އޮސްޓްރޭލިއާގެ ރައްޔިތުންނަށް އަވަސް އަރުވާލައިގެން ކޮވިޑް-19 ވެކްސިން ދޭން ބޭނުން ނުވާކަމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވެއްޖެއެވެ.

ސްކޮޓް މޮރިސަން ވިދާޅުވީ، ބޭނުމެއްނެތް ގޮތުގައި ރިސްކެއް ނަގަން އެގައުމުން ބޭނުން ނުވާ ކަމަށާއި، އަދި އިމަޖެންސީ ބޭނުންތަކަށް ވެކްސިންތަކެއް ބޭނުން ކުރުމުގެ ހުއްދަ ޔޫކޭއިން ދިން ނަމަވެސް، އެގައުމު ނަމޫނާއަކަށް ބަލައިގެން އޮސްޓްރޭލިއާއިން އެކަން އެގޮތަށް ކުރަން ބޭނުން ނުވާކަމަށެވެ.

ދުނިޔޭގައި ބޭހާއި ވެކްސިން އުފައްދާ ބައެއް ބޮޑެތި ކުންފުނިތަކުން އުފައްދާފައިވާ ވެކްސިންތަކަށް ދުނިޔޭގެ ބައެއް ގައުމުތަކުން ރައްޔިތުންނަށް ދޭން ފަށާފައި ވާއިރު، އޮސްޓްރޭލިއާގެ ކަމާބެހޭ އިދާރާއިން އެ ހުއްދަ ނުދޭތީ ބޮޑެތި ފިއްތުންތައް ސަރުކާރަށް ކުރިމަތިވަމުން އެބަދެއެވެ.

ނަމަވެސް، އޮސްޓްރޭލިއާގެ ކަމާބެހޭ އިދާރާއިން އެފަދަ ހުއްދައެއް ކުރިއަށްއޮތް މަސްދުވަހުގެ ތެރޭގައިވެސް ދޭނޭ ކަމަށް ނުބެލެވޭ ކަމަށް މީޑިއާއިން ބުނެއެވެ.

އޮސްޓްރޭލިއާގެ ކަމާބެހޭ އިދާރާތަކުން ރާވަމުންދަނީ އެގައުމުގެ ރައްޔިތުންނަށް ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް މިއަހަރުގެ މާޗްމަސް ނިމޭހާތާނގައި ދިނުމަށެވެ.

އެކަމަކު، އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ކުރިން ވިދާޅުވަމުން ގެންދެވީ، ކޮވިޑަށް އެއްވެސް ވެކްސިނެއް ލިބެންފަށާއިރު، ވެކްސިން ހޯދާ ކިޔޫގެ އެންމެ ކުރީގައި އޮސްޓްރޭލިއާ އޮންނާނެ ކަމަށެވެ.

އާންމުންގެ ފަރާތުން ކުރިމަތިވަމުންދާ ފިއްތުންތަކާ ގުޅިގެން ބޮޑުވަޒީރު މޮރިސަން ވިދާޅުވީ، ޔޫކޭގޮތަށް އޮސްޓްރޭލިއާ އޮތީ ކޮވިޑް ބަލީގެ އިމަޖެންސީ ހާލަތުގައި ނޫން ކަމަށެވެ. އެހެންކަމުން، އަވަސް އަރުވާލައިގެން ކަންކަންކޮށް، ބޭނުމެއްނެތް ރިސްކު ނަގަން ބޭނުންފުޅު ނުވާކަމަށް ވިދާޅުވިއެވެ.

އޮސްޓްރޭލިއާއިންވަނީ ކޮވިޑް-19 ބަލީގެ ކޮމިއުނިޓީ ސްޕްރެޑް މުޅިން ހުއްޓުމަކަށް ގެނެސްފައެވެ.

އެހެން ނަމަވެސް، ސިޑްނީއާއި މެލްބަރންފަދަ ބޮޑެތި ސިޓީތަކުން ކުދިކުދި ކްލަސްޓަރތައް އަލުން ފެނިގެން، ބަލި ފެތުރުން ހުއްޓުވަން މިހާރުވެސް ގެންދަނީ ފިޔަވަޅުތައް އަޅަމުންނެވެ.