މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ބާއްވަން އުޅުއްވި ނިއުސް ކޮންފަރެންސް ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ.
މިއަދު މެންދުރުފަހު 2:30ގައި ބާއްވަން އޮތް ނިއުސް ކޮންފަރެންސް ކެންސަލް ކުރިކަން އެންގީ ގަޑި ވަރަށް ކައިރިވެފައި ވަނިކޮށެވެ. މިއަަދުގެ ނިއުސް ކޮންފަރެންސް ބާއްވަން އުޅުނީ ކޮން ކަމަކާ ގުޅޭ ގޮތުން ކަމެއް އެނގިފައެއް ނެތެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި، މުއިއްޒު ބާއްވަން އުޅުއްވި ޕްރެސް ކޮންފަރެންސަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ އެދިވަޑައިގަތުމަކަށް ބާއްވަން އުޅުނު ނިއުސް ކޮންފަރެންސެއް ކަމުގައެވެ.
ފަހަކަށް އައިސް ޕީޕީއެމްގެ ކައުންސިލްގެ މެޖޯރިޓީ ހޯއްދަވައިގެން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ރިޔާސީ އިންތިހާބަށް ނުކުތުމަށް މުއިއްޒު މަސައްކަތް ކުރައްވާކަމުގެ ތުހުމަތު ޕީޕީއެމްގެ ބައެއް ބޭފުޅުން ކުރެއެވެ. ނަމަވެސް މުއިއްޒު ވަނީ އެ ވާހަކަތައް ދޮގުކުރައްވައިފައެވެ.
މުއިއްޒު މިއަދު ނިއުސް ކޮންފަރެންސެއް ބާއްވަން ނިންމެވި އިރު، ޔާމީންގެ ރަނިންމޭޓެއް ކަނޑައެޅުމުގެ ބާރު ވަނީ އެ މަނިކުފާނަށް ދޫކޮށްލައިފައެވެ. ހަމައެހެންމެ ރިޔާސީ އިންތިހާބު ކައިރިވަމުންއަންނައިރު، އިންތިހާބަށް ކުރިމަތިލުމުގެ ވަގުތުނުހަނު ބޮޑަށް ކުޑަވެފައިވާ މިދަނޑިވަޅުގައި އަދިވެސް ރައީސް ޔާމީން ގެ މައްސަލައިގެ އިސްތިއުނާފުވަނީ ކުރިއަށް ނުގެންދެވި ތާށިވެފައެވެ. އެހެނެއްކަމަކު ޕީޕީއެމުން ދަނީ ތަކުރާރުކޮށް ޔާމީންނޫން އެހެން ފަރާތެއް އިންތިހާބަށް ކެންޑިޑޭޓެއްގެ ގޮތުގައި ނުނެރޭނެކަމަށް އަޑުއުފުލަމުންނެވެ. އަދި ދާދި އިހަށްދުވަހު ޕީޕީއެމުން ވަނީ ޔާމީންގެ ކެންޑިޑެސީ ފޯމަށް ބޭނުންވާ ލިޔެކިޔުންތައް ސޮއިކުރުވައިގެން ގެނުވާފައެވެ.