނގުނުއިރު ހުރިހާ ކަމެއް މިވަނީ އޭނާ އުންމީދު ކުރިގޮތާއި ޚިލާފަށް ނިމިފައެވެ. މުޅި ރަށުގައި ރޯވެފައިވާ އަލިފާންގަނޑު ހަލުވިކަމާއެކު ފެތުރެމުން އެބަދެއެވެ. ޖަރާކް ޖިންނި ބާރުގަދަ ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ.
"އޭ މިހިރަ އިންސާނާ! އަހަރެން ކަލެއާ ދިމާލަކަށް މިއޮތީ ކަލެއާ ޖެހިފައޭ ނުބުނަންތަ؟."
ތުއްތުސީދީ ހުރީ ވަރަށް ބޮޑަށް ބިރުގެންފައެވެ. މިހާރު އޭނާއަކަށް ހަގީގަތުގައި ވެސް އެއްޗެއް ނުވިސްނެއެވެ. އޭނާގެ ކުރިމަތީގައިވާ ބިރުވެރި ހުތުރު ޖިންނި މިވަނީ ތުއްތުސީދީގެ މުޅި ހަޔާތް ހަލާކު ކޮށްލާފައެވެ. އޭނާ ލޯބިވި ޕަރީ އެވަނީ އަންދާލެވި އަވަހާރަ ކޮއްލެވިފައެވެ. އުޑުމަތި ވަނީ ކަޅުދުމުން ބަނަވެފައެވެ. އެރަށުގައި ތިބީ ތުއްތުސީދީއާއި ޖަރާކް ޖިންނި އެކަންޏެވެ.
ޖަރާކް ޖިންނި ތުއްތުސީދީއާ ދިމާލަށް އެނބުރި އަނެއްކާވެސް ބުންޏެވެ.
"މިހާރު މިއޮތީ ކަލެއާ ޖެހިފަ! އަހަރެން ކަލެއާ ދިމާލަށް މިހެން ނުބުނަން ތަ؟"
"އަހަރެން ކަލޭގެ ދަރިފަސްކޮޅުގައި ދުނިޔޭގައި ތިބި ބައެއްގެ ބޭނުންހިފާ އެންމެ ފަހުވަގުތު ކަލޭއާ ޖެހުނީމަ ކަލޭ ގެ ބޭނުން ވެސް ހިފީ."
"އަހަރެން ބޭނުންވި ގޮތަށް ޕަރިސްތާންގެ ރަސްގެފާނު އަލްއަބީރުލްމާލިކް ގެ ކިބައިން ބަދަލު ހިފީ."
"އެއީ އަހަރެން ބޭނުންވިގޮތަށް އެ ރަސްގެފާނުގެ ހަމައެކަނި ހުންނެވި އަންހެން ދަރިކަނބަލުން އަމީރާ ގިނިކަނދުލް ޝަބީބާ ޕަރީ ކަމަނާ އެކަތިފަހަރުން އަޅިއަށް ހަދާލުން."
ޖަރާކް ޖިންނި އޭނާ ހަދައިފައިވާ ބޮޑު ސިހުރުފޮތް ނަގައި އެފޮތަށް ބޮޑު ކުޅެއް ޖަހައިފިއެވެ. އެކުޅު ހުރީ އޮލަ ރަތް ކުލައިގައެވެ. އަދި އެފޮތް ބިންމައްޗަށް ވައްޓައިލިއެވެ. މިހާރު އެފޮތުގެ ހުރިހާ ބާރެއް ކެނޑުނީއެވެ.
އެ ފޮތުގައި ލިޔެފައިވާ އެއްޗެއް އޭގެ ތެރެއަށް ގިރިގެން ފައިބައިފިއެވެ. ވިރިގެން ފޮތުގެ ތެރެއަށް އެފޭބީ ގިގުނި ހަރުފައިގެ ވިހައިން ހަދައިފައިވާ ދެއްޔެވެ. މިހާރު އެފޮތުން ކުނި ވަހެއް ދުވަން ފަށައި އޭތި ބޮޑު ނަޖިސް ގަނޑަކަށް ވެއްޖެއެވެ. ޖަރާކް ޖިންނި ބިރުވެރި އަޑަކުން ހެމުން ތުއްތުސީދީއާ ދިމާލަށް ބުންޏެވެ.
"އޭ އިންސާނާ! ކަލޭ ހަދާފަ ހުރި ބޮޑެތި ހުރިހާ ސިހުރުތައް ވާނީ މިހާރު ބާޠިލުވެފަ."
މިހާރު ޖަރާކް ޖިންނި އެބުނިފަދައިން ހުރިހާ ކަޅުސިހުރެއް ވާނީ ހަލާކުވެފައެވެ. ތުއްތުސީދީ އެކުޑަ ފަޅުރަށަށް އައުމުގެ ކުރިން ވަނީ ރަކިސް ބޮނޑަކަށް ސިހުރުގެ ލިޔުންތަކެއް ލިޔެފައިވާ ތަވީދެއް ކާންދީފައިއެވެ. އޭތި ގެންގޮސް އޭނާގެ ގޯތީގެ ވަންނަ ދޮރު މަތީގައި އެލުވިއެވެ. އެބޮނޑު އެތާގައި އޮތްހާއިރަކު ރަތްއަކިރީ ގެއަށް ވަންނާނޭ މީހަކު ނާންނާނެއެވެ. އަދި އެގެ ހޯދަން މީހަކު އުޅުނަސް އެކަމެއް ވެސް ނުވާނެކަން ޔަޤީނެވެ.
ސަބަބަކީ އެގެ ވާނީ އެހެން މީހުންގެ ލޯތަކަށް ގެއްލިފައެވެ. ކިތަންމެ ވަރަކަށް ހޯދަން އުޅުނަސް ނުފެންނާނެއެވެ. ހަމަ އެފަދައިން ތުއްތުސީދި ސަންގުފުއްޓަރު ފަޅު ރަށުގައި ހަދާފައިވާ ކަޅު ސިހުރުގެ ބާރުގައި ރަށުގެ ފަސްގަނޑަށް އަރުވާފައިވާ ބިޔަނަގޫރޯޅި ތައްވެސް ވަނީ މިހާރު މައްޗަށް އަރައި ޖައްވުގެ ތެރެއަށް ގޮސް ގެއްލިފައެވެ. އަދި އެރަށް ވަށައިގެން ވަށް ބުރަކަށް ނުހުއްޓި އެނބުރެމުން ކަނޑުގައި އުޅުނު މިޔަރު އައިން ވެސް އެވަނީ ބެހިގެން ފުނަށްގޮސް ގެއްލިފައެވެ.
މިހާރު އެކުޑަ ސަންގުފުއްޓަރު ފަޅުރަށް އެހުރީ އެހެން މީހުންގެ ލޯ ތަކަށް ފެންނަ ގޮތަށެވެ. ޖެހިގެން އޮތް ތުއްތުސީދީގެ ރަށުގެ ކުދިބޮޑު އެންމެން ތިބީ ގޮނޑު ދޮށަށް ޖަމާވެފައެވެ. އެއްގޮތަކަށް ވެސް ވެގެންއުޅޭ ގޮތެއް ސާފުނުވެގެން އެންމެން ވެސް ތެޅިފޮޅެނީއެވެ. އެރަށު ކަތީބު ވެސް ހުންނެވީ އެވަގުތު ހަދާނެ ގޮތް ހުސްވެފައެވެ. އެކުޑަ ސަންގުފުއްޓަރު ފަޅުރަށް އެއްކޮށް އަނދާ ސުންނާފަތި ވަމުންދާ މަންޒަރު ފެންނަނީ ބޮޑު ބިރުވެރި ކަމެއް ހެންނެވެ. ރޯވެފައިވާ އަލިފާންގަނޑު ނިއްވައިލާނެ ގޮތަކައިމެދު ރަށު ރައްޔިތުން ވިސްނަނީއެވެ.
ޖަރާކް ޖިންނި ބިރުވެރި އަޑަކުން ތުއްތުސީދީ އާ ދިމާލަށް އަނެއްކާ ވެސް ތަކުރާރު ކޮއް ބުންޏެވެ.
"މިހާރު މިއޮތީ ކަލެއާ ޖެހިފަ."
"ކަލެއާ ޖެހުނު ބަލާވެރިކަމާ ސުންޕާކަން ވެސް ހަމަ ޖެހުނީ ކަލެއަށް."
ޖަރާކް ޖިންނި މިހެން ބުނެފައި ވަރަށް ބާރަށް ހެމުން ހެމުން ކަޅު ކުލައިގެ ދުން ގަނޑަކަށް ބަދަލުވެގެން މައްޗަށް އަރައިގެން ހިގައްޖެއެވެ. ޖަރާކް ޖިންނި އެދަނީ މިދުނިޔެ ވެސް ދޫކޮއްލާފައި މަޑި ކިލަނބުގައިވާ އެހެން ގުރަހަ އަކަށެވެ. ޖަރާކް ޖިންނި ދެނެއް މި ދުނިޔެ އަކަށް އެނބުރިއެއް ނާންނާނެއެވެ. އެ ޖިންނި މިހާރު އެމިސްރާބު ޖެހީ އެތަކެއް ހާސް ބިލިއަން އަލި އަހަރުގެ ރާސްތާގެ ބޮޑު ރަތް ކުލައިގެ ގުރަހަ އަކަށެވެ. މި ހުރިހާ ހާދިސާއެއް ނިމި ޖަރާކް ޖިންނީގެ ވަސް ވެސް މި ދުނިޔެއިން ފިލީއެވެ.
އެހެންނަމަ ވެސް އަދި ވެސް ތުއްތުސީދީ ހަމަހުރީ އެކުޑަ ސަންގުފުއްޓަރުގައި އެކަނިމައިއެކަންޏެވެ. އަނދަމުން ދިޔަ އަލިފާންގަނޑުގެ ތެރެއިން ސަލާމަތް ވާން ބޭނުންވެފައެވެ. މި އަލިފާންގަނޑު ރޯވަމުން ދިޔައިރު ޕަރީގެ ހުވަނދު އަތަރުގެ ވަސް މުޅި ޖައްވުގައި ދުވައިފައިހުއްޓެވެ. އެކަމަކު އެމީރު ވަސް އޭރު ހީވަނީ މާވަހަރުފަދަ އެއްޗެއް އަންދާތީ ދުވާ ވަހެއް ހެންނެވެ.
ތުއްތުސީދީގެ އުފާތައް އޭނާގެ ލޯމަތީގައި އެހެރަ އަނދާ ހުލިވަމުން ދަނީއެވެ. ތުއްތުސީދީއަށް މި ކުރެވުނީ ކޮން ކަހަލަ ކަމެއްބާ! މިހުރިހައި ކަމެއް އޭނާއަށް ކުރެވުނީ ޝަބީބާ ކަމަނާ އޭނާގެ ހަޔާތަށް ގެނެސް ދިރިއުޅުން ބަދަލުކޮށް އަލުން އާ ހަޔާތެއް ލިބޭނެކަމަށެވެ. އެހެނަސް އެހުރިހައި ކަމެއް ރޯވެ އެބަދަލުވީ އަޅިއަށަވެ.
ތުއްތުސީދީ ބިންމަތީގައި ލޮއިން ހަދައިފައިވާ އޮތް ސިހުރުފޮތް ނަގައި އެހިފައިގެން ރަށުގެ މޫދާވީ ފަރާތަށް އެބަދެއެވެ. މުޅި ރަށުގައި އެވަރަށް އަނދަމުން އަންނައިރު ރަށުން ބޭރުވެގެން ނޫނީ ސަލާމަތެއް ވެވޭކަށް ނެތެވެ. މޫދުކައިރީ އޭނާ ހުއްޓައި ބަޔަކު މީހުން ކުޑަ ބޮއްކުރައެއްގައި އަދި ކުޑަ ވަރެއްގެ ބޯޓެއްގައި ރަށާ ދިމާލަށް އަންނަތަން އެބަފެނެއެވެ. އެ މީހުންނަކީ ތުއްތުސީދީގެ ރަށުގެ މީހުންނެވެ. އެމީހުން އެރަށާ ކައިރިވި ތަނުން މީހަކު އެ ރަށުގެ ތެރެއިން ދުރަށް ފެންނަން ހުރިހެން ހީވެގެން ގޮވައި ހަޅޭލަވައި ހެދިއެވެ. އެތާނގައި މީހަކު އެބަހުއްޓޭ ކިޔައި އެރަށާ ތަންކޮޅެއް ކައިރިވި ތަނުން އެރަށުގެ ރާޅު ޖަހާ ހިސާބުގައި އެހުރި މީހަކީ ތުއްތުސީދީ ކަން އެނގިއްޖެއެވެ.
މިބައި މީހުން އަވަސްކޮށް އެރަށާ ހަމައަށް އައިސް ތުއްތުސީދީ ގޮވައިގެން އެނބުރި ރަށަށް އަތުވެއްޖެއެވެ.
ތުއްތުސީދީއަށް ހުރީ ނަފްސާނީގޮތުން ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ. އޭނާ ހުރީ އެބޮޑު ލޮއި ފޮތްގަނޑު ގައި އޮޅުލައި ހިފައި ބައްދައި ފިއްތާ ބާރު ކޮށްގެންނެވެ. އަދި ކޮންމެސް އެއްޗެއް ވެސް ކިޔާލަކިޔާލައެވެ. އޭނާ އެކިޔާ އެއްޗެއް ކުޑަކޮށް ވެސް ސާފެއް ނުވެއެވެ. ސަންގުފުއްޓަރު ރަށުން ތުއްތުސީދީ ނަގައިގެން ގެނައި އަޑު މުޅި ރަށު ތެރެއަށް ފެތުރިއްޖެއެވެ. ރަށު އެންމެން އުޅުނީ މިވީ ކޮން ކަމެއްކަން ނޭނގި ގެންނެވެ. އެ ފަޅުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ހިނގީ ކީއް ވެގެންތޯ އާއި ކޮންބަޔަކު ހިންގި ބޮޑު ޖަރީމާ އެއްތޯ ސާފު ނުވެގެންނެވެ. އެކުޑަ ފަޅު ރަށަށް ތުއްތުސީދީ ދިޔަކަމެއް އެއީ އެރަށު އެއް ވެސް މީހަކު ދެނަހުރި ކަމެއް ނޫނެވެ. މީހުންގަނޑު އެއްވެފައިވާ ތަނަށް އެރަށު މަރިޔަމްފުޅު އަތުވެއްޖެއެވެ.
މަރިޔަމްފުޅަށް އެނގިފައިވާ ކަމެއްގެ ވާހަކަ ރަށު ކަތީބަށް ކިޔައިދީފިއެވެ. އެއީ ތުއްތުސީދީ އޭނާގެ ދަރިފުޅު ޔާސިރު މަރިޔަމްފުޅާއި ހަވާލު ކޮށް މިއުޅެނީ ފުރާށޭ ބުނި ވާހަކައެވެ. އެހެން ފަހަރުތަކޭ އެއްގޮތަށް އޭނާ ރަށުން ބޭރަށް ދަތުރު ވަރިއެއްގައި ދަނީ ކަމަށް ހީކޮށް މަރިޔަމްފުޅު ގޭގައި އޭނާގެ ދަރިފުޅު ބެހެއްޓުމުން ތުއްތުސީދީ ފުރައިގެން ދިޔަ ވާހަކައެވެ. މިގޮތަށް މަރިޔަމްފުޅު ކިޔައިދިނެވެ.
balaabala ތިކުރީ ކީއް؟ ހެޔޮނުވާނެ...އެހެން ހަދާކަށް ނުވާނެއެއްނު