ދިރާސީ އަހަރު ފެށޭއިރު ހުރިހާ ސްކޫލަކަށްވެސް ބޭނުންވާ މުދައްރިސުން ހަމަވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ސްކޫލްތަކަށް ބޭނުންވާ މުދައްރިސުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ. އަދި އަންނަ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން، ހުރިހާ ސްކޫލަކަށްވެސް މުދައްރިސުން ހަމަވާނެކަމަށާއި މުދައްރިސުންގެ އިތުރުން، ޕްރިންސިޕަލުން ހޯދުމުގެ މަސައްކަތްވެސް އެޑިއުކޭޝަނުން ކުރިއަށްދާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އަތޮޅުތެރޭގެ 14 ސްކޫލެއްގައި ބިދޭސީ ޕްރިންސިޕަލުން ހަރަކާތްތެރިވާނެ ކަމަށް އެޑިޔުކޭޝަނުން މައުލޫމާތު ދެއެވެ.

ދިރާސީ އައު އަހަރަށް ބޭނުންވާނެ ހުރިހާ ޓެކްސްޓު ފޮތްތަކެއް ސްކޫލުތަކަށް މިހާރު ވާނީ ހަވާލު ކުރެވިފައެވެ. އަދި މިހާރު ސްކޫލުތަކަށް ހަވާލުކުރެވިފައިވާ ފޮތްތައް ހަމައަށް ހަވާލުނުކުރެވިވާ ފޮތްތައް ހޯދާ ބަލައި، ހަމަނުވާ ފޮތްތައް ހަމަކޮށްދިނުމުގެ މަސައްކަތް އެޑިއުކޭޝަނުން ދަނީ ކުރަމުންނެވެ. އެގޮތުން ބަލައި ހޯދުމަށްފަހު މަދުވާ ޓެކްސްޓް ފޮތްތައް، މިމަހުގެ 31ގެ ނިޔަލަށް ހުރިހާ ސްކޫލަކަށްވެސް ހަވާލުކޮށް ނިމޭނެ ކަމަށް އެޑިޔުކޭޝަނުން ހާމަކުރެއެވެ.

މި ފެށޭ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 6 ވަނަ ދުވަހުއެވެ. މި ފެށޭ ދިރާސީ އައު އަހަރުގައި ކިޔަވައިދޭނީ 201 ދުވަހުއެވެ. ފުރަތަމަ ޓާމުގައި 93 ދުވަސް ކިޔަވައިދޭނެއެވެ. އަދި ދެވަނަ ޓާމުގައި 108 ދުވަހު ކިޔެވުން އޮންނާނެއެވެ.