ގަލްފްގައި ހިމެނޭ އަރަބި ބައެއް ގައުމުތަކާއި ގަތަރާދެމެދު އުފެދިފައިވާ މައްސަލަތައް ހައްލުކުރަން އެ ގައުމުތަކުން އެއްބަސްވެއްޖެއެވެ.

ގަލްފްގެ އަރަބި ގައުމުތަކުން މިކަމާބެހޭ އެއްބަސްވުމެއްގައި މިއަދުވަނީ ސޮއިކޮށްފައެވެ.

އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ އަލް-އުލާގައި މިހާރު ކުރިއަށްދާ ގަލްފް ކޯޕަރޭޝަން ކައުންސިލް ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ގަތަރުގެ އަމީރު ޝައިޚް ތަމީމް އައްޘާނީވަނީ، ގަތަރާ ވަރަށްބޮޑު ދެކޮޅުވެރިކަމެއް ކުރިން ފާޅުކުރަމުންދިޔަ ގައުމުތަކުގެ ވެރިންނާވެސް ބައްދަލު ކުރައްވާފައެވެ.

ޖީސީސީގައި ހިމެނޭ ސައުދީ އަރަބިއްޔާ، ބަހްރެއިން އަދި ޔޫއޭއީގެ އިތުރުން، މިސްރުން 2017 ވަނަ އަހަރުގެ މެދުތެރޭގައި ގަތަރާ ސިޔާސީ ގުޅުން ކަނޑާލައި، އެގައުމުތަކުގައި ތިބި ގަތަރުގެ ރައްޔިތުން ބޭރުކޮށް، ގަތަރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި، ދުނިޔޭގައި ގަތަރު އެކަހެރި ކުރުމުގެ ކެމްޕެއިން ފެށީ، ގަތަރުން ޓެރަރިޒަމަށް ހިތްވަރުދީ އެކަމަށް ފަންޑުކުރާ ކަމަށް ބުނެއެވެ. އަދި ގަތަރުން އީރާނާ ގާތް ގުޅުންތަކެއް ބާއްވާތީ އެކަމުގެ ރުޅީގައިވެސް މެއެވެ.

ނަމަވެސް، އަވަށްޓެރި ގައުމުތަކުގެ ތުހުމަތުތައް ގަތަރުން ތަކުރާރުކޮށް ގެންދިޔައީ ދޮގުކުރަމުންނެވެ.

ޖީސީސީ ބައްދަލުމުގައި ސޮއިކުރި އެއްބަސްވުމުގެ ސަބަބުން މައްސަލަ ހައްލުކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި ގަތަރާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ނިމުމެއް ގެނައުމަށްވެސް މަގުފަހި ވެގެންދާނެއެވެ.

ޖީސީސީ ބައްދަލުވުމަށް ގަތަރުގެ އަމީރު ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅަކީ، އަރާރުން ފެށުނުފަހުން ގަތަރުގެ އަމީރު ސައުދީއަށް ވަޑައިގަތް ފުރަތަމަ ފަހަރެވެ. އެއަރޕޯޓުން ގަތަރުގެ އަމީރަށް މަރްހަބާ ވިދާޅުވީ، ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހަންމަދު ބިން ސަލްމާންއެވެ.

ގަތަރުގެ އަމީރާއި، ސައުދީ ވަލީއަހުދު ސަލާމްކުރައްވައި ބޮސްދެއްވާ މަންޒަރު ފެންނަ ފޮޓޯތައް ސޯޝާލް މީޑިއާގައި ވަރަށް ބާރަށް ފެތުރިގެން ގޮސްފައި ވެއެވެ.