މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި، ޖުމްހޫރީ ޕާޓީ(ޖޭޕީ) ގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ކެމްޕެއިންގެ ތެރެއިން މާލޭގައި (ޑޯޓުޑޯ ކެމްޕެއިން) "ދޮރުން ދޮރަށް" ހަރަކާތް މިއަދު ފަށައިފިއެވެ.

ޑީ2ީޑީ ފެށުމުގެ ގޮތުން މިއަދު ހެނދުނު 10:30 ގައި ޖޭޕީގެ މައި ޖަގަހަ، މާފަންނު ކުނޫޒުގައި ވަނީ ވަރަށްވެސް ފުރިހަމަ އެހާމެ ކުލަގަދަ ހަފުލާއެއް ބާއްވާފައެވެ. މިހަފުލާގައި ޖޭޕީއަށް ނިސްބަވެވަޑައިގަންނަވާ ގިނަ އަދަދެއްގެ އާންމު މެމްބަރުންނާއި ލީޑާޝިޕްގެ ބައެއް ބޭފުޅުންގެ އިތުރުން މީޑިޔާތަކުންވެސް އެކި ފަރާތްތައް ވަނީ ބައިވެެރިވެވަޑައިގެންފައެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަހުމަދު ސައުދު ވިދާޅުވީ މާލޭގައި މިހަރަކާތް ފެށުމުގެ ކުރިން އަތޮޅުތެރޭގެ އެކިކަންކޮޅުތަކުގައި އެޕާޓީގެ ވޮލެންޓިއަރުން ޑޯޓުޑޯ ހަރަކާތްތަކާއި ކެމްޕެއިން ބައްދަލުވުންތައް ކުރިއަށްގެންގޮސްފައިވާ ކަމަށާއި އޭނާއާ ބައްދަލުވި ގިނަ މީހުން އިއްތިފާގުވާ އެއްކަމެއް އެބައޮތް ކަމަށެވެ.

ފޮޓޯ: ހަލިނޫސް

އެ އެންމެންވެސް އިއްތިފާގުވި އެއްކަމަކީ މިހާރު މިއޮތް ސަރުކާރު ބަދަލުކުރުން ކަމަށެވެ. އެނޫން ގޮތަކަށް މިހާރު މިއޮތް ހާސްކަން ފިލަން ނެތްކަމަށް ސައުދު ވިދާޅުވިއެވެ. ވަރަށް ގިނަ ކަންކަން ހަމަނުޖެހި ހުރިކަން ފާހަގަކުރައްވަމުން ސައުދު ވިދާޅުވީ، އެފަދަ ކަންތައްތައް ހަމަޖެހޭނީ އޮނަރަބަލް ޤާސިމް އިބްރާހީމް އިންތިހާބުކޮށްގެން ކަމަށެވެ.

"އެއީ އެއިން ކޮންމެ މީހަކުވެސް ބޭނުންވަނީ މިހާރު މިއޮތް ސަރުކާރު ބަދަލުކުރަން. އެނޫން ގޮތަކަށް މިހާރު މިއޮތް ހާސްކަން ފިލަން ނެތް ކަމަށް އެމީހުން ބުނަނީ. ވަރަށް ގިނަ ކަންކަން ހަމަނުޖެހި ހުރިކަން އެފަރާތްތަކުން ވަނީ ބުނެފަ. އެމީހުން ބުނަނީ އެކަންކަން ހަމަޖެހޭނީ ގާސިމް އިބްރާހީމް ރާއްޖޭގެ ވެރިކަމަށް އިންތިހާބުކޮށްގެންނޭ." ސައުދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް ވިދާޅުވީ މޮޅުކަމަކަށް ވާނީ ވިސްނުންތެރިކަމާއިއެކު ކަމެއް ކުރީމާ ކަމަށެވެ. ކޮންމެ ކަމެއްގައި އިސްނެގުމަކީ މޮޅުވުމެއް ނޫން ކަމަށާއި މިއަހަރުގެ އިންތިހާބު ޖޭޕީން ކާމިޔާބު ކުރައްވާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެެވެ.