ޕީޕީއެމްގެ ނައިބު ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޕީޕީއެމްގެ ޓިކެޓް ހޯއްދަވަން އުޅުއްވާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި، އަބަދުވެސް ޔާމީނަށް ކަމޭހިތައި ލޯބިވަނީ އެއްވެސް ޝަރުތަކާ ނުލައިކަމަށް ވިދާޅުވެއްޖެއެވެ.

މުއިއްޒުމިހެން ވިދާޅުވީ ޓީވީ މެދުވެރިކޮށް މިރޭ ދެއްވި ހާއްސަ މެސެޖެއްގަވެ. މިއަދު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ފޮނުވި ނަމަވެސް، ވީގޮތެއް ނޭނގި ފަހު ވަގުތު ކެންސަލް ކުރުމަށް ފަހު މުއިއްޒު ދެއްވި މިމެސެޖުގައި ވިދާޅުވީ ޔާމީނަކީ އަބަދުވެސް ލޯބިވެވަޑައިގަންނަވާ އަދި ކަމޭހިއްތަވާ ބޭފުޅެއް ކަމަށާއި އެކަމުގައި އެއްވެސް ޝަރުތެއް ވެސް ނެތް ކަމަށެވެ. ކުރިންވެސް މިހާރުވެސް އަދި މާދަންވެސް ހުންނަވާނީ ޔާމީންގެ ވަފާތެރިއެއްގެ ގޮތުގައި ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ޔާމީނަކީ އެންމެ ކަމުދާ ޝަހްސިއްޔަތުކަން ހާމަކުރައްވައި މުއިއްޒު ވިދާޅުވީ އޭރުވެސް މިހާރުވެސް ގައުމަށް ހިދުމަތް ކޮށްދެއްވޭނެ ލީޑަރަކީ ޔާމީން ކަމަށާއި ވެރިކަމުގައި ހުންނެވި އިރުވެސް އެމަނިކުފާނަކީ ހައްގުބަސް ވިދާޅުވުމުގައި ލާމަސީލު މިސާލެއް ކަމަށެވެ. ޔާމީނަށް ކޮށްފައިވާ ހުކުމަކީ ނުހައްގުން ކޮށްފައިވާ ހުކުމެއް ކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ ޔާމީން މިނިވަން ކުރުމަށް ކުރަމުން އަންނަ މަސައްކަތް އިތުރަށް ފުޅާ ކުރަންޖެހޭ ކަމަށާއި އެއީ މައުސޫމް ބޭފުޅެއް ކަމަށެވެ.

"ގާތް ގަނޑަކަށް އެއްހާސް ދުވަސް މިވަނީ ނުހައްގުން ޖަލުގައި ހުންނަތާ، ތިން ފަހަރު މަތިން ހައްޔަރުކޮށްފި. އަޅުގަނޑުމެންގެ ޕާޓީގެ ހުރިހާ މެންބަރުންގެ އަޒުމަކަށް ވާންޖެހޭނީ މި ހުތޫރަތްތެރި ދަޑިވަޅުގައިވެސް އެމަނިކުފާނު މިނިވަން ކުރުމަށް މަސައްކަތް ކުރުމަށް" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވަނީ ޖަލުގައި ހުންނެވި ނަމަވެސް ޕީޕީއެމްގެ ރިޔާސީ ޓިކެޓް އަރުވާފައިވާ ބޭފުޅަކީ ޔާމީން ކަން ފާހަގަކުރައްވައި އެ ކަމަށް ހުރަސް އެޅުމުގެ ބަދަލުގައި އެމަނިކުފާނަށް ފުރިހަމަ ސަޕޯޓު ދިނުމަށް ޕާޓީގެ މެންބަރުންނަށް ގޮވާލައްވާފައެވެ. އަދި ކޮންމެ މީހަކު ކުރި ނަމަވެސް އެފަދަ އަމަލެއް [ދޭތެރެ ޖެހޭ ކަހަލަ ކަމެއް] ބަލައިނުގަނެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި މުއިއްޒު ވާދަކުރައްވަން އުޅުއްވާ ކަމުގެ އަޑުތައް ފެތުރިފައިވިކަމަށްވިޔަސް މުއިއްޒު ހުންނަވާނީ ޔާމީންގެ ފަހަތްޕުޅުގައި ކަމަށް މިރޭވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޔާމީން ފޯމް ފުރުއްވައި އިންތިހާބީ އެޖެންޓު ހަމަޖައްސާފައިވާއިރު، ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ ވަގުތު ނުހަނު ކުޑަތަންވެފައިވާ މިދަނޑިވަޅުގައި އަދިވެސް ޔާމީންގެ އިސްތިއުނާފީ މައްސަލަ އޮތީ ކުރިއަށް ނުގެންދެވިތާށިވެފައެވެ. އަދި އިންތިހާބަށް ޔާމީނަށް ކުރިމަތިލެއްވޭނެކަމުގެ ފުރުސަތު ހަނިވަމުންއަންނަ މިދަނޑިވަޅުގައި ޕީޕީއެމްގެ ޓިކެޓް ހޯދަން އެޕާޓީގެ އެކި ބޭފުޅުން އުޅުއްވާ ކަމަށް އަޑުތައް ދަނީ ފެތުރެމުންނެވެ. އަދި މިފަދަ ތުހުމަތުތަކުގައި މުއިއްޒުގެ ނަންވެސް ވަނީ ހިމެނިފައެވެ. އެހެންނަމަވެސް މިރޭ ދެއްކެވި ވާހަކައިގައި މުއިއްޒު ވަނީ ޓިކެޓުގެ ވާހަކަ ނުދައްކަވައި ޔާމީނަށް އޮތް ވަފާތެރިކަމާއި ލޯބި ހާމަކޮށްދެއްވާފައެވެ..