ދަ ޑިމޮކްރެޓްސްގެ ދެ ސިޔާސަތެއް ލޯންޗުކުރުމުގެ ހަރަކާތްތަކެއް މިއަދުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަންސާސްރަށެއްގައި ކުރިއަށްގެންދަން އެ ޕާޓީން ނިންމައިފިއެވެ.

ޑިމޮކްރެޓްސްގެ ކެމްޕޭން ޓީމުން ބުނި ގޮތުގައި، މި ހަރަކާތްތަކުގެ ތެރެއިން ލޯންޗުކުރަން ނިންމާފައި ވަނީ:

  • 'ލާމަރުކަޒީ ބަދަލު': ހަގީގީ މާނައިގައި ބާރުތައް ބަހާލުން
  • މުޅި ރާއްޖޭގެ މަޖިލިސް': ރާއްޖޭގެ ފަރާތުން ކުރާ ވަކާލާތު

މި ދެ ސިޔާސަތު ލޯންޗުކުރުމުގެ ހަރަކާތްތައް ފަންސާސް ރަށެއްގައި ކުރިއަށް ގެންދާނެ ކަމަށާއި އެ ކަމަށް ޑިމޮކްރެޓްސްގެ ޓީމުތައް އެކި ރަށްރަށަށް މިހާރު ދަތުރުކޮށްފައިވާ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

އެ ޓީމުތަކުގައި ހިމެނެނީ މަޖިލީހުގެ މެންބަރުންނާއި، އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި، ކައުންސިލަރުންނާއި އަދި ސަރުކާރުން ވަކިވި ބައެއް އިސް ބޭފުޅުންނެވެ.

މި ދަތުރުގައި، ސިޔާސަތު ލޯންޗުކުރުމުގެ އިތުރުން ޑިމޮކްރެޓްސްއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރާނެ ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތައް ބާއްވައި ޕާޓީއާ ގުޅޭ މައުލޫމާތު ދޭނެކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ. ދަ ޑިމޮކްރެޓްސްގެ 'ފަސޭހަ ވިޔަފާރި' ސިޔާސަތުގެ ވޯކްޝޮޕްތަކާއި މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދާނެ ކަމަށާއި ކެމްޕޭން ޓީމުތައް އެކުލަވާލުމާއި ޖަގަހަ ހެދުމާއި ޕާޓީގެ ދިދަ ނެގުން ހިމެނޭހެން އިތުރު ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށްވެއެވެ.

މީގެ ކުރިން ވެސް ޑިމޮކްރެޓްސް ގެ 'ފަސޭހަ ވިޔަފާރި' ސިޔާސަތު ވަނީ ލޯންޗުކޮށްފައެވެ. ޑިމޮކްރެޓްސްގެ ފަރާތުން ހުށަހަޅާފައިވާ ހައްލުތަކާއެކު އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައިގެން ދިރިއުޅުން ބިނާކުރުމުގެ މަގުފަހިކޮށްދޭން، އެ ސިޔާސަތު ލޯންޗުކުރުމަށް ވެސް އެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.