ރައީސް އިބްރާހީމް މުހައްމަދު ސާލިހު އަދި އެ މަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޓީ ފަޒްނާ އަހުމަދު ރާއްޖޭގެ މިނިވަންކަމަށް 58 އަހަަރު ފުރޭ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން ރޭ އިސްލާމީ މަރުކަޒު މައިދާނުގައި ބާއްވަވައިފިއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ދައުލަތުގެ އިސްވެރިން އަދި ދިވެހި ދައުލަތުން އިއްޒަތް އަރުވާފައިވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ދައުލަތުގެ ކުރީގެ ވަޒީރުންނާއި ގައުމީ އިނާމު އަދި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އަދި ވެސް ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނާއި، ސިޓީ ކައުންސިލުތަކުގެ މެންބަރުންނާއި، ސިވިލް ސާވިސްއާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑު މެންބަރުން އަދި ސަރުކާރު ކުންފުނިތަކުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.

މީގެ އިތުރުން ރޭ ބޭއްވެވި އެ ބައްދަލުވުމުގައި ރާއްޖޭގެ އިގުތިސާދީ، އިޖުތިމާއީ އަދި އެނޫން އެހެން ދާއިރާތަކުގައި ހިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނާއި، ޒުވާނުންނާއި، އަންހެން ބޭފުޅުންގެ ތެރެއިން އެކި ދާއިރާތަކުގައި ހިދުމަތްކުރައްވަމުން ގެންދަވާ ބޭފުޅުންނާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، އެކި ކުޅިވަރުތަކުން ފާހަގަކޮށްލެވޭ ކުޅުންތެރިން ބައިވެރިވިއެވެ. އަދި ޔުނިވާސިޓީއާއި ކޮލެޖުތަކާއި ސްކޫލުތަކުގެ ދަރިވަރުން ވެސް އެ ބައްދަލުވުމުގައި ބައިވެރިވިއެވެ.

ރައީސް ސާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ ވަނީ އެ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި އެކިއެކި ބޭފުޅުންނާ ބައްދަލުކުރައްވައި، މިނިވަން ދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ.

ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުގައެވެ.