މިނިވަންކަމަކީ އިންސާނީ ތަބީއަތުގެ އެންމެ މަތީ އެއްސިފަކަމަށާއި އެކަމަށްޓަކައި އިންސާނާގެ މުދަލާއި ފުރާނަ ގުރުބާން ކުރާ އެންމެމަތީ ޖައުހައަކީ މިނިވަންކަން ކަމުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ ފަހުރުވެރި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވިދާޅުވީ މިނިވަންކަމުގެ ޝުޢޫރަކީ އިންސާނާގެ ހިތުގައި އެންމެ ބާރަށްޖަހާ ވިންދުކަމަށާއި އިންސާނީތަބީއަތުގެ އެންމެމަތީ އެއްސިފަކަމަށެވެ.
ބައެއްފަހަރަށް މިނިވަންކަމުގެ އުފާ އިހުސާސްކުރެވެނީ މިނިވަންކަން ގެއްލިގެން ދިއުމުންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އިންސާނަކަށް ލިބޭނެ އެންމެބޮޑު ނިކަމެތިކަމާއި, ބަލިކަށިކަމާއި ދެރަކަމާއި ހިތާމައަކީ އިންސާނާގެ ކުރިމަތީގައިވާ އަޅުވެތިކަން ކަމަށެވެ.
"އިންސާނަކު އިންސާނަކަށް އަޅުވެތިވުމަށްވުރެ ވަކިންބޮޑު ނިކަމެތިކަމެއް އިންސާނާގެ ހަޔާތުގައި ދުވަހަކުވެސް ކުރިމަތިނުވާނެ. ވަކިވަކި ފަރުދުންނާއި ގައުމުތަކުގެ އަޅުވެތިކަމުން އިންސާނީ މުޖުތަމައުތައް މިންޖުވުމަށް މަސައްކަތްކުރަނީ މިސަބަބާހުރެ. އަޅުގަނޑުމެންގެ މިކުޑަކުޑަ ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ މިނިވަންކަމަށް ލޯބިކުރާ އަޅުވެތިކަމަށް ނަފްރަތުކުރާ ރައްޔިތެއް އުޅޭ ގައުމެއް،" މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރ ފާހަގަކުރެއްވީ މިއަދުގެ އަޅުގަނޑުމެންގެ މިޖީލަށް މިނިވަންކަން އައިސްފައި ވަނީ އަޅުގަނޑުމެންގެ ކާބަފައިންގެ ހިތްވަރާއި އަޒުމާއި, މިނިވަންކަމަށް ކުރި ލޯބީގެ މަތިވެރިކަމުން ކަމެވެ. ރާއްޖޭގެ މިނިވަންކަން ނަގާލުމަށް ބޭރުގެ އުދުވާނުން މަސައްކަތްކުރި ކޮންމެ ހިނދެއްގައި މިނިވަންކަމުގެ ދިފާއުގައި ދިވެހިން ތެދުވީ ވަރަށް ހިތްވަރާއި ސާބިތުކަމާއެކުކަން ފާހަގަކުރެއްވިއެވެ. ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި އަޅުގަނޑުމެންގެ ކާބަފައިންގެ ތެރެއިން އިސްނަގައިގެން ތެދުވެވަޑައިގެންނެވި އެތައް އަބުތާލުންގެ ޒިކުރާތައް އަޅުގަނޑުމެންގެ ތާރިޚުގެ ފަތްފުށްތަކުން ދިރުވި އާލާކުރެވިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިއަދު އަޅުގަނޑުމެން މިހަނދާންކުރަނީ އެޒިކުރާ ކަމަށެވެ. ދުނިޔޭގެ ގައުމުތަކުން މިސާލު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިނިވަންކަމަކީ ސަރަހައްދުގެ ބޮޑުކަމާއި އާބާދީގެ ގިނަކަމާ ގުޅިފައިވާކަމެއް ނޫންކަމަށެވެ.
"މިނިވަންކަމަކީ މުވާތިނުންގެ ހިތުގައި އަޅުވެތިކަމާ ދެކޮޅަށް, އަޅުވެތިކަން ގަބޫލުނުކުރުމާ ދެކޮޅަށް ކަނޑައަޅާ ވަރުގަދަވެގެންވާ އަޒުމެއް. އިސްތިއުމާރީ ބާރުތަކަށް ބޯ ތިރިކުރުމަށް ނުރުހިގެން ތެދުވާ ވަރުގަދަ ސާބިތުކަމަކާ ހިތްވަރެއް. މިނިވަންކަމަކީ މުވާތިނުންގެ ހިތުގައި މިނިވަންކަމުގެ ދިފާއުގައި ގުރުބާންވާންޖެހޭ ކޮންމެ ހިނދެއްގައި ކޮންމެ ސިފައެއްގައި ތެދުވެ ގުރުބާންވުމަށްޓަކައި ލޭއޮހޮރުވާލުމަށްޓަކައި ދެވޭ ހިތްވަރެއް. އަދި މިނިވަންކަމުގެ ދިފާއުގައި އެއް އިހުސާސެއް ކުރާ އެންމެން އެކުގައި ގޮވައިގެން ތެދުވާ ހިކުމަތްތެރި ހިތްވަރުގަދަ ލީޑަރުންގެ މަސައްކަތުގެ ނަތީޖާ،" މިނިސްޓަރ ވިދާޅުވިއެވެ.
މިއަދު އަޅުގަނޑުމެންނާ ހަމައަށް އަޅުގަނޑުމެން ކާބަފައިން ފޯރުކޮށްދީފައި މިވާ މިނިވަންކަން ފަޚުރުވެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މިއަދުގެ ޖީލުގެ ބޮޑުވެގެންވާ ޒިންމާއެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ އިމްރާން ވިދާޅުވީ އެޒިންމާތައް ފުރިހަމަ ގޮތުގައި އުފުލާ އެކަމުގެ ފުރިހަމަ އިހުސާސް ހުރިހާ ރައްޔިތުން އެކުގައި ކުރުމަކީ އަޅުގަނޑުމެން އަދާކުރަންޖެހޭ ގައުމީ ވާޖިބެއް ކަމަށެވެ. މިއަދުގެ ސަރުކާރުން އެޒިންމާ ރައީސުލްޖުމްހޫރިއްޔާ ވަރަށް ވިސްނުންތެރިކަމާއި, ހިކުމަތްރެރިކަމާއެކު ނަންގަވަމުން ގެންދަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އަދިވެސް އިތުރަށް ވާހަކަފުޅުގައި މިނިސްޓަރ ވިދާޅުވެފައިވަނީ މިއަދުގެ ދުނިޔޭގައި މިނިވަންކަން ގެއްލިގެންދަނީ ގައުމުތަކާމެދު ބޭއްވޭ ގުޅުންތަކާ އެކަމުގައި ކަންކުރެވޭ ނުރައްކާތެރި ގޮތްތަކުގެ ސަބަބުންކަމަށެވެ. ނަމަވެސް އެކަން އިހުސާސްކުރެވި ދުނިޔޭގެ ހުރިހާ ގައުމުތަކާއެކު ބޭއްވޭ ސުލުހަވެރި މަތިވެރި ގުޅުންތަކަކީ އަޅުގަނޑުމެންގެ ރާއްޖޭގެ މިއަދުގެ މިނިވަންކަމުގެ ރަމްޒުކަމުގައިވެސް އިމްރާން ވިދާޅުވިއެވެ. މިގުޅުން މިގޮތުގައި ދެމިއޮންނާނީ ރާއްޖޭގެ ފުރިހަމަ ހާރިޖީ ސިޔާސަތު ކަނޑައެޅި އެސިޔާސަތު ދެމެހެއްޓުމުގެ މަތިވެރި ޒިންމާ އަދާކުރާ ބޭފުޅުންގެ އިއްޒަތާއި ޝަރަފްވެރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންކަން މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ސަލާމަތީ ޚިދުމަތްތަކުން ކުރައްވާ މަސައްކަތްތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި, ދިވެހި ހުރިހާ ރައްޔިތުންނަށް މިނިސްޓަރ ޢިމްރާން ޢަބްދުالله ވަނީ ތަހުނިޔާ ފޮނުއްވާފައެވެ.