ދ. މާއެނބޫދޫ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު، އަލްފާޟިލް އާދަމް އާޒިމް އެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލާ ފާތުމަތު ޝާނާ ފާރޫޤެވެ.

މި މަޝްރޫއުގެ ދަށުން، ސޭންޑް ސަރޗް ސަރވޭއެއް ހެދުމާއި، 15 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރުން ހިމެނެއެވެ. އަދި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމަށްފަހު ކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ މި މަޝްރޫއަކީ 76.76 މިލިއަން ރުފިޔާއަށް 300 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.