ފުރާނައިގެ ކާނާ: އިންސާނާގެ ގާބިލިއްޔަތު

އެމެރިކާގެ އޮހައިއޯ ޔުނިވަރސިޓީގައި ޑިސާސްޓަރ ރިސާރޗް ސެންޓަރ ( ކުއްލިއަކަށް ދިމާވާ ގުދުރަތީ މުސީބާތްތައް ބަލައި ދިރާސާ ކުރާ މަރުކަޒެއް) ހުރެއެވެ. މި މަރުކަޒު ގާއިމު ކުރެވުނީ 1963 ވަނަ އަހަރު އެވެ. މި މަރުކަޒުން މިހައި ތަނަށް ވަނީ އިންސާނުންނަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ އެތައް ސަތޭކަ ގުދުރަތީ ހާދިސާއެވެ. ބަލައި ދިރާސާ ކޮށްފައެވެ. ދިރާސާ ތަކުން އެނގިފައިވާ ގޮތުގައި އިންސާނާގެ ކިބައިގައި އަށަގަންނަ އާދަޔާޚިލާފު ހިތްވަރެއްގެ ސަބަބުންނެވެ. މިސާލަކަށް 1961 ވަނަ އަހަރު (އެމެރިކާގެ) ޓެކްސަސް ގެ އައްސޭރި ފަށަން ވަރުގަދަ ޠޫފާނެއް އައެވެ. މި ޠުފާން އައުމުގެ ހަތަރު ދުވަސް ކުރިން މި ފަދަ ޠޫފާނެއް އަތުވެދާނޭ ކަމަށް އަނަގައި އިންޒާރު ކުރެވުނެވެ. އެހެން ނަމަވެސް ޓެކްސަސްގެ ރައްޔިތުންގެ ތެރެއިން ރަށް ދޫކޮށްލާފައި ދިޔައީ ދެބައިކުޅަ އެއްބަޔަށް ވުރެވެސް މަދު މީސްކޮޅެކެވެ. ފަންސާސް އިންސައްތައަށް ވުރެ ގިނަ މީހުން ގަސްތު ކުރީ ރަށުގައި ގާއިމުވެ ތިބޭނެއެވެ. 1971 ވަނަ އަހަރު އައި ބިން ހެލުމެއްގެ ސަބަބުން ހަމަ އެ ރަށުގެ ޑޭމެއް( ފެނުގެ ބޭނުން ކޮށްގެން ކަރަންޓް އުފައްދާ ތަނެއް) ވަރަށް ބޮޑަށް ހަލާކުވެ، ހަތްދިހަ ހާސް މީހުންގެ ފުރާނައަށް ނުރައްކާ ވެދާނޭ ކަމުގެ ބިރު ހީވެގެން ދިޔަ އެވެ. މި ފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި ވެސް ރަށް ދޫކޮށްލާފައި ދިޔައީ އާބާދީގެ އެންމެ ހަތް އިންސައްތަ މީހުންނެވެ.

މި ދެންނެވުނު ދިރާސާ ތަކުން އެނގުނު އަނެއް ކަމަކީ ބޮޑެތި ގުދުރަތީ ހާދިސާ ތަކުން ގެއްލުން ލިބޭ މީހުން ކުރިމަގަށްޓަކައި ކުރާ ޢުއްމީދުތައް ވަރަށް ބޮޑު ކަމެކެވެ. ޓެކްސަސް އަށް ދިމާވީ ދެހާދިސާގެ ސަބަބުން ގެއްލުން ލިބުނު މީހުންނާ ސުވާލުކޮށް ކުރިމަގަށްޓަކައި އެ މީހުން ކުރާ އުއްމީދު ތަކަކީ ކޮބައިތޯ އޮޅުން ފިލުވުނެވެ. ހައިރާންވާން ޖެހުނު ކަމަކީ އެ ހާދިސާތަކުގެ ސަބަބުން ހިތްވަރު އެލި، ނާއުއްމީދުގެ ޝުޢޫރު ފާޅު ކުޅައީ ދިހަ އިންސައްތަ އަށް ވުރެ ވެސް މަދު މީސްކޮޅަކަށް ވީ ކަމެވެ. ބާކީ ތިބި މީހުންނަށް ލިބިފައިވާ ބޮޑެތި ގެއްލުން ތަކާ އެކުވެސް އެމީހުން ތިބީ ކުރިމަގު އުޖާލާ ވާނޭ ކަމުގެ ފޮނި އުއްމީދުގައެވެ.

Advertisement

މަތީގައި ދެންނެވުނު މަރުކަޒުން ތައްޔާރު ކުރި ރިޕޯޓް ނިންމާލާފައި ވަނީ މި ދަންނަވާ ޢިބާރާތުންނެވެ. ” ހާދިސާތަކުގެ ހަގީގަތަށް ވިސްނައިލީމާ އެނގުނީ އިންސާނާ އަކީ ހައިރާންވާ ފަދަ ގޮތަކަށް ނަފްސު ހިފަހައްޓަން އެނގޭ މަޚްލޫގެއް ކަމެވެ. އަދި މުސީބާތުގެ ވަގުތުތަކުގައި ކެތްތެރިވާން ދަންނަ މަހުލޫގެއް ކަމެވެ. މުސީބާތެއް މެދުވެރިވީމާ އިންސާނާ އެ މުސީބާތަކާ ކުރިމަތިލާ ގޮތް ބަޔާން ކުރަން ބޭނުންކުރަން ވާ ލަފްޒަކީ ބިރުގަތުން ނުވަތަ ހާސްވުން މި ލަފުޒެއް ނޫނެވެ. ރަނގަޅު ލަފްޒަކަށްވާނީ ހިތްވަރުގަދަކަން މި ލަފުޒުކަމަށް ވެދާނެއެވެ. ”

ހެއްދެވި ފަރާތުން ވަނީ އިންސާނާ އަށް އާދަޔާ ޚިލާފު ގާބިލިއްޔަތެއް ދެއްވާފައެވެ. މިގާބިލިއްޔަތުގެ ތެރޭގައި ދިރިއުޅުން މުޅިން ހަލާކުވެގެން ދިޔައީމާވެސް، އަލުން ތެދުވެ ހިންދެމިލުމަށް ފަހު ދިރިއުޅުން ރާވައި، ކުރިއަށް ގެންދިޔުމުގެ ގާބިލިއްޔަތު ހިމެނެއެވެ. ލިބޭ ގެއްލުމަށްޓަކައި ކަރުނަ އޮށްސައި ހިތާމަ ކުރުމަށްވުރެ ރަނގަޅު އެތަށް ކަމެއް ކުރުމުގެ ގާބިލިއްޔަތު އިންސާނާއަށް ވަނީ ލިބިފައެވެ. އިންސާނާގެ ކިބައިގައި މި ފަދަ އާދަޔާޚިލާފު ގާބިލިއްޔަތެއް ހުރިކަން އެނގުމަކީ އިންސާނާއަށް އަގުހުރި އެތަައް ފިލާވަޅެއް ލިބިގެން ދާކަމެކެވެ. އެ ފިލާވަޅަކީ ވަކި ފަރުދަކަށް ވީ ނަމަވެސް ޖަމާޢަތެއްގެ ތެރޭގައި ހިމެނޭ މީހަކަށް ވީނަމަވެސް މުސީބާތެއްގެ ސިފައިގައި ލިބޭ ގެއްލުމުގެ ސަބަބުން ނުވަތަ ކުރިމަތިވާ އިމްތިހާނެއްގެ ސަބަބުން ރޮއި ހިތާމަކޮށް ހެދުމުގައި ވަގުތު ނަގާލައިގެން ނުވާނޭ ކަމެކެވެ. މީގެ ބަދަލުގައި ކޮންމެ މީހަކުވެސް ބަލަންވާނީ އެމީހަކަށް ދެއްވާފައިވާ ގާބިލިއްޔަތުގެ ބޭނުންކޮށްގެން ދިރިއުޅުން އަލުން އާރާސްތު ކުރެވޭތޯއެވެ. އޭނާއަށް މުސީބާތާއި ގެއްލުން ލިބޭން މެދުވެރިވީ ކަންތައްތަކުގެ ސަބަބުން ދިރިއުޅުން ބާއްޖެވެރިވެ، ކުރިމަގު އުޖާލާ ވެގެން ދިޔުމަކީވެސް އެކަށީގެންވާ ކަމެކެވެ.

Advertisements