އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު، މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް (ސަން ސިޔާމް)ގެ ޕާސްޕޯޓް ސިންގަޕޫރުން ހިފެހެއްޓި ވާހަކަ އޭނާ ދޮގުކުރައްވައިފިއެވެ.

އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ލީޑަރު މިހެން ވިދާޅުވީ މިރޭ، ސިންގަޕޫރުން ރާއްޖެ ވަޑައިގެން ވީއައިޕީ ލައުންޖުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.

ސިޔާމް ވިދާޅުވީ މިފަހަރު ސިންގަޕޫރަށް ވަޑައިގެން އުޅުއްވިއިރުވެސް އެއްވެސް ވަރަކަށް ޕާސްޕޯޓް ހިފަހައްޓާ، ނޫނިއްޔާ ސިންގަޕޫރުގެ ބަންދުކޮށް ނޫނީ ސިންގަޕޫރުން ނުފުރޭނެ ގޮތެއް އެއްގޮތަކަށްވެސް ހަދާފައެއް ނެތް ކަމަށެވެ. ސިޔާމް ވިދާޅުވީ އެކަން އެނގިވަޑައިގެންނެވީ ވެސް ނޫސްތަކުގެ ހެޑްލައިންތަކުން ކަމަށެވެ.

"އަޅުގަނޑު އެނގޭކަމެއްވެސް ނޫން ތީކީ. އަޅުގަނޑަށް ތި ހަބަރު ލިބުނީ ހަމަ މީޑިއާތަކުގެ ހެޑްލައިނުން އަޅުގަނޑަށްވެސް ފެނުނީ،" ސިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ސިޔާމް ވިދާޅުވީ ނޫސްވެރިން މަސައްކަތް ކުރަންވާނީ ޒިންމާދާރު ކަމާއެކު ކަމަށާއި ޕާސްޕޯޓް ހިފެހެއްޓި މައްސަލާގައި ނޫސްވެރިން ސިޔާމަށްވެސް އަދި ސިޔާމްގެ ކުންފުންޏަށްވެސް ގުޅައި މައުލޫމާތު ސާފުކޮށްފައިނުވާ ކަމަށެވެ.

ސިޔާމް ވަނީ އެ ދޮގު ވާހަކަ ފެތުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދެވި ދަ ޑިމޮކްރެޓްސް އިން ކަމަށް ތުހުމަތުކޮށްފައެވެ.

އަދިވެސް އިތުރަށް ސިޔާމް ވިދާޅުވީ އޭނާގެ ކުންފުނިން ހިލްޓަންއަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ސަރުކާރުން ދެއްކުމަށް އެއްބަސްވެފައި ނުވާނެ ކަމަށާއި ހިލްޓަންއަށް ފައިސާ ދައްކާނީ އޭނާ ކަމަށެވެ. ސިޔާމް ވިދާޅުވީ އެއީ ސަރުކާރުން ކުރަންޖެހޭނެ ކަމެއް ނޫން ކަމަށެވެ.

ސިޔާމް އިތުރަށް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް, ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއެކު ކޯލިޝަން ހައްދަވާފައިވީ ކަމުގައިވިޔަސް ރަނިންގމޭޓްކަމަކަށް އެއްވެސް ޝައުގެއް ނެތްކަމަށެވެ. އެފަދަ ގޮތެއް ދިމާވިއްޔާ އެވާނީ މަޖުބޫރީ ހާލަތެއްގައިކަމަށްވެސް ސިޔާމް ވަނީ ވިދާޅުވެފައެވެ.