އަފްގާނިސްތާނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 31 މީހުން މަރުވެއްޖެއެވެ.

އަފްޣާނިސްތާނުގެ ޑިޒާސްޓާ މިނިސްޓްރީގެ ތާލިބާނުން ކަނޑައަޅާފައިވާ ތަރުޖަމާނު ޝާފިއުﷲ ރަހީމީ އިއްޔެގައި ވިދާޅުވީ ފާއިތުވި ތިން ދުވަހު ފެންބޮޑުވުމުގެ ސަބަބުން 31 މީހުން މަރުވެ، 74 މީހުން ޒަހަމްވެ، 41 މީހަކު ގެއްލިފައިވާ ކަމަށެވެ.

މީގެއިތުރުން އޭނާ ވިދާޅުވީ ވެރިރަށް ކާބުލް، މައިދާން ވަރުދަކް އަދި ގަޒްނީ ޕްރޮވިންސަށް ގައިވެސް ވަނީ ފެންބޮޑުވެފައި ކަމަށެވެ.އަދި މަރުވި މީހުންގެ ތެރޭގައި އެންމެ ގިނައީ ހުޅަނގު ކާބުލް އާއި މައިދާން ވަރުދާކް މީހުންކަމަށްވެސް ވިދާޅުވިއެވެ. ރަހީމީ ވިދާޅުވީ ފެންބޮޑުވުމުގެ ސަބަބުން ގާތްގަނޑަކަށް 250 އެއްހާ ޖަނަވާރު މަރުވެފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އަފްގާނިސްތާނުގެ ރައްޔިތުނަށް އިތުރު ތަކުލީފުތަކެއް އުފުލަން ޖެހިފައިވާކަމަށެވެ.

މި ކާރިސާގައި އެންމެ ފަހުން ފެންބޮޑުވެފައިވަނީ ކާބުލްގެ ހުޅަނގުގައި އޮންނަ މައިދާން ވަރުޑަކް ޕްރޮވިންސްގެ ޖަލްރޭޒް ޑިސްޓްރިކްޓްގައެވެ.

މިކަމާ ގުޅިގެން ޠާލިބާނުންގެ ސަރުކާރުގެ ތަރުޖަމާނު ޒަބީހުالله މުޖާހިދު ވިދާޅުވީ ހަލުވިކަމާއެކު ފެންބޮޑުވުމުގެ ސަބަބުން ނިދީގައި 12 މީހުން މަރުވެފައިވާ ކަމަށެވެ. އަދި އެތައް ސަތޭކަ ގެއަކަށް ގެއްލުންވެ ނުވަތަ ހަލާކުވެ އިތުރު 40 އެއްހާ މީހުން ގެއްލިފައިވާ ވުމުން، ރެސްކިއު ޓީމުތައް ހަރަކާތްތެރިވަމުން ދަނީ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.