މިއަދުގެ ޝަރަފްވެރީންނަކީ މިނިވަންކަމަށްޓަކައި ގުރުބާންވި ބަޠަލުންނެވެ. ދޫތަކުން ތަޢުރީފާއި އައްސަރިބަސް މިއަދު އޮހެމުންދަނީ އެބޭފުޅުންގެ ފުރާނަ އަތްމައްޗަށް ލައިގެން ދިވެހިޤައުމުގެ މިނިވަންކަމަށްޓަކައި ކޮށްދެއްވި މަސައްކަތަށްޓަކައެވެ.

އަދުގެ މިނިވަންކަމަކީ އިއްޔެ ކުރެވުނު މަސައްކަތްތަކެއްގެ ނަތީޖާއެވެ. މާދަމާގެ މިނިވަންކަން އޮންނާނީ މިއަދު ކުރެވޭ މަސައްކަތެއްގެ ނަތީޖާއިންނެވެ. އެހެންކަމުން މިނިވަންކަމުގެ އަސްލާއި ހަގީގަތަށް ފުންކޮށް ވިސްނައި، އަދުގެ ދުނިޔެއާ ފައިހަމަކުރެވޭ ވިސްނުންތަކަކާއި އެއަށް އިޖާބަދެވޭ ފުރިހަމަ އަމަލުތަކަކީ ކޮބައިތޯ ބަލައި، އަދާއި މާދަމާއަށް ތައްޔާރުވުމަކީ މިނިވަން ދުވަސް ފާހަގަކުރުމުގެ ހަގީގީ ބޭނުމެވެ.

މިނިވަން ދުވަސް އަންނަނީ ގައުމެއް އުފަންވެފައިވާކަން އިއުލާނުކޮށް އެއަށް ހެކިދީ އެކަން ހަނދާންކޮށްދެމުންނެވެ. އެހެންކަމުން މިނިވަންދުވަހުގެ ވިސްނުމާއި ޝުރޫތައް ހުންނާންވާނީ ގައުމުގެ އެންމެ މަތީ މަސްލަހަތަށް އެންމެ ފަހިވާގޮތަށެވެ. ގައުމުގެ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށެވެ. ގައުމުގެ މުސްތަގުބަލަށް އެންމެ އީޖާބީގޮތަށެވެ.

ދުނިޔޭގެ ތާރީޚުގެ އެކި ޒަމާންތަކުން ދައްކައިދީފައިވާ ހަގީގަތްތަކުން ފެންނާން އޮތް ގޮތުގައި، މިނިވަންކަން ލިބުމާއި، ހޯދުމާއި، ދެމެހެއްޓުމަށް ބޭނުންވާ އެންމެ އާންމު އަސާސީ ވަސީލަތަކީ އެ ބައެއްގެ ފުދުންތެރިކަމެވެ.

މުޖުތަމައުގައި ފަރުދުންގެ ފެންވަރުގައްޔާއި، ދުނިޔޭގައި ގައުމުތަކުގެ ފެންވަރުގައި ބެލިކަމުގައި ވިޔަސް ފުރިހަމަ މިނިވަންކަމާއި ފުދުންތެރިކަން ގުޅިފައިވާ މިންވަރު ފާޅުކަން ބޮޑުކޮށް ފެނި ހާމަވެގެންދެއެވެ.

ޤައުމެއްގެ މިނިވަންކަމަށް ނުރަނގަޅު ނުފޫޒުތައް ފޯރުމުގައި، އެންމެ އިސް ސަބަބެއް ކަމަށް ވަރަށް ގިނަފަހަރަށް ވެފައި އޮންނަނީ އެބައެއްގެ އިޤްތިޞާދަށް ކުރިމަތިވާ މައްސަލަތަކެވެ. އެބައެއްގެ ފުދުންތެރިކަން ދަށަށްދާ ސަބަބުތަކެވެ.

ދުނިޔެ ދެކެމުންދާ މި ހަގީގަތުގެ މައްޗަށް ބިނާކޮށް ދިވެހިރާއްޖޭގެ ފުދުންތެރިކަން އިތުރުކޮށް، ފަސްއަހަރުތެރޭ ރާއްޖޭގެ އިގްތިސާދު ދެގުނަ ކުރުމުގެ މަސައްކަތް މިއަދު ރޭވުމުން ކުރެހެމުން، ތަންފީޒުވަމުންދާކަން މިއަދު އުފަލާއެކު ފާހަގަކުރަންޖެހެއެވެ.

މި އަމާޒަށް ވާސިލްވުމަށްޓަކައި މުޅި ރާއްޖޭގައި މިވަނީ އަސާސީ ވަސީލަތްތައް ގާއިމްކޮށް ގާތްގަނޑަކަށް ނިމިފައެވެ. ދަތުރުފަތުރުގެ ފަސޭހަ ނިޒާމަކާއި، މުވާސަލާތުގެ އަވަސްކަމާއި ފަސޭހަކަމާއި، ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތާއި، ކޮންމެ މީހަކަށް ރައްކާތެރިކަން ކަށަވަރުކޮށްދޭ ސިއްހީ ނިޒާމަކާއި، މަތީތައުލީމުގެ އެތައް ފުރުސަތުތަކެއް މިވަނީ ގާއިމްކުރެވިފައެވެ. މީގެ ފަހަތަށް ތަރުތީބުވާ އެތައްކަމެއް ރާވައި ހިންގަމުން މި ނިޒާމު މިދަނީ ހުރިހައި މާނައެއްގައި ފުރިހަމަވަމުން ފައްކާވަމުންނެވެ.

މި ކަންކަމުގެ ނަތީޖާއަކީ އަދުގެ ޒުވާނުންނާއި އެކުދީންގެ ބެލެނިވެރިންގެ އުންމީދުތައް ހާސިލްވެ، ރާއްޖޭގެ ކޮންމެ މީހަކަށް ހިތްފަސޭހަ ދިރިއުޅުމެއް ލިބިގެންދިއުމެވެ. ފަހަތުން އަންނާން އޮތް ޖީލުތަކަށް ވާރުތަވާނޭ، ހަގީގީ މިނިވަން ދިވެހިރާއްޖެއަކަށް މި ރާއްޖެވެގެންދިއުމެވެ.

މި ނަތީޖާ ނެރުމަށްޓަކައި ކުރަންހުރި މަސައްކަތްތައް އަދިވެސް ގިނަވެފައި، އެހާމެ ބުރަބޮޑެވެ. މިނިވަން ދުވަހުގެ މުނާސަބަތަކީ މިކަންކަމާމެދު ފިކުރު ހިންގައި، މި ނަތީޖާ ނެރުމުގައި ބައިވެރިވުމާއި، ހާސިލްކުރުމުގައި ކޮންމެ މީހެއްގެ ބައިވެރިވުން އޮތްކަން ހަނދާންކޮށްދޭ މުނާސަބަތެކެވެ.

ގައުމުގެ މިނިވަން ދުވަސް އަންނަނީ އެ ގައުމެއް، ގައުމަކަށްވީ ހުރިހައި ސަބަބެއް ރައްކާތެރިކުރުމާއި ކުރިއެރުވުމާއި، ނެގެހެއްޓުމަށް ހަނދާންކޮށްދީ އެ ވިސްނުންތައް އާކޮށްދެމުންނެވެ. ބަވަނަ ވަންތަ ދުނިޔެއެއްގައި އެ ގައުމެއްގެ އަމިއްލަ އައިޑެންޓިޓީއެއް ހޯދުމަށް ނަސޭހަތްތެރިވަމުންނެވެ. މިނިވަން ދުވަހުގެ މުނާސަބާގައި އަޅުގަނޑުމެން ކުރަންވީ ކަންކަމަކީ މިކަންކަމަށް އިޖާބަދިނުމަށް އަވަސްވެގަތުމެވެ. މި ނަސޭހަތަށް އަމަލުކުރުމެވެ. ކާބަފައިންގެ ގުރުބާނީގެ މަތިވެރިކަން ވަޒަންކޮށް އެ އަޒުމާއި ހިތްވަރުން އިބުރަތް ލިބި އެންމެ ފުރިހަމައަށް ޒިންމާ އަދާކުރުމެވެ. ގައުމުގެ މިނިވަންކަމަށްޓަކައި ކޮންމެ ފަރުދަކު އަދާކުރާން އޮތް ޒިންމާ ރުހި ގަބޫލުގައި އަދާކޮށްދިނުމެވެ. މި ހުރިހައިކަމެއް ހިމެނޭގޮތުން އުންމީދާއި އަޒުމާއި އަމަލުގެ ދުވަހަކަށް މިނިވަން ދުވަސް ހެދިއްޖެ ނަމަ ދިވެހީންވާނީ ކާމިޔާބު ބަޔަކަށެވެ. ތާއަބަދުގެ މިނިވަން ބަޔަކަށެވެ.

ކީރިތި ﷲ، އަޅުގަނޑުމެންގެ މި އުންމީދުތައް ހާސިލްކޮށްދެއްވައި، އަޅުގަނޑުމެންގެ މި ލޮބުވެތި ވަތަން، މި އަމާންކަމުގެ ފަސްގަނޑު، މި ފަޚުވެރި ގައުމު، ފުދުންތެރި މިނިވަން ގައުމެއްގެ ގޮތުގައި ތާއަބަދަށް ލައްވައި ނަސްރުވެރި ކުރައްވާށިއެވެ.