ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އާރްޑީސީން ގދ. ތިނަދޫގައި އަލަށް ތަރައްގީ ކުރަމުން އަންނަ 6.5 ކިލޯ މީޓަރުގެ މަގުގެ ތާރު އެޅުމުގެ މަސައްކަތް ނިންމާލައިފި އެވެ.

ތިނަދޫ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން ތިނަދޫގައި ތާރު އެޅުމަށް ނިންމި 6.5 ކިލޯމީޓަރު މަގުގެ ތާޅު އަޅައި އެއްކޮށް ނިންމާލާފައިވާ ކަމަށް އާރްޑީސީން މިއަދު ވަނީ މައުލޫމާތު ދީފައެވެ. އާރްޑީސީން ބުނީ މި ވަގުތު ކުރިއަށް ދަނީ އަލަށް އިތުރު ކުރެވުނު 500 މީޓަރުގައި ތާރު އެޅުމުގެ މަސައްކަތް ކަމަށެވެ.

ގދ ތިނަދޫގައި އަލަށް ތަރައްގީކޮށް ތާރު އެޅި މަގުތަކަކަކީ

  • ގަދަހަމައިދި މަގު
  • އާބާދީ ހިނގުން
  • ކާންނާ މަގު
  • އޯކިޑް މަގު
  • ރަނަހަމައިދި މަގު
  • ވަރުހަގު މަގު
  • ދާންނާމަގު
  • ރަށްދެބައި މަގު
  • ނަރުގިސް މަގު
  • މާފަތް މަގު

މިމަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައި ވަނީ މެއި މަހުގެ 28 ވަނަ ދުވަހުއެވެ.

ތިނަދޫ މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމުމަށްފަހު ދެވަނަ ފިޔަވަހީގެ މަސައްކަތް އާރްޑީސީން ކުރަމުން އަންނައިރު، ދެވަނަ ފިޔަވަހީގައި ބޮޑު ސާދަ މަގެއްގައި، ފެން ހިންދާ ނިޒާމު ގާއިމުކޮށް، ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. 78 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާ މިމަޝްރޫއުވެސް ކުރިއަށް ގެންދާނީ އާރްޑީސީންނެވެ.