އެޑިއުކޭޝަން މިނިސްޓްރީން 2017 ވަނަ އަހަރު ބައެއް މަޝްރޫޢުތައް ހިންގުމުގައި ދައުލަތަށް ގެއްލުންވާގޮތަށް ހިންގާފައިވާކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވަނީ އެޑިއުކޭޝަން މިނިސްޓްރީން ދައުލަތުގެ ފައިސާ ހޭދަކުރެވެނީ، ވާދަވެރި މާޙައުލެއްގެ ތެރެއިން، އިޤުތިޞާދީގޮތުން އެންމެ ފައިދާހުރި، އަދި ހާމަކަންބޮޑު ޒިންމާދާރު ގޮތެއްގެމަތިންކަން ޔަގީންކުރަންވާނެ ކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ގައި ބަޔާންކޮށްފައި ވީނަމަވެސް، ބައެއް މަޝްރޫޢުތައް ހިންގުމުގައި އުސޫލާ އެއްގޮތަށް އަމަލުކޮށްފައި ނުވާކަން ފާހަގަ ކުރެވިފައިވާކަމަށެވެ.
އޮޑިޓް ރިޕޯޓުގައިވަނީ 2016 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީން ނޭޝަނަލް ޓެންޑަރ ބޯޑު މެދުވެރިކޮށް މ. ކޮޅުފުށީ ސްކޫލްގައި ކްލާސްރޫމް ހަދަން ސްވިފްޓް އިންޖިނިއަރިންއާ ޙަވާލުކުރި 48 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫޢެއް ހުއްޓާލުމަށް ފިނޭންސް މިނިސްޓްރީން އެންގުމުން އެއެއްބަސް އުވާލާފައިވާކަމަށެވެ. އަދި މިމައްސަލައިގައި އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގައި އިތުރު ފަސް މަޝްރޫޢެއް އެކުންފުންޏާ ޙަވާލުކުރުމަށް ރައިސުލްޖުމްހޫރިއްޔާއަށް ހުށައެޅުމަށް އޯލްޓަނޭޓިވް ޑިސްޕިއުޓް ރިސޮލިއުޝަން އޭ.ޑީ.އާރް ކޮމިޓީންވަނީ ނިންމާފައިކަމަށެވެ.
މިމައްސަލާގައި ރައިސް އޮފީހުންވަނީ އެޑިއުކޭޝަން މިނިސްޓްރީން ބޭނުންވާގޮތް ހާމަކޮށް އޭޑީއާރް ކޮމިޓީއަށް ހުށަހަޅައި އެކޮމިޓީއަށް ފެންނަ ގޮތަކަށް ކުރިއަށްގެންދިޔުމަށް ލަފާދެއްވާފައެވެ. އެހެންނަމަވެސް އެކޮމިޓީގެ ލަފަޔާނުލައި މަސައްކަތުގެ ސްކޯޕަށް ބަދަލުގެނެސް އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގުގައި މަސައްކަތްކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.
މ.ކޮޅުފުށީ ސްކޫލްގައި 8 ކްލާސް ރޫމާއި މަލްޓިޕަރޕަސް ހޯލެއް ތަރައްޤީކުރުމަށް ސްވިފްޓް އިންޖިނިއަރިންއާ ހަވާލުކޮށްފައިވަނީ ސާދަ މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. ހަމަ މިމަޝްރޫޢަށް ބިޑު ކުރި ކުންފުނިތަކުގެ ތެރެއިން ކުންފުންޏަކުން 7.6 މިލިއަނަށް މިމަސައްކަތްކޮށްދޭން ނޭޝަނަލް ޓެންޑަރ ބޯޑަށް ހުށައެޅުމުން އެމަސައްކަތްވެސް އެކުންފުންޏާ ޙަވާލުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްފައިވާކަމަށް އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.
މިމައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީއަށް މައްސަލަ ހުށަހެޅުމަށް އޮޑިޓް އޮފީހުންވަނީ ލަފާ ދެއްވާފައެވެ. އަދި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ދައުލަތުގެ މާލިއްޔަތު ޤާވާއިދަށް ޢަމަލުކުރުމަށްވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ދަރުމަވަންތަ ސްކޫލް ތަޅާލުމަށް ކުރިއަށްގެންދިޔަ މަޝްރޫޢުގެ ވޭރިއޭޝަންގެ ގޮތުގައި ހުއްދަކޮށްފައިވާ ޢަދަދު މަޝްރޫޢުގެ އަގުގެ 10 ޕަސެންޓަށްވުރެ ބޮޑުކަންވަނީ ފާހަގަކޮށްފައެވެ. އަދި އޯޑަރު ކުރެވުނުތަކެތި ލިބުނުކަން ކަށަވަރުކުރުމަކާނުލައި އަދި މަސައްކަތް ނިމުނުކަން ކަށަވަރުނުކޮށް ބިލްތަކަށް ފައިސާ ދައްކާފައިވާކަންވެސް އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ. އަދި އަހަރު ނިމުނުއިރު ނުދައްކާހުރި ބިލްތަކުގެ ޢަދަދު މާލީ ބަޔާނުގައި ހިމަނާފައިނުވާކަމަށް އޮޑިޓް ރިޕޯޓުގައިވަނީ ބަޔާންކޮށްފައެވެ. މީގެއިތުރުން ގަވާއިދުގައި ބަޔާންކުރާ ގޮތަށް ދައުލަތުގެ ހަރުމުދާ ބަލަހައްޓާފައިނުވާކަމަށްވެސް އޮޑިޓް ރިޕޯޓުގައިވަނީ ބުނެފައެވެ.